މި ސީޒަނުގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ނެރެ، އޭރު ހަމަޖެހިލާފައި އެއްވަނައި އޮތް ބާސެލޯނާ އަށް އެ މަގާމް ގެއްލުނުތާ ދެ މަހެއްހާ ދުވަސް ފަހުން އަލުން އެއް ވަނަ މަގާމަށް އަރައިފި އެވެ.
ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ބާސެލޯނާ ކުރިއަށް ޖެހިލީ ރޭ އަމިއްލަ ދަނޑުގައި ވަރަށް އުނދަގުލުން 0-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްގެންނެވެ.
މޮޅާ އެކު ބާސެލޯނާ ވަނީ ރެއާލްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ދެޓީމަށް ވެސް 51 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް އެއް ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އެޓީމަށް 40 ގޯލު ފައިދާ އޮތްއިރު ރެއާލްގެ އޮތީ ފައިދާ 29 ގޯލެވެ.
ރެއާލް ދެވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ 50 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ. ގާތްގާތުގައި ތިން ޓީމު އޮތްއިރު މިފަހަރު ސްޕެއިނުން ފެންނާނީ ވާދަވެރި ލީގު ރޭހެކެވެ.
މި ހަފްތާ ބަންދުގައި ރެއާލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތައް ވެސް ނިމުނީ އެއްވަރުވެގެންނެވެ. އެހެންވެ، މޮޅަކާއެކު ބާސެލޯނާ އެއްވަނަ އަށް އަރަން ފުރުސަތު ލިބުނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުން ލީގުގެ އެއްވަނަ ބާސެލޯނާ އަށް އެ ލިބުނީ އަލަށެވެ. ސީޒަނުގެ ކުރީކޮޅު ގިނަ ގޯލުތަކެއް ޖަހައި މެޗުތަކުން މޮޅުވިޔަސް، އޭގެފަހުން އެޓީމުގެ ފޯމު ވެއްޓުނެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން 28 ވަނަ މިނެޓުގައި ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީގެ ގޯލަކީ ލީގުގައި ޖެހި 20 ވަނަ ގޯލެވެ. ސީޒަނުގައި ލެވަންޑޯސްކީ ވަނީ މިހާތަނަށް 32 ގޯލު ޖަހައިފަ އެވެ.
ބާސެލޯނާ މޮޅުވިޔަސް، ރަޔޯ ވަޔެކާނޯއިން ބާސެލޯނާ އަށް ވަރަށް ނުރައްކާކުރި އެވެ. މެޗުގައި އެޓީމުން ގޯލެއް ވެސް ޖެހި އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ގޯލު ކެންސަލްކުރީ އެވަގުތު ބާސެލޯނާގެ އިނީގޯ މާޓިނޭޒަށް ރަޔޯ ވަޔެކާނޯ ކުޅުންތެރިއަކު ފައުލްކުރި ކަމަށް ބުނެ އެވެ.
އެ ހާލަތުގެ އިތުރުން ވެސް ރެފްރީންގެ ނިންމުންތަކާއި ގުޅޭ ގިނަ ޝަކުވާތަކެއް ރަޔޯ ވަޔެކާނޯއިން ކުރި އެވެ. އެކަމަކު ބާސެލޯނާ އިން އެޓީމަށް ލިބިފައި އޮތް ލީޑުގައި އޮވެ މުހިއްމު މޮޅު ކަށަވަރުކުރި އެވެ.