އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ތަޖިކިސްތާނާ ވާދަކޮށް ގައުމީ ފުޓްބޯޅަ ޓީމު ބަލިވިޔަސް ޓީމަށް އޮތް ލޯބި ސަޕޯޓަރުން ދައްކާލައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ. މިއީ މިދިޔަ 733 ދުވަސްތެރޭ ގައުމީ ފުޓްބޯޅަ ޓީމު އަމިއްލަ ގައުމުގައި ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.
މިއަދުގެ މެޗު ބެލުމަށް 3100 އަށް ވުރެ ގިނަ މީހުން ގަލޮޅު ދަނޑަށް ވަނެވެ. އަދި، މެޗު ފެށިގެން ނިމެންދެން ޓީމަށް ތަރުހީބު ދިނުމުގައި ސަޕޯޓަރުން ތިއްބެވެ.
މެޗުން ރާއްޖެ ބަލިވިއިރު ފުރަތަމަ ހާފު ދެ ގޯލު ވަނެވެ. ތަޖިކިސްތާނުގެ ފަހު ގޯލު ޖެހީ ދެވަނަ ހާފުގަ އެވެ.
މެޗުގައި ރާއްޖޭގެ ޓީމުން ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. އަދި، ގޯލު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސްކުރި އެވެ. ގިނަ ދުވަސްތަކެއް ވަންދެން މެޗުތަކެއް ނުކުޅެ ތިބެންޖެހުމާއެކު އެންމެ ރަނގަޅު ފޯމުގައި ކުޅެ ރާއްޖޭގެ ޓީމަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ.
ކޮލިފައިންގައި ރާއްޖެ ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އެއީ ރަށުން ބޭރުގައި ފިލިޕީންސް އާއި ޓިމޯ ލެސްޓޭ އަދި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗާއި މިއަދުގެ މެޗެވެ.
މިދިޔަ ދެ އަހަރުތެރޭ އަމިއްލަ ދަނޑުގައި ކުޅޭނެ ވާދަވެރި މެޗެއް ނުލިބުނުއިރު، ރާއްޖޭގެ ފުޓްބޯޅަ ވެސް އޮތީ ހުއްޓިފަ އެވެ. އެފްއޭއެމްގެ ހިންގުން ބޮއްސުންލައި އެ އިދާރާ އަލުން ރީފޯމްކޮށް މިހާރު ވަނީ ފުޓްބޯޅަ ލީގުގެ ކުޅުން ފަށައިފަ އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކޮލިފައިންގެ ދެން ކުޅޭ މެޗުގައި ނޮވެމްބަރު މަހު 18 ވަނަ ދުވަހު ވާދަކުރާނީ ފިލިޕީންސާ އެވެ. އޭގެފަހުން ފަހު މެޗުގައި މާރިޗު 31 ވަނަ ދުވަހު ކުޅޭނީ ޓިމޯ ލެސްޓޭއާ އެވެ. އެ ދެމެޗު ވެސް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ.