އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބެމުން އަންނަ ކުޑަކުދިންގެ ހައްގުގައި މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަސަރުގަދަ ތަގްރީރެއް ދީފި އެވެ.
ދެ އަހަރެއްހާ ދުވަސް ވަންދެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރިއަށްގެންދިޔަ ހަގުރާމަ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމާލިކަން އިއުލާނުކޮށްފައި އޮތް ނަމަވެސް އޭގެ ފަހުން މި ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 400 އަށްވުރެ ގިނަ ކުޑަކުދިން ވަނީ އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ޝަހީދު ވެފަ އެވެ.
އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރިއަށްގެންދިޔަ ހަނގުރާމައިގައި ފަލަސްތީނުގެ 70 ހާހަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
ފަލަސްތީނު ކުދިންގެ ހައްގުގައި ގާޑިއޯލާ އަސަރާއެކު ވާހަކަދައްކާފައިވަނީ އެކުދިންނަށް އެހީވުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި ޗެރިޓީ ހަރަކާތެއްގަ އެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ގާޑިއޯލާ ސްޕެއިނަށް ދާންޖެހުމާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީން ކުޅެން ހަމަޖެހިފައި އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ.
“މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ކުޑަކުދިން އުޅެމުން އަންނަ ހާލު މީސް މީޑިއާއިންނާއި، ޓީވީން އަހަރެމެންނަށް އެތައް ފަހަރަކު ފެނިއްޖެ. ކުދިން އަމިއްލައަށް ވީޑިއޯކޮށްފަ އެ ބުނަނީ ކޮބައިހޭ އަހަރެންގެ މަންމަ. މަންމަ ވީ ތަނެއް ހޯދައިދިނުމަށް އެދި އާދޭސް ކުރަނީ. އެކަމަކު އެ އަޑު މީހަކަށް އިވޭ ހެނެއް ހިއެއް ނުވޭ. އެކުދިންނަކަށް އަދިވެސް އެ މަންމަ ވީތަނެއް ނޭނގެ” އިސްލާމް ދީނުގެ ރީތި ސަލާމުން ފެށްޓި ތަގްރީރުގައި ގާޑިއޯލާ ބުނެފައިވެ އެވެ.
“އެ މަންޒަރުތައް ފެނުނީމަ އަހަރެން އަބަދުވެސް ހިތަށް އަރާ ކީކޭ ބާއޭ އެކުދިން ހިތަށް އަރާނީ. އަހަރެން ދެކޭ ގޮތުގައި އަހަރެމެން މިވަނީ އެކުދިން އެކަނިކޮށްލާފަ. އެކުދިން އެހާލުގައި އުޅެން ދޫކޮށްލާފަ.” އުމުރުން 55 އަހަރުގެ ގާޑިއޯލާގެ ތަގްރީރު އަސަރާއެކު ކުރިއަށްގެންދަމުން ބުނެފައިވެ އެވެ.
“އަހަރެންގެ ހިޔާލަށް އަބަދުވެސް އަންނަނީ އެ ކުދިން އެ ހާލުގައި އުޅޭއިރު އަހަރެމެން ކޮބައިހެއްޔޭ ބުނާ މަންޒަރު. އަހަރެމެންގެ އެހީއަށް އެދި ގޮވާ މަންޒަރު. އެކަމަކު އަދިވެސް އަހަރެމެން މިތިބީ އެ ގޮވާލުމަކަށް އިޖާބަ ނުދީ.” ގާޑިއޯލާ ބުނެފައިވެ އެވެ.
މިތަގްރީރުގައި ގާޑިއޯލާ ވަނީ ފަލަސްތީނުގެ ކުޑަކުދިންނަށް އެހީވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް މުޅި ދުނިޔެއަށް ގޮވާލައިފަ އެވެ. އަދި އެއީ މުޅި އިންސާނިއްޔަތުގެ ދިފާއުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.