ހުޅުމާލޭގައި މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ގަދަ 16 ގެ ހުރިހާ މެޗެއް މިއަދާއި މިރޭ ކުޅޭނެ އެވެ.
މުޅި ރާއްޖޭން 119 ޓީމު ބައިވެރިވި މި މުބާރާތުގައި މިހާތަނަށް 272 މެޗު ކުޅެފައިވާއިރު ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނުންނާއި އަދި ޒޯން ޗެމްޕިއަނުން ވަނީ ކަނޑައެޅިފަ އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގެ ގަދަ 16 އަށް މިފަހަރު ހޮވުނު ޓީމުތަކުގެ ކުރިމަތިލުންތައް ފެށޭނީ މިއަދު ހަވީރު އެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ހަތަރެއް ޖަހާއިރު ކުޅޭ ފުރަތަމަ މެޗަކީ މި ބުރުގައި ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އެއް މެޗެވެ.
މި މެޗުގައި ބައްދަލުކުރާނީ ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި ދުވާފަރާއި ޒޯން ހަތެއްގެ ރަނަރަޕް ޓީމުގެ މަގާމު ލިބުނު އައްޑޫ ސިޓީ ހިތަދޫ އެވެ. ހަމަ އެގަޑީގައި ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ މުބާރާތް މީގެ ކުރިން އެއްފަހަރު ކާމިޔާބުކޮށްފައިވާ އޭދަފުށްޓާއި މާލެ ސިޓީގެ މައްޗަންގޮޅިއަށް ނިސްބަތްވާ ޓީމެވެ.
މުބާރާތުގެ ގަދަ 16 ގައި މިރޭ 8 ޖަހާއިރު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރި ނައިވާދޫ އާއި ޒޯން ފަހެއްގެ ރަނަރަޕް މަގާމު ލިބުނު ދިއްގަރެވެ. އެ ގަޑީގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒޯން 6 ހަތަރެއްގެ ތަށި ހޯދި މަތިވެރި އާއި ޒޯން ހައެއްގެ ދެވަނަ ހޯދި އިސްދޫ އެވެ.
މިރޭ 9:30 ގައި ކުޅޭގޮތަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ތިމަރަފުށްޓާއި، ގަދަ 16 ގައި މުޅިން އަލަށް ވާދަކުރާ މާރަންދޫ އެވެ. ޒޯން އެކެއްގެ ރަނަރަޕް ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދި މާރަންދޫ މުބާރާތުގެ އަތޮޅު ބުރުގެ ފައިނަލުގައިވެސް މީގެ ކުރިން ވާދަކޮށްފައެއް ނުވެ އެވެ.
މިގަޑީގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒޯން 4 ގެ ރަނަރަޕްގެ މަގާމު ލިބުނު ކެޔޮދޫ އާއި ޒޯން 6 ގެ ޗެމްޕިއަންކަން ހޯދި ދެއްވަދޫ އެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ހަތަރު ކުޅުންތެރިން ދެއްވަދޫ ޓީމުގައި ހިމެނޭއިރު މިއީ އެ ޓީމު މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގެ ގަދަ 16 ގައި ކުޅެން ހަމަޖެހިފައިވާ ފަހު ދެ މެޗު އޮންނާނީ މިރޭ 10:45 ގައެވެ. މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫ އާއި ޒޯން ދޭއްގެ ދެވަނަ ލިބުނު ކަނޑިތީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާލޭ ޒޯންގެ ޗެމްޕިއަންކަން ހޯދި ވިލިމާލެ އާއި ޒޯން ތިނެއްގެ ރަނަރަޕް މަގާމު ލިބުނު ގާފަރެވެ.