ފުރަތަމަ ސަފްޙާ / ޚަބަރު / ޔަމާލް: ކޮންމެ 50 އަހަރަކުން އެއް ފަހަރު ފެންނާނެ ހުނަރެއް

ޔަމާލް: ކޮންމެ 50 އަހަރަކުން އެއް ފަހަރު ފެންނާނެ ހުނަރެއް

އެޑްމިން
އެޑްމިން
9 މަސް ކުރިން 1 މެއި 2025

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީއާ އަޅާކިޔުމަކީ ރުހޭ ކަމެއް ނޫންކަމަށް ބާސެލޯނާގެ ޒުވާން ތަރި ލަމިން ޔަމާލް ބުނީ އިހަކަށް ދުވަހުއެވެ. އެކަމަކު ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޔަމާލު އެ ދައްކާލި ކުޅުމަކީ އުމުރުން 17 އަހަރުގައި މެސީ ހުވަފެނުން ދެކެމުން އައި ކުޅުން ކަމުގައި ވެދާނެ އެވެ.

ރޭ ބާސެލޯނާ އާއި އިންޓަ މިލާން ވާދަކޮށް 3-3 އިން އެއްވަރުވެގެން ނިމުނު މެޗަކީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ޝައުގުވެރި އެއް ސެމީ ފައިނަލް މެޗެވެ. މި މެޗުގައި އިންޓަ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށް އަނެއް ގޯލް ޖެހުމުގައި އެހީތެރިވެދިނީ އެ ޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާ އެވެ. އެކަމަކު ހުރިހާ ބޮޑެތި މީޑިއާތަކެއްގައި ކހަލަ ގޮތަކަށް ދުނިޔޭގެ ކުޅިވަރު ހަބަރުތަކުގެ ފަލަ ސަރުހީން ޖާގަ ހޯދާފައިވަނީ ބާސެލޯނާއަށް ރޭ 100 ވަނަ މެޗް ކުޅުނު ޔަމާލެވެ.

ޔަމާލް ވަނީ ރޭގެ މެޗްގައި 0-2 އިން ބާސެލޯނާ ފަހަތުގައި އޮއްވައި ލަނޑެއް ޖަހައި ބާސެލޯނާ މެޗުގެ ތެރެއަށް އަލުން ގެނެސްފައެވެ. މިއީ ބާސެލޯނާއަށް ޔަމާލް ކާމިޔާބުކޮށްދިން 22 ވަނަ ލަނޑެވެ. މިއީ އިންޓަގެ ތިން ޑިފެންޑަރުން ކަޓުވާލުމަށްފަހު ޔަމާލު ކާމިޔާބުކުރި ގޯލެކެވެ.

ޔަމާލް ވަނީ މިދިޔަ އަހަރު އޮތް ޔޫރޯ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައިވެސް ގޯލް ޖަހައިފައެވެ. 18 އަހަރު ނުފުރެނީސް އޭނާ މިހާރު އެހުރީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެއް ފެންވަރެއްގައެވެ.

“އަހަރެންނަކަށް ހިޔެއް ނުވޭ އަހަރެންނަށް މީގެ ކުރިން ފެނުނުހެނެއް އެއް ކުޅުންތެރިޔަކު މިހާ މޮޅަށް 45 މިނެޓް ކުޅުނު ތަނެއް” މެޗުގެ ފުރަތަމަ ހާފް ނިމުމާއެކު ކުޅުންތެރިން ޑްރެސިންގް ރޫމަށް ވަންނަން ދިޔަ ވަގުތު ޓީއެންޓީ ސްޕޯޓްސްގެ އެނަލިސްޓް ބުނެފައިވެއެވެ.

ރޭގެ މެޗުގައި ޔަމާލް ދެއްކި މޮޅު ކުޅުމަށް އިންޓަގެ ކޯޗް ސިމިއޯނީ އިންޒާގީވެސް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

“ޔަމާލްގެ ފަރާތުން އެ ފެންނަ ހުނަރަކީ ކޮންމެ 50 އަހަރަކުން ފެންނާނެ ވަރުގެ ހުނަރެއް. މިހާ ގާތުން އޭނަގެ ކުޅުން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް.” އޭނާ ބުންޏެވެ.

“އަހަރެމެންނަށް އޭނަ ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިކުރި. އަހަރެމެން ނިންމައިގެން ތިބީ އޭނަ ހުއްޓުވަން ދެ ކުޅުންތެރިން ބައިތިއްބަން. އެކަމަކު އެވަރަކުންވެސް ނުފުދުނު.” އިންޒާގީ ބުނެފައިވެއެވެ.

ބާސެލޯނާގެ ޔަމާލް. އޭނާއަކީ ތަފާތު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް

ރޭގެ މެޗު ފެށުމުގެ ކުރިން ބާސެލޯނާގެ ކުޅުންތެރިން ވޯމްއަޕް ކުރަމުންދިޔަ ވަގުތު ޔަމާލްގެ އުކުޅުވަޅަށް ތަދެއް އަރައިގެން އުޅުނު ކަހަލަ ގޮތަކަށްވެސް ފެނުނެވެ. އަދި އެވަގުތު ޔަމާލް ޑްރެސިން ރޫމާ ދިމާއަށް ދިއުމާއެކު ރޭގެ މެޗްގައި އޭނާއަށް ކުޅެވިދާނެތޯ ވެސް ސުވާލު އުފެދުނެވެ.

ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ޔަމާލް ކުޅެން އެރި ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި އިންޓަ މިލާނުން ދެ ގޯލްގެ ލީޑެއް ނެގުމާ ހަމައަށް އޭނާގެ ފަރާތުން ފާހަގަކުރެވޭ ވަރުގެ ކުޅުމެއް އޮތީ ނުފެނި އެވެ. ދެ ކުޅުންތެރިން މާކް ކުރަމުންދިޔަ ޔަމާލް ހޭލީ އެ ހިސާބުންނެވެ. އެއާއެކު މެޗްގެ 25 ވަނަ މިނެޓްގައި އިންޓަގެ ހާފް ތެރެއިން ލިބުނު ބޯޅައެއް އެ ޓީމްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ވަރަށް ފަސޭހަކަމާއި އިތުބާރާއެކު އެ ވައްދާލީ ގޯލްގެ ދުރު ކަނަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ޔަމާލަށް ލިބުނު ބޯޅައެއް މިފަހަރު މާ ގިނަ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ބާރު އުންޑައެއް ހެން ފޮނުވާލުމުން އިންޓަގެ ގޯލްކީޕަރު ޔަން ސޯމާއަށް ދިފާއުކުރެވުނީ ހަމަ ކިރިޔާއެވެ. މެޗުގައި ބާސެލޯނާއިން ދެވަނަ ފަހަރަށް ފަހަތުން އަރައި ޖެހި ގޯލްގައިވެސް ޔަމާލް މުހިންމު ދައުރެއް އަދާކުރިއެވެ. މީގެ އިތުރުން މެޗު ނިމެން އުޅެނިކޮށް ޔަމާލް ނަގައިދިން ހުރަހެއް ގޮސް ހުއްޓުނީ ގޯލު ދަނޑީގައި ޖެހިފައެވެ.

މިއަހަރުގެ ޖުލައި މަހު 18 އަހަރު ފުރޭ ޔަމާލް ވަނީ މިހާރުވެސް އެތައް ރެކޯޑެއް ހަދައިފަ އެވެ. މިހާތަނަށް ބާސެލޯނާއަށް ކުޅުނު 100 މެޗުގައި ކާމިޔާބުކޮށްދިން 22 ގޯލްގެ އިތުރުން އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 19 މެޗް ކުޅެ ހަތަރު ގޯލް ޖަހައިފަ އެވެ. މީގެ އިތުރުން ބާސެލޯނާއަށް 27 ގޯލް ކާމިޔާބުކޮށްދިނުމުގައި ޔަމާލް އެހީތެރިވެފައިވާއިރު އޭގެ ތެރޭގައި މިދިޔަ ހަފްތާގައި އޮތް ކޮޕަ ޑެލް ރޭ ފައިނަލްގައި ރެއާލް މެޑްރިޑް ކޮޅަށް ބާސެލޯނާއިން ޖެހި ދެ ގޯލް ވެސް ހިމެނެއެވެ.

އުމުރުން 17 އަހަރުގައި ޔަމާލް ސްޕެއިންއާ އެކު ޔޫރޯ ކާމިޔާބުކުރި. ޔަމާލްގެ ހުނަރަކީ ދުނިޔެއިން މަދުން ފެންނަ ހުނަރެއް

މިފަހަކަށް އައިސް ދުނިޔެ ދުށް އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އުމުރު 18 އަހަރު ވުމުގެ ކުރިން ގައުމީ ޓީމުގެ ޖޯޒީގައި މެޗެއް ކުޅުމުގެ ފުރުސަތު ނުލިބުނުއިރު ޔަމާލް ވަނީ އުމުރުން އެންމެ 17 އަހަރު ފުރުނުތާ އެއް ދުވަސްފަހުން ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

އުމުރުން 18 އަހަރުވުމުގެ ކުރިން މެސީއަށް ސީނިއާ ލެވަލްގައި ކާމިޔާބުކުރެވިފައި އޮތީ އެންމެ ގޯލެކެވެ. ރޮނާލްޑޯ އަތުގައި އޮތީ 18 އަހަރުވީއިރު އެކަހަލަ އެންމެ ފަސް ގޯލެވެ. 18 އަހަރުވުމުގެ ކުރިން 30 ގޯލް ހަމަކުރުމުގެ ފުރުސަތުވެސް އަދި ޔަމާލަށް އެބަ އޮތެވެ.

ޔަމާލް ވަނީ އުމުރުން އެންމެ 15 އަހަރުގައި ސްޕެނިޝް ލީގުގައި ކުޅެން ފަށައި އެ ލީގުގައި އެންމެ ޒުވާން އުމުރުގައި ކުޅެން ފެށި ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދައިފަ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގައި ގޯލްޖެހި އަދި ގޯލް ޖަހަން އެހީތެރިވި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތީ ޔަމާލް އަތުގަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައިވެސް ޔަމާލްގެ ނަން ލިޔަންޖެހިފައި އޮތީ ހަމަ އެހެނެވެ. މުބާރާތުގެ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ހަގު ކުޅުންތެރިޔަކީ ޔަމާލެވެ. ނޮކައުޓް ބުރުގައި އަދި ކުއާޓާ ފައިނަލް މެޗެއްގައިވެސް ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔަކީ ވެސް ޔަމާލެވެ. އެންމެ ފަހުން ރޭ އެ ހޯދީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗެއްގައި ގޯލްޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!