ލިއޮނެލް މެސީގެ އިންޓަ މަޔާމީއާ ދެކޮޅަށް ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ރޮނާލްޑޯގެ އަލް ނަސްރުން 0-6 އިން ކާމިޔާބުކޮށްފި އެވެ.
ބޮޑު ތަފާތަކުން އަލް ނަސްރު މޮޅުވި މެޗު ހާއްސަވީ މެސީ އާއި ރޮނާލްޑޯ އަށެވެ. އެކަމަކު އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ރޮނާލްޑޯ ކުޅެފައެއްނުވެ އެވެ. މެސީ ކުޅެން އެރީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ. އޭރު އަލް ނަސްރުން އޮތީ އިންޓަ މަޔާމީ 6 ގޯލުން ބަލިކޮށްފަ އެވެ.
މެޗުގައި އަލް ނަސްރުގެ 6 ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ބްރެޒިލްގެ ޓަލިސްކާ އެވެ. އަނެއް ތިން ގޯލު ޖެހީ އޮޓާވިއާ އާއި ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ޑިފެންޑަރު އައިމެރިކް ލަޕޯޓް އަދި މުހައްމަދު މެރަން އެވެ.

ރޭގެ މެޗުގައި މެސީ ބެންޗުން ކުޅެން އަރަނީ. މެސީ އަށް ބޮޑު ސަޕޯޓެއް އޮތް
ރޭގެ މެޗު ކުޅުނީ ސައުދީ އަރަބިއާގެ ކްލަބް، އަލް ހިލާލްގެ ކިންގްޑަމް އެރީނާގަ އެވެ. އެއީ 40000 މީހުންގެ ޖާގައިގެ ދަނޑެކެވެ.
އިންޓަ މަޔާމީ އިން އެކުވެރިކަމުގެ މެޗުތައް ކުޅެނީ އެމެރިކާ ލީގަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގެ ތެރެއިން އިންޓަ މަޔާމީ ވަނީ ތިން މެޗުން ބަލިވެފަ އެވެ. އަނެއް މެޗު ވީ އެއްވަރެވެ. ބަލިވީ އަލް ނަސްރުގެ އިތުރުން އަލް ހިލާލް އަދި އެމެރިކާގެ ކްލަބް އެފްސީ ޑަލަސްއާ ވާދަކޮށެވެ.
ޕްރީ ސީޒަނުގައި އިންޓަ މަޔާމީ އިން ހޮންކޮން އާއި ޖަޕާންގައި އަދި މެޗުތައް ކުޅޭނެ އެވެ.