ފުރަތަމަ ސަފްޙާ / ޚަބަރު / ރައީސް މުއިއްޒު އާއި ފީފާގެ ރައީސް މާދަމާ ފުޓްބޯޅަ މެޗަކަށް

ރައީސް މުއިއްޒު އާއި ފީފާގެ ރައީސް މާދަމާ ފުޓްބޯޅަ މެޗަކަށް

އެޑްމިން
އެޑްމިން
3 މަސް ކުރިން 23 އޮކްޓޫބަރު 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވާދަކުރާ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު ގަލޮޅު ދަނޑުގައި އޮންނާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ހާއްސަ ފުޓްބޯޅަ މެޗެއް އެފްއޭއެމްއިން ރޭވީ އިންފަންޓީނޯ މާދަމާ ހެނދުނު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހުމާއި ގުޅިގެންނެވެ. ފީފާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ 2006 ވަނަ އަހަރެވެ. އޭރު ފީފާގެ ރައީސްކަމުގައި ހުންނެވި ސެޕް ބްލެޓާ ރާއްޖެ ވަޑައިގަތީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.

އެގްޒިބިޝަން މެޗެއްގެ ގޮތުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި މެޗު ކުޅޭނީ ހަވީރު 4 އިން 6 އަށެވެ. މި ހަރަކާތުގައި ރާއްޖޭގެ އެކަޑެމީތަކާއި، ޔޫތު ޓީމުތައް ހިމެނޭ މެޗެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެފްއޭއެމުން ވަނީ އެ މެޗުގެ ދައުވަތު ދިވެހި ސަޕޯޓަރުންނަށް ދީފަ އެވެ.

އިންފަންޓީނޯގެ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އޮފިޝަލުން އަދި ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހުއްޓިފައި އޮތް ރާއްޖޭގެ ފުޓްބޯޅަ ކޮޅަށް ޖެހުމަށް މިދިޔަ އަހަރެއްހާ ދުވަހު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން އެފްއޭއެމްގެ އިންތިހާބު ބާއްވައި އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް އަހުމަދު ތޯރިގު (ޓޮމް) ވަނީ ހޮވިވަޑައިގެންފަ އެވެ. ރައީސްކަމުގެ މަގާމަށް އިންތިހާބުވުމަށް ފަހު ތޯރިގު އަންނަނީ ފުޓްބޯޅައިގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!