ގާޑިއޯލާއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކޯޗެވެ. ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިޔުނިކްގެ އިތުރުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ އަށް އޭނާ ހޯދައިދީފައިވާ ކާމިޔާބީތައް ގިނަ އެވެ. ކްލަބް ފުޓްބޯޅައިގައި ގާޑިއޯލާ އިތުރަށް ހާސިލުކުރަން ޖެހޭ ކާމިޔާބެއް މިހާރަކު ނެތެވެ.
ކޯޗެއްގެ ގޮތުގައި ގާޑިއޯލާ މިހާތަނަށް ހޭދަކޮށްފައިވާ 17 ވަރަކަށް އަހަރުގެ ތެރޭގައި މެޗަކުން ބަލިވުމަކީ މާ އާންމުކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައި ހުރީ ވަރަށް މަދުންނެވެ. އެކަމަކު މިފަހަރުގެ ސީޒަން މިދިޔަ އެހެން ހުރިހާ ފަހަރުތަކާ ނުބައްދަލެވެ. ގާޑިއޯލާ މިހާރު ކޯޗުކަން ކޮށްދެމުން އަންނަ ސިޓީ މިފަހަރުގެ ސީޒަންގައި 10 މެޗުން ބަލިވެފައިވާއިރު އެންމެ ފަހުން އެ ޓީމަށް އާސެނަލްގެ ދަނޑުގައި ކުރިމަތިލާންޖެހުނު ބައްޔަކީ ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގެ އެންމެ ކަޅު އެއް ސޮފްހާ އެވެ.
ގާޑިއޯލާއަށް މިވަރުގެ ލަތުވެތިކަމަކާ މީގެ ކުރިން ދިމާވެފައި ހުރީ ކުރިންވެސް ފާހަގަކުރިހެން ވަރަށް މަދުންނެވެ. މިހާރު މި ބަލާލަނީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަ ބައްޔަށެވެ.
ބާސެލޯނާ 3 – ބަޔާން މިޔުނިކް 0 (މެއި 2015)
މިއީ ބާސެލޯނާއިން އެހެން ކްލަބަކަށް ގާޑިއޯލާ ބަދަލުވި ފަހުން ބާސެލޯނާގެ ދަނޑަށް ކުރި ފުރަތަމަ ޒިޔާރަތެވެ. އޭރު ބާސެލޯނާގެ ކޯޗަކަށް ހުރީ ގާޑިއޯލާއާއެކު ކުރިން އެ ކްލަބަކަށް ކުޅުނު އަދި އޭނާގެ ގާތް މިތުރެއް ކަމަށްވާ ލުއިސް އެންރީކޭ އެވެ. އެ މެޗަށް ބަޔާން ނުކުތްއިރު އެ ޓީމަށް އޮތީ އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެ ޓީމުގެ އެއް ނަންބަރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ވެސް އެ މެޗުގައި ކުޅެން ޖެހުނީ، ނޭފަތަށް ލިބިފައިހުރި އަނިޔާއެއްގެ ސަބަބުން މޫނުމަތީގައި މާސްކެއް އަޅައިގެންނެވެ. އަނެއްކޮޅުން ބާސެލޯނާގައި އެ ދުވަހު އޮތީ އޭރު ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވާޑު ލައިނެވެ. ބަޔާން އެ ދުވަހު އޮތް ހާލަތުގެ ސަބަބުން ގާޑިއޯލާގެ އަމާޒަކަށް އެދުވަހު ހެދީ އޭނާގެ އަސްލު ގޭމް ޕްލޭން ދޫކޮށްލައި މެސީ ސުއަރޭޒް އަދި ނޭމާ ހުއްޓުވައިގެން މިޔުނިކްގައި ކުޅެން އޮތް ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ގޮތެއް ހެދޭތޯ ބެލުމެވެ. އެ މެޗުގެ ވަރަށް ފަހަކާ ހިސާބަށް އެ ޕްލޭން މަސައްކަތްވެސް ކުރި އެވެ. އެކަމަކު މެޗްގެ މުޅި އޮއިވަރު ބަދަލުވީ 78 ވަނަ މިނެޓްގައި މެސީ ބަޔާންގެ ގޯލު ހުޅުވާލި ހިސާބުންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މެސީ އިތުރު ގޯލެއް ޖަހައި ބާސެލޯނާގެ ލީޑު ފުޅާކުރި އެވެ. އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ނޭމާ އެވެ.

