ފުރަތަމަ ސަފްޙާ / ޚަބަރު / ދިހަ އަހަރު ދޮށްޓަސް ލެވަންޑޯސްކީ އެމްބާޕޭ އަށް ވުރެ ކުރީގައި

ދިހަ އަހަރު ދޮށްޓަސް ލެވަންޑޯސްކީ އެމްބާޕޭ އަށް ވުރެ ކުރީގައި

އެޑްމިން
އެޑްމިން
10 މަސް ކުރިން 31 މާރޗް 2025

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ ދެކޮޅަށް ބާސެލޯނާއިން ކުޅުނު މެޗުގައި ޖެހި ދެ ގޯލާއެކު ލަނޑު ލިސްޓުގެ ކުރީގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދަމަހައްޓަމުން އައި ލީޑް އަނެއްކާވެސް ފުޅާކޮށްފި އެވެ.

އަމިއްލަ ދަނޑުގައި 1-4 އިން ބާސެލޯނާއިން ކާމިޔާބުކުރި މެޗާއެކު އެ ޓީމުން ލީގު ޓޭބަލްގެ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ވަނީ ނަގައިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން 66 ޕޮއިންޓް ބާސެލޯނާއިން ހޯދައިފައިވާއިރު 63 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ. ތިން ވަނައިގައި 57 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ ރޭ ޖަހައިދިން ދެ ގޯލާއެކު ލީގުގައި އޭނާ ޖެހި ގޯލްގެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ. ޕޮލެންޑްގެ މި ކުޅުންތެރިޔާއާ އެންމެ ގާތުން ވާދަކުރަނީ ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. އުމުރުން 26 އަހަރުގެ ފޯވާޑް ވެސް އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ވަނީ ދެ ގޯލް ޖަހައިފަ އެވެ. އެ ދެ ގޯލާއެކު ސްޕެނިޝް ލީގުގައި މިދިޔަ އަހަރު އަލަށް ކުޅެންފެށި އެމްބާޕޭ ވަނީ 22 ލީގު ގޯލް ހަމަކޮށްފަ އެވެ.

މުޅި މި ސީޒަންގައި މިހާތަނަށް ލެވަންޑޯސްކީއާއި އެމްބާޕޭ ކުޅުނު ހުރިހާ މުބާރާތްތަކުގައި ކާމިޔާބުކޮށްފައިވާ ގޯލުގެ އަދަދަށް ބަލާއިރުވެސް ލެވަންޑޯސްކީ އުޅެނީ އެމްބާޕޭއަށްވުރެ ކުރީގަ އެވެ. މިސީޒަނުގައި މިހާތަނަށް ލެވަންޑޯސްކީ ޖެހި ގޯލުގެ އަދަދު 38 އަށް އަރައިފައިވާއިރު އެމްބާޕޭއަށް އަދި ކާމިޔާބުކުރެވިފައިވަނީ 33 ގޯލެވެ.

އެންމެ ފަހުން ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ލެވަންޑޯސްކީ ބުނީ އޭނާ އަދިވެސް ހުރީ ވަރަށް ފިޓްކޮށް ކަމަށާއި، އަދި އަހަރުތަކެއް ވަންދެން އެންމެ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށެވެ.

“ވަރަށް ގިނަ މީހުން އަހަރެންގެ އުމުރުގެ ވާހަކަ ދައްކާ. އެކަމަކު އަހަރެންނަށް ހަށިގަނޑުގެ ބާރު ދަށްވާކަމުގެ އިހުސާސެއް ނުކުރެވޭ. ހަމަގައިމުވެސް މިހާރުގެ ޑޭޓާ އާއި މީގެ އަހަރުތަކެއް ކުރީގެ ޑޭޓާއިން މާ ބޮޑު ތަފާތެއް ނުދައްކާ. އެއްވަރެއްގައި ހިފަހައްޓަން އަހަރެން މިއަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. އަދި އަހަރުތަކެއް ވަންދެން އެންމެ މަތީ ފަންތީގައި ކުޅެން އަހަރެން ބޭނުން” ކުރިން ބަޔާން މިޔުނިކާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފައިވާ ލެވަންޑޯސްކީ ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!