ރެއާލް މެޑްރިޑްގައި ކިލިއަން އެމްބާޕޭ ވިދާލާތައް ބަލަން ކެތްމަދުވެފައިވާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ދުނިޔޭގައި މިވަގުތު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެމްބާޕޭ، 25، މިހާރު ވަނީ ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. ކުޑައިރުގެ ހުވަފެނީ ކްލަބް، ރެއާލާ ގުޅެން އެމްބާޕޭ ބޭނުންވާތާ އަހަރުތަކެއްވެއްޖެ އެވެ. އެކަމަކު ޕީއެސްޖީ އިން ދޫ ނުދިނުމުން އެމްބާޕޭ އަށް އެކަން ނުވީ އެވެ. ޕީއެސްޖީގެ އެއްބަސްވުން ހަމަވުމުން އެމްބާޕޭ ރެއާލްއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެކަމަކު މުސާރައިގެ ގޮތުގައި ރެއާލުން އެމްބާޕޭ އަށް ބޮޑު އެއްޗެއް ދޭނެ އެވެ.
އެމްބާޕޭ ރެއާލްއާ ގުޅުމުން އެކަމަށް މަރުހަބާކީ އެއް ކުޅުންތެރިއަކީ ކުރިން ރެއާލް މެޑްރިޑާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ރޮނާލްޑޯ އެވެ.
“އަހަރެން މިހުރީ އެމްބާޕޭ ރެއާލްގައި ވިދާލާތައް ބަލަން ބޭނުންވެފަ” އެމްބާޕޭގެ އިންސްޓަގްރާމް ޕޯސްޓަށް ކުރި ކޮމެންޓުގައި ރޮނާލްޑޯ ބުނެފައިވެ އެވެ.
ރޮނާލްޑޯ އެމްބާޕޭ އަށް ހިތްވަރު ދިންއިރު އެމްބާޕޭ ކުޑައިރު ފޮލޯ ކުރަމުން އައި ކުޅުންތެރިއަކީ ރޮނާލްޑޯ އެވެ.

އެމްބާޕޭ ކުޑައިރު ރޮނާލްޑޯއާ އެކު ނަގާފައިވާ ފޮޓޯއެއް. ރެއާލްއާ ގުޅި އެމްބާޕޭގެ ހުވަފެން ވަނީ ހަގީގަތަކަށް ހަދާފަ
ރެއާލްއާ ގުޅުމުގެ އުފާވެރިކަން އެމްބާޕޭ ސޯޝަލް މީޑިއާގައި ހާމަކުރީ، ރެއާލްގެ ޖާޒީގައި އޭނާ ކުޑައިރު ނަގާފައިވާ ބައެއް ފޮޓޯތަކާ އެކު އެވެ. އޭގެތެރެއިން އެއް ފޮޓޯއަކީ ރޮނާލްޑޯ ރެއާލްގައި އުޅުނު ދުވަސްވަރު ނެގި ފޮޓޯ އެކެވެ.
“އަހަރެންގެ ހުވަފެނީ ކްލަބާ ގުޅުމުން މިހުރީ ވަރަށް އުފާވެ އަދި ފަހުރުވެރިވެފަ. އަހަރެން ވެފަ މިހުރި އުފާ އެއްވެސް މީހަކަށް ބުނެދޭންވެސް ނޭނގޭނެ” ރެއާލްއާ ގުޅުމަށް ފަހު އެމްބާޕޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ފްރާންސްގެ މޮނާކޯގައި ވިދާލައި އެމްބާޕޭ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު އެވެ. އޭގެފަހުން އެ ކްލަބް ދޫކޮށްލުމާ ހަމައަށް އެމްބާޕޭ ޕީއެސްޖީ އަށް ޖަހައިދިން 256 ގޯލަކީ ކްލަބުގެ ރެކޯޑެކެވެ.
އެމްބާޕޭ ވަނީ ޕީއެސްޖީގައި ހަ ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި ހަތަރު ފަހަރު ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި އެއްފަހަރު ކުޅެ ބަލިވި އެވެ.
މިދިޔަ ފެބްރުއަރީ މަހު އެމްބާޕޭ ވަނީ ރެއާލްއާ ގުޅޭނެކަން އަނގަބަހުން އަންގައިފަ އެވެ. އަދި، މިދިޔަ މަހު ނިމުނު ސީޒަނުގެ ފަހު މެޗުގެ ކުރިން އެމްބާޕޭ ވަނީ އޭނާ ޕީއެސްޖީ ދޫކޮށްލާކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.
އެމްބާޕޭ ރެއާލްއާ ގުޅުމުން ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގުގައި ވެސް އެޓީމު ހުއްޓުވަން އުނދަގޫވާނެ އެވެ. އެ ކްލަބުގެ ސްކޮޑުގައި މިހާރު ތިބީ ހުސް ތަރިންނެވެ.