2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީގައި ބާސެލޯނާއިން ބަޔާން ބަލިކުރި މެޗުގެ ތެރެއިން.
މި މެޗުގެ ނަތީޖާއާއެކު އެ ފަހަރުގެ މުބާރާތުގެ ފައިނަލަށް ދިއުމަށް ދެވަނަ ލެގުގައި ބަޔާނަށް ކުރަންޖެހުނު މަސައްކަތް އެތައް ގުނައެއް އުނދަގޫވި އެވެ. އެއާއެކު ބަޔާނުން ދެވަނަ ލެގުގައި ވަރަށް ބޮޑުތަން ރަގަޅުކޮށް ބާސެލޯނާ 2-3 އިން ބަލިކުރި އެވެ. އެކަމަކު އެގްރިގޭޓް ނަތީޖާއިން ކުރި ލިބުނީ ބާސެލޯނާއަށެވެ. އެފަހަރުގެ ފައިނަލްގައި ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިގެން ބާސެލޯނާ ތަށި އުފުލާލިއިރު އެއީ އެ ސީޒަނުގައި ބާސެލޯނާ ހޯދި ތިން ވަނަ ތަށްޓެވެ. އެއީ އޭގެ ހަ އަހަރު ކުރިން ގާޑިއޯލާވެސް އެ ޓީމަށް ހޯދައިދިން ކާމިޔާބެވެ.
ބާސެލޯނާ 4- މެންޗެސްޓާ ސިޓީ 0 (އޮކްޓޯބަރު 2018)
މިއީ މެންޗެސްޓާ ސިޓީއާ ހަވާލުވިފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ ބާސެލޯނާގެ ރައީސް އަށް ބަހުގެ ހަމަލާތަކެއްވެސް ފޮނުވާލައިފަ އެވެ. އެއީ، ބާސެލޯނާގެ އޭރުގެ ތަރި ލިއޮނަލް މެސީގެ ސޮއި ހޯދަން ގާޑިއޯލާ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކްލަބްގެ ރައީސް ތުހުމަތުކުރުމާ ގުޅިގެންނެވެ.

ގާޑިއޯލާގެ ކޯޗުކަމުގައި ބާސެލޯނާ އަތުން ސިޓީ ބޮޑުކޮށް ބަލިވި މެޗުގެ ތެރެއިން
އެ މެޗުގައި ގިނަ ބަޔަކަށް ލިބުނު އެންމެ ބޮޑު ހައިރާންކަމަކަށްވީ އޭރު ސިޓީގެ އެންމެ ނުރައްކާތެރި ފޯވާޑް ސާޖިއޯ އަގުއޭރޯ ބެންޗުގައި ބައިންދައިގެން މެޗު ފެށުމެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީއަކުން މެސީ އެ ޓީމަށް ލީޑް ހޯދައިދިނެވެ. އޭގެ އިރުކޮޅެއް ފަހުން ސިޓީގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑާއެކު ސިޓއަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ. އަދި، އޭގެ ފައިދާ ބާސެލޯނާއިން ފުރިހަމައަށް ނަގައި މެސީ ވަނީ އެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ނޭމާ އެވެ.
މެންޗެސްޓާ ސިޓީ 0 – ޓޮޓެންހަމް 4 (ނޮވެމްބަރު 2024)
މި މެޗާ ހަމައަށް އައިއިރުވެސް ސިޓީ އޮތީ ގާޑިއޯލާގެ މާލިމީ ކަމުގައި އެ ޓީމު ނުވެއްޓޭހާ ފުން އަޑިގަޑަކަށް ވެއްޓިފަ އެވެ. އޭގެ ކުރިން އެ ޓީމު ޖެހިޖެހިގެން ކުޅުނު ހަތަރު މެޗުން އޮތީ ބަލިވެފަ އެވެ. އެކަމަކު މި މެޗަކީ އިންޓަނޭޝަނަލް ބްރޭކަކަށް ފަހު ކުޅެން ޖެހުނު މެޗަކަށް ވުމާއެކު ޓީމު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅި އާފެށުމަކުން ފަށައިގަނެވޭނެ ކަމަށް ގާޑިއޯލާ ހުރީ އުންމީދުކޮށްގެންނެވެ. މީގެ އިތުރުން މެޗުގެ ކުރިން ގާޑިއޯލާ ސިޓިއާއެކު ހަދާފައި އޮތް އެއްބަސްވުން އާކުރުމާއެކު އޭގެ ރަގަޅު އަސަރުވެސް ކުރާނެ ކަމަށް އޮތީ ހީކުރެވިފަ އެވެ.

މި ސީޒަނުގައި ޓޮޓެންހަމް އަތުން އަމިއްލަ ދަނޑުގައި ސިޓީ ބަލިވި މެޗުގައި ގާޑިއޯލާ ގޮތްހުސްވެފައި
އެކަމަކު ކަންވީ ދިމާ އިދިކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ޓޮޓެންހަމުން އޮތީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ދެވަނަ ހާފުގައިވެސް ސިޓީއަށް ކުޅުނު ރަގަޅު ނުކުރެވުމުގެ ނަތީޖާއަކަށްވީ ޓޮޓެންހަމުން އިތުރު ދެ ގޯލު ޖަހައި މުޅި ކެރިއަރުގައި ވެސް އަމިއްލަ ދަނޑުގައި ތަޖުރިބާކުރި އެންމެ ބޮޑު ބައްޔާ ގާޑިއޯލާއަށް ކުރިމަތިލާންޖެހުމެވެ.
ލިވަޕޫލް 3 – މެންޗެސްޓާ ސިޓީ 0 ( އޭޕްރީލް 2018)
މިއީ އިނގިރޭސި ފުޓްބޯޅައިގައި މިފަހަކަށް އައިސް ފެނުނު އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ގާޑިއޯލާ އާއި ޔާގެން ކްލޮޕްގެ ހަނގުރާމަ ފެށުނު ސީޒަނެވެ. މި މެޗާ ހަމައަށް އައިއިރު ލިވަޕޫލް ވެފައި އޮތީ އެ ފަހަރުގެ ސީޒަންގެ ޕްރިމިއާ ލީގުގައި ސިޓީއަތުން މޮޅުވި ހަމައެކަނި ޓީމަށެވެ.
މި މެޗު ވީ 2018-2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގަށެވެ. މެޗްގެ ކުރިން ވާދަވެރިކަން ބޮޑު ދެ ޓީމުގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް މެޗުގެ ފުރަތަމަ ތިރީސް މިނެޓްގެ ތެރޭގައި ލިވަޕޫލުން އޮތީ ހަދާނެ އެއްޗެއް ހަދައި ނިންމައިފައެވެ. މުހައްމަދު ސަލާހް، އޮކްސްލޭ ޗެމްބަލެއިން އަދި ސަދިއޯ މާނޭގެ ގޯލުތަކުން މެޗުގެ އެހާ ކުރީކޮޅު ލިވަޕޫލުން ތިން ލަނޑުގެ ލީޑެއް ނެގުންވީ ގާޑިއޯލާ އަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ. އަދި، މެޗުގެ ބާކީ އޮތް ގަޑިއެއްހާއިރު ތެރޭގައި ސިޓީއަށް ރައްދުގައި އެއް ކަމެއްވެސް ނުކުރެވުން ވީ ގާޑިއޯލާގެ ސިކުނޑި ސުމަކަށް ދިޔަ ކަމަކަށެވެ. ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުވެސް 2-1 އިން ކާމިޔާބުކުރީ ލިވަޕޫލެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން ބަލިވި މެޗު. އެއީވެސް ގާޑިއޯލާއަށް ހަނދާން ނައްތާލަން އުނދަގޫ މެޗެއް
އާސެނަލް 5 – މެންޗެސްޓާ ސިޓީ 1 (ފެބްރުއަރީ 2025)
މި މެޗާ ހަމައަށް އައިއިރު އާސެނަލް އާއި މެންޗެސްޓާ ސިޓީގެ ވާދަވެރިކަން އޮތީ މީގެ ކުރިން ނުދާހާ މައްޗަށް ގޮސްފަ އެވެ. އަދި، މި ދެ ޓީމު މިފަހަރުގެ ސީޒަންގެ ޕްރިމިއާ ލީގުއި ފުރަތަމަ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކާއެކު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ވެސް އޮތީ ނުތަނަވަސްކަމެއް އުފެދިފަ އެވެ. ވަކިން ހާއްސަގޮތެއްގައި އެ މެޗުގައި ސިޓީގެ އާލިން ހާލަންޑް އާސެނަލްގެ ގަބްރިއެލް މަގަޅޭސްއާ ދިމާއަށް ގަސްދުގައި ބޯޅަ ހޫރާލުމާއި އަދި އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އަށް އަމާޒުކޮށް ހާލަންޑް ބުނެފައިވާ ބަސްތަކާއެކު އާސެނަލްގެ ސަޕޯޓަރުންގެ ރުޅިގަނޑު އޮތީ ވަރަށް މައްޗަށް ގޮސްފަ އެވެ.
އޭގެ ފަސް މަސް ފަހުން އާސެނަލްގެ އަމިއްލަ ދަނޑަށް ސިޓީ އައުމާއެކު އާސެނަލުން ދިނީ ވަރަށް ފުރިހަމަ ރައްދެކެވެ. ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓްގައި އާސެނަލުން ކާމިޔާބުކުރުމާއެކު އާސެނަލްގެ ސަޕޯޓަރުންނަށް ބޮޑު އުފަލެއް ލިބުނު ކަހަލަ އެވެ. މެޗުގެ ފަހު ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ސިޓީގެ ހާލަންޑް ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް މެޗު ނިމުމުގެ ކުރިން އިތުރު ހަތަރު ލަނޑު އާސެނަލުން ޖެހި އެވެ. މިއީ ގާޑިއޯލާގެ ކެރިއަރުގައި މިހާތަނަށް ތަޖުރިބާކުރި އެންމެ ބޮޑު ބައްޔެވެ.

2014 ވަނަ އަހަރު ރެއާލުން ގާޑިއޯލާގެ ބަޔާން ބަލިކުރި މެޗުގެ ތެރެއިން. ގާޑިއޯލާގެ ސިޓީ މިހާރު އޮތީ އަޑިގަނޑެއްގައި
ބަޔާން މިޔުނިކް 0 – ރެއަލް މެޑްރިޑް 4 (އޭޕްރީލް 2014)
މިއީ މި ދެޓީމު 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބައްދަލުކުރި ދެވަނަ ލެގުގެ މެޗެވެ. ފުރަތަމަ މެޗުވެސް 0-1 އިން ރެއާލް މެޑްރިޑް އޮތީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބަޔާން މިޔުނިކުންނެވެ. ދެވަނަ ލެގުގައިވެސް ގާޑިއޯލާ ޓީމު މެޗަށް ނެރުނީ އޯލް އައުޓް އެޓޭކަށް ދާން ކުޅުންތެރިންނަށް އިރުޝާދުދިނުމަށްފަހު އެވެ. އެކަމަކު އޭގެ ނަތީޖާ އައީ ވަރަށް ހިތިކޮށެވެ. ފުރަތަމަ ހާފު ނުނިމެނީސް ރެއާލުން ތިން ލަނޑު ޖެހި އެވެ. މެޗު ނިމުމުގެ އެއް މިނެޓް ކުރިން ނަތީޖާ 0-4 އަށް ބަދަލުވީ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ގޯލުންނެވެ.
އާސެނަލް އަތުން 1-5 އިން ސިޓީ ވީ ބައްޔަކީ ގާޑިއޯލާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ބައްޔަށް ވިޔަސް ރެއާލް އަތުން މިވީ ބައްޔަކީ ގާޑިއޯލާއަށް އެންމެ ބޮޑު ނުތަނަވަސްކަމެއް ގެނުވި ބަލިކަމަށްވެ އެވެ. ގާޑިއޯލާ ފަހުން އެއްބަސްވެފައިވާ ގޮތުގައި އެ ދުވަހު އެ ނަތީޖާ އެގޮތަށް އައީ އޭނާ ކުޅުންތެރިންނަށް ދިން ގޯސް އިރުޝާދުގެ ސަބަބުންނެވެ. އަދި، ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ކޯޗިން ކެރިއަރުގައި ހެދި އެންމެ ބޮޑު ގޯހެވެ.