ފުރަތަމަ ސަފްޙާ / ޚަބަރު / ކްލޮޕް ދިޔައީމަ ހަމަނިދި ލިބޭނެ: ގާޑިއޯލާ

ކްލޮޕް ދިޔައީމަ ހަމަނިދި ލިބޭނެ: ގާޑިއޯލާ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 27 ޖެނުއަރީ 2024

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ޔާގެން ކްލޮޕް ދޫކޮށްލުމުން ހަމަނިދި ލިބޭނެކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލިވަޕޫލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު މި ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލާނެކަން އިއްޔެ ރަސްމީކޮށް ވަނީ އަންގައިފަ އެވެ.

ރޭ އިނގިރޭސި އެފްއޭ ކަޕްގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވި މެޗަށް ފަހު ނޫސްވެރިން ވަނީ ކްލޮޕާ ގުޅުވައިގެން ގާޑިއޯލާއާ ސުވާލުކޮށްފަ އެވެ.

ޓޮޓެންހަމްއާ ވާދަކޮށް މޮޅުވި މެޗުގައި ސިޓީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ނޭތަން އަކޭ އެވެ. މޮޅާ އެކު ސިޓީ ދެން ވާދަކުރާނީ ކުއާޓާ ފައިނަލުގަ އެވެ.

“ކްލޮޕް ދަނީ؟ ދެން ރަނގަޅަށް ނިދާލެވޭނެ. ލިވަޕޫލް މެޗުގެ ކުރީ ދުވަސް އެއީ ބިރުވެރިކަމެއް” ލިވަޕޫލާ ވާދަކުރާ މެޗުތަކުގެ އުނދަގޫކަން ހާމަކޮށްދެމުން މަޖާޒީ ގޮތަކަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ސިޓީގައި ހޭދަކުރާ މުއްދަތުގައި އެ ކްލަބާ އެންމެ ރަނގަޅު ވާދައެއް ކުރަމުން އަންނަނީ ލިވަޕޫލް އެވެ. މިދިޔަ އަހަރުތަކުގައި އެ ދެ ޓީމު ވަނީ ވަރަށް ގާތުން ލީގަށް ވާދަކޮށްފަ އެވެ.

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި ވެސް ލިވަޕޫލް އާއި ސިޓީގެ ވާދަވެރިކަން ބޮޑުވާނެކަމަށް ބެލެވެ އެވެ.

ގާޑިއޯލާ ބުނީ ލިވަޕޫލް އަކީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ ވާދަވެރި ކްލަބް ކަމަށެވެ.

“އަހަރެންގެ ހަޔާތުގައި އެންމެ ވާދަވެރި ކްލަބަކީ ލިވަޕޫލް. އަހަރެން ކްލޮޕަށް ހެޔޮއެދެން. ކްލޮޕް އަދި ކޯޗިންގައި ފެންނާނެކަމީ ޔަގީންކަމެއް” ކްލޮޕަށް ތައުރީފް ކުރަމުން ގާޑިއޯލާ ބުންޏެވެ.

ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭގެފަހުން ކްލޮޕް ވަނީ އެ ކްލަބަށް ހުރިހާ ކާމިޔާބީއެއް ހޯދައިދީފަ އެވެ. ކްލޮޕްގެ އެންމެ ބޮޑު ކާމިޔާބީއަކީ 30 އަހަރަށް ފަހު ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމެވެ.

ކްލޮޕް ބުނީ އޭނާ ލިވަޕޫލް ދޫކޮށްލުމަށް ފަހު އިނގިރޭސި އެހެން ކްލަބަކަށް އިރުޝާދު ނުދޭނެކަމަށެވެ. އަދި، މި ސީޒަނަށް ފަހު ކުރާނެ މަސައްކަތެއް އަދި ނުނިންމާ ކަމަށް ކްލޮޕް ބުންޏެވެ.

“ނިންމާފަ ކުރާނެ ކަމެއް އަދި ނުވިސްނަން. އެކަމަކު ކުރިއަށް އޮތް އަހަރު އެއްވެސް ކްލަބެއް އަދި ގައުމީ ޓީމަކުން ނުފެންނާނެ. އަދި ދުވަހަކު ވެސް އިނގިރޭސި އެހެން ކްލަބަކުން އަހަރެން ނުފެންނާނެ” ލިވަޕޫލަށް ހާއްސަ ލޯތްބެއް އޮތް ކޯޗު ބުންޏެވެ.

މި ސީޒަނުގައި ލިވަޕޫލް އަދި އަންނަނީ ހުރިހާ މުބާރާތެއްގައި ވެސް ވާދަކުރަމުންނެވެ. ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތްއިރު ލީގު ކަޕްގެ ފައިނަލުން ވަނީ ފުރުސަތު ހޯދައިފަ އެވެ. އެފް އޭ ކަޕްގެ ހަތަރު ވަނަ ބުރުގައި މާދަމާ ރޭ ކުޅޭއިރު ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުން ލިވަޕޫލް ވަނީ ފުރުސަތު ހޯދައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!