ދެއަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ވާދަވެރި މެޗުގައި މިއަދު ހަވީރު ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ ދިވެހިންނަށް ހާއްސަ މެޗެކެވެ. ފުޓްބޯޅަ ހުއްޓި ގައުމީ ޓީމު ވެސް ވާދަވެރި މެޗެއް ރާއްޖޭގައި ނުކުޅޭތާ މިއަހަށް 733 ދުވަސް ވަނީ ވެފަ އެވެ.
މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ޓީމު ތަޖިކިސްތާނާ ދެކޮޅަށް ނުކުންނަނީ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. ކޮލިފައިންގައި ރަށުން ބޭރުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ތަޖިކިސްތާން އަތުން 0-2 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު ޖުމްލަކޮށް އެ މެޗުގައި ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ކޮލިފައިންގައި ރާއްޖެ ވަނީ ރަށުން ބޭރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އެއީ ފިލިޕީންސާއި ޓިމޯ ލެސްޓޭ އަތުންނެވެ. ރާއްޖެއަށް ބާކީ އޮތީ އެ ތިން ގައުމާ އެކު ގަލޮޅު ދަނޑުގައި ކުޅޭ މެޗުތަކެވެ.
ރާއްޖޭ އާއި ތަޖިކިސްތާން ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 3:30 ގަ އެވެ. އެ މެޗު ބެލުމަށް ދިވެހި ސަޕޯޓަރުންނަށް މިހާރު ދަނީ ޓިކެޓް ވިއްކަމުންނެވެ.
ގައުމީ ޓީމުން އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ގަލޮޅު ދަނޑަށް ގޮސް ޓީމަށް ތަރުހީބު ދިނުމަށެވެ. ރާއްޖޭގެ ފުޓްބޯޅަ އަލުން ފަށައިގެން ކުރިއަށްދާއިރު މިއަދު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓަރުންގެ އެހީ ބޭނުންވާނެ މެޗެކެވެ.