މީގެކުރިން ތަފާތުކުރުން އޮތް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް ސަރުކާރުން ބޮޑުކޮށްފި އެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށް އެއްހަމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ އެލަވަންސަށް ގެނައި ބަދަލުތަކުގެ ތަފްސީލް އޮކްޓޫބަރު 16 ވަނަ ދުވަހު އެސޯސިއޭޝަންތަކާ ހިއްސާކޮށްފަ އެވެ. އެގޮތުން ކުރިން އެލަވަންސްގެ ގޮތުގައި ދިން 5000 ރުފިޔާ މިހާރު ވަނީ 7000 އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
މީގެކުރިން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް 5000 ރުފިޔާ ދޭއިރު އޮފިޝަލުންނަށް ދެނީ 2500 ރުފިޔާގެ އެލަވަންސެކެވެ.
އަލަށް ގެނައި ބަދަލާއެކު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ޕެރަ އެތުލީޓުންނަށް ވެސް 7000 ރުފިޔާގެ އެލަވަންސް ލިބޭނެ އެވެ. އެލަވަންސް ބޮޑުކުރަން ނިންމީ މިދިޔަ މެއި މަހުން ފެށިގެންނެވެ. އެހެންކަމުން މެއި މަހުން ފެށިގެން ނުލިބި ހުރި ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުޅިވަރު ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ. އާ އެލަވަންސާއެކު ފުރަތަމަ ފަހަރަށް 7000 ރުފިޔާ ލިބެންފަށާނީ އަންނަ މަހުން ފެށިގެންނެވެ.
އެލަވަންސް އެއްހަމަކުރި ނަމަވެސް މިހާރު ރާއްޖޭގައި އެންމެ މަޝްހޫރު އެއް ކުޅިވަރު، ފުޓްސަލް ހިމެނިފައެއްނުވެ އެވެ. ރާއްޖޭގައި ފުޓްސަލްގެ ކަންކަން ރެގިލޭޓްކުރުމުގެ ރަސްމީ ހައިސިއްޔަތު އޮންނަނީ އެފްއޭއެމްއަށެވެ. އެހެންނަމަވެސް ރާއްޖޭގައި ފުޓްސަލްގެ ގައުމީ ލީގެއް ނުވަތަ އެފްއޭއެމުން އިންތިޒާމުކުރާ ޑޮމެސްޓިކް މުބާރާތްތަކެއް ނޯވެއެވެ.
އެފްއޭއެމުން މުބާރާތްތައް ނުބޭއްވި ނަމަވެސް، ގައުމީ ފުޓްސަލް ޓީމު އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. އެގޮތުން މިއަހަރު ވެސް ގައުމީ ފުޓްސަލް ޓީމު ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކޮށްފަ އެވެ. އަދި، އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ނިންމާފައިވާ ސާފް ސަރަހައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ވެސް ރާއްޖެ ބައިވެރިވާނެ އެވެ.
ފުޓްސަލް ގައުމީ ޓީމަށް އެލަވަންސް ހަމަޖެއްސުމުގެ ކަންކަން ބަލަމުންދާކަމަށް ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު މީގެކުރިން ވަނީ ވިދާޅުވެފައެވެ.