Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ތިމަރަފުށި ވެސް ކަޓުވާލުމަށްފަހު ކާށިދޫއިން އެންމެންގެ ސަމާލުކަން ހޯދައިފި

ތިމަރަފުށި ވެސް ކަޓުވާލުމަށްފަހު ކާށިދޫއިން އެންމެންގެ ސަމާލުކަން ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
1 އަހަރު ކުރިން 16 ފެބްރުއަރީ 2025

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި މިއަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކ. ކާށިދޫ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

ކާށިދޫ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ގަދަ 16 ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި ބަލިކޮށްގެންނެވެ.

ތިމަރަފުއްޓާއި ކާށިދޫ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިންނެވެ. މެޗުގައި ކާށިދޫގެ ފުރަތަމަ ގޯލު ޖެހީ އަބްދުﷲ ސުޒައިރު އެވެ. ކާށިދޫގެ ދެވަނަ ