ފުރަތަމަ ސަފްޙާ / ޚަބަރު / މިއުޅެނީ މޮޅުވެވޭތޯ، އާސެނަލަށް ތަށި ނުދޭކަށް ނޫން: ޓޮޓެންހަމް
ފަހުމިނެޓް

މިއުޅެނީ މޮޅުވެވޭތޯ، އާސެނަލަށް ތަށި ނުދޭކަށް ނޫން: ޓޮޓެންހަމް

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 14 މެއި 2024

އާސެނަލަށް ލީގު ގެއްލުވާލުމަށް ޓޮޓެންހަމް ހޮޓްސްޕާ އަމިއްލައަށް ބަލިވާން ނޫޅޭނެ ކަމަށް އެޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

ޓޮޓެންހަމްގެ ކޯޗު އެހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ލީގުގައި މިރޭގެ މެޗު ފޯރިގަދަވާ ގިނަ ސަބަބުތައް އެބަހުއްޓެވެ. މިރޭ ޓޮޓެންހަމް އިން ބަލިނުވެ ފަރުޖައްސާލައިފި ނަމަ ލީގު ހޯދުމުގެ އަމިއްލަ ބާރު، ލީގު ފަހު މެޗުގައި ލިބޭނީ އާސެނަލް އަށެވެ. އަނެއްކޮޅުން ޓޮޓެންހަމް މިރޭގެ މެޗުން މޮޅުވާން ބޭނުންވާނެ ސަބަބަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމެވެ. އެޓީމަށް އަމިއްލަ ބާރު ނެތަސް މިރޭގެ މެޗުން މޮޅުވެގެން އުއްމީދެއް ލިބޭނެ އެވެ.

އާސެނަލް އާއި ޓޮޓެންހަމް އަކީ ވާދަވެރި ދެ ކްލަބެވެ. އެހެންވެ މިރޭގެ މެޗުގައި ޓޮޓެންހަމް އިން ސިޓީ ބަލިކުރުމަކީ އާސެނަލް ސަޕޯޓަރުން އެދޭ ގޮތެވެ.

“އަހަރެންނަށް އިނގޭ ވާދަވެރިކަން އޮންނަގޮތް. ދުނިޔޭގެ އެންމެ ވާދަވެރިކަން ބޮޑު ދެ ކްލަބާ އެކު އަހަރެން އެކަން ތަޖުރިބާކުރިން. އެއީ ސެލްޓިކާއި ރޭންޖާސް. އެކަމަކު ދުވަހަކުވެސް އަހަރެންގެ އަމިއްލަ ޓީމު ބަލިވާކަށް ނޭދޭނަން. ކުޅިވަރުގެ ހިތްގައިމު ކަމަކީ އެއީ” ކުރިން ސެލްޓިކަށް އިރުޝާދުދިން ކޯޗު ބުންޏެވެ.

ޔަގީނުންވެސް މިރޭ އާސެނަލް ސަޕޯޓަރުން ތިބޭނީ ޓޮޓެންހަމްއާ އެކު އެވެ. ޓޮޓެންހަމް ސަޕޯޓަރުން ވެސް އާސެނަލަށް ލީގު ޗެމްޕިއަންކަން ލިބެން ހިތުގެ އަޑިން އެއްބަހެއް ނުވާނެ އެވެ. އެކަމަކު ޕޮސްޓެކޮގްލޫ ބުނީ ޓޮޓެންހަމްގެ ހުރިހާ ސަޕޯޓަރުން ވެސް މިރޭ ބޭނުންވާނީ އަމިއްލަ ޓީމު މޮޅުވާން ކަމަށެވެ.

“ސަޕޯޓަރުން ބޭނުން ގޮތަކަށް ކަންކަން ބޭނުންވުމުގެ އިހްތިޔާރު އޮންނާނެ” ޓޮޓެންހަމްގެ ސަޕޯޓަރުންނަށް އަމާޒުކޮށް އޮސްޓްރޭލިއާ އަށް ނިސްބަތްވާ ކޯޗު ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!