ބަރާބަރު ހަފްތާއެއް ތެރޭ ދެ ވަނަ ފަހަރަށް ބްރައިޓަން އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބްރައިޓަން ޗެލްސީއާ ވާދަކޮށް މޮޅުވީ އެފްއޭ ކަޕްގަ އެވެ. އަމިއްލަ ދަނޑުގައި ފަހަތުން އަރައި 1-2 އިން މޮޅުވެ އެޓީމުން ޗެލްސީ އެފްއޭ ކަޕުން ކަޓުވާލި އެވެ.
ރޭ ބްރައިޓަންގެ ދަނޑުގައި ޗެލްސީއާ ދެކޮޅަށް އެޓީމު ނުކުތީ އިނގިރޭސި ޕްރިމިއާ ލީގުގަ އެވެ. ބްރައިޓަން އިން މޮޅަށް ކުޅެ ޗެލްސީ ބަލިކުރީ 0-3 އިންނެވެ.
ރޭގެ މެޗުގައި ބްރައިޓަންގެ ފުރަތަމަ ގޯލު 27 ވަނަ މިނެޓުގައި ޖެހީ ޖަޕާނުގެ ވިންގާ ކައުރޫ މިޓޯމާ އެވެ. ބްރައިޓަންގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ގެމްބިއާގެ ފޯވާޑް ޔަންކުބާ މިންޓޭ އެވެ. މިންޓޭ ފުރަތަމަ ގޯލު 38 ވަނަ މިނެޓުގައި ޖެހިއިރު ފަހު ގޯލު ކާމިޔާބުކޮށްދިނީ 63 ވަނަ މިނެޓުގަ އެވެ.
ބްރައިޓަން އަތުން ބަލިވެ ޗެލްސީ އޮތީ 43 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ބްރައިޓަން ވަނީ 37 ޕޮއިންޓާ އެކު އަށް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ރޭގެ މެޗަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހުގެ ފަހުން ބްރައިޓަން ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.
ޗެލްސީ އަތުން ޖެހިޖެހިގެން ދެ މެޗުން މޮޅުވުމުގެ ކުރިން ލީގުގައި ބްރައިޓަން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން ރަށުން ބޭރުގައި 0-7 އިން ބަލިވި އެވެ. އެކަމަކު އޭގެފަހުން ދެ ބުރަށް ޗެލްސީ ބަލިކޮށް އެޓީމުން ވަނީ ބޮޑު ބަލިން އަރައިގަނެފަ އެވެ.
މި ހަފްތާ ލީގުގައި ކުޅޭ މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް އަދި ބޯންމައުތު މޮޅުވެއްޖެ ނަމަ ޗެލްސީ ފަހަތަށް ސޮއްސާލާނެ އެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ރޭގެ މެޗަކީ އޭނާ ޗެލްސީއާ މި ސީޒަނުގައި ހަވާލުވިފަހުން މިހާތަނަށް ކުޅުނު އެންމެ ދަށް މެޗު ކަމަށެވެ.
“މެޗު ބަލަން ތިބި ޗެލްސީ ސަޕޯޓަރުންނަށް އަހަރެން މާފަށް އެދެން. އެމީހުން ދެރަވުމުގެ ހައްގު އެބައޮތް. ހާއްސަކޮށް ސީޒަނުގެ މިހިސާބުން. މި ޓީމު އިތުރަށް ރަނގަޅުކުރަން ޖެހޭ” މަރެސްކާ ބުންޏެވެ.
ޕްރިމިއާ ލީގުގައި މިރޭ މުހިއްމު މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި ލެސްޓާ ސިޓީގެ ދަނޑުގައި އާސެނަލް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 5:30 ގަ އެވެ. އަދި، މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރާ މެޗު މިރޭ 8 ޖަހާއިރު ފަށާނެ އެވެ.