މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ތ. ތިމަރަފުށި ބަލިކޮށް ލ. ގަން ހޯދައިފި އެވެ.
ރެހެންދި ސްކޫލް ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުގައި ތިމަރަފުށި އަތުން ގަން މޮޅުވީ 2-3 އިންނެވެ. އެއްވަރުވާން ދަނިކޮށް ގަން މޮޅުވި ގޯލު މެޗުގެ ފަހު ވަގުތު ޖެހީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.
ޗެރިޓީ ޝީލްޑް މެޗަކީ މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މިދިޔަ އަހަރު ތައާރަފްކުރި މެޗެކެވެ. މިދިޔަ އަހަރުގެ ޗެރިޓީ މެޗު ތިމަރަފުށި ބަލިކޮށް ހޯދީ ކ. ގާފަރެވެ.
ތިމަރަފުށި ވަނީ ޗެރިޓީ ޝީލްޑްގެ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. މިއަހަރު ގަން ޗެރިޓީ ޝީލްޑް ކާމިޔާބު ކުރިއިރު މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް މުބާރާތް ކާމިޔާބުކުރީ ވެސް އެރަށެވެ. ތިމަރަފުއްޓާއި ގަން ޗެރިޓީ މެޗުގައި ވާދަކުރީ އެންމެ ފަހުގެ ދެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.
ގޯލްޑަން ފުޓްސަލް މުބާރާތް ފަށާނީ މިރެ އެވެ. މިއަހަރުގެ މުބާރާތުގައި 129 ރަށް ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ޖުމްލަ 320 މެޗު ކުޅޭނެ އެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ވާދަކުރާނެ އެވެ.
ގޯލްޑަން ފުޓްސަލްގެ އެންމެ ކާމިޔާބު ޓީމަކީ ތިމަރަފުއްޓެވެ. އެޓީމުން މުބާރާތް ތިން ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ. ދެން މުބާރާތް ކާމިޔާބުކުރީ ބ. ހިތާދޫ، ލ. ގަން، މާލެ ހެންވޭރު އަދި މާލެ މާފަންނު އެވެ.