ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. ޓޭބަލްގެ ހަތަރުވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް ރެއާލަށް މެޗް ކާމިޔާބުކުރެވުނީ މެޗްގެ 93 ވަނަ މިނެޓްގައި ފެޑެރީކޯ ވަލްވާޑޭ ޖައިހައިދިން ރީތި ގޯލުންނެވެ.
ވާތު ފައިން ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އުރުގުއޭގެ މިޑްފީލްޑަރު ވަލްވާޑޭއަށް އެ ގޯލް ކާމިޔާބުކުރިއިރު ފަހު ހާފުގައި ރެއާލް އިން ވަނީ ބިލްބާއޯގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާކޮށްފަ އެވެ. މިއީ 26 އަހަރުގެ ވަލްވާޑޭ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ. އެކަމަކު މިއީ ޑިސެމްބަރު މަހު ރެއާލުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗްގެ ފަހުން ވަލްވާޑޭއަށް ކާމިޔާބުކުރެވުނު ފުރަތަމަ ގޯލެވެ.
ރޭގެ މެޗުގައި ރެއާލްއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ސަސްޕެންޝަންގެ ސަބަބުން ނުކުޅެ އެވެ. އެމްބާޕޭ އެއް މެޗަށް ސަސްޕެންޑްކުރީ ލީގުގައި ރެއާލުން އަލަވެސްއާ ވާދަކޮށް 0-1 އިން މޮޅުވި މެޗްގައި ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.
ރޭގެ ނަތީޖާއާއެކު ރެއާލުން ވަނީ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ރެއާލް އެކޭ އެއްގޮތަށް ބާސެލޯނާއިން ވެސް މި ހަފްތާ ބަންދުގައި ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ އުނދަގުލުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއިން ސެލްޓަވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި 3-1 އިން ސެލްޓަވީގޯ ކުރީގައި އޮއްވައި ފަހަތުން އަރައި މެޗް ކާމިޔާބުކުރީ ފަހުމިނެޓްގައި ކާމިޔާބުކުރި ގޯލަކުންނެވެ.
ރޭ ރެއާލުން ހޯދި މޮޅަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި 5-1 ގެ އެގްރިގޭޓް ނަތީޖާއިން އާސެނަލް އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލައި ލީގުގެ ތަށި ދިފާއުކުރުމަށް ކުރަމުން އައި އުންމީދު އާކޮށްދިން ނަތީޖާއެކެވެ. ލީގުގައި ބަކީ ދެން އޮތީ އެންމެ ހަ މެޗެވެ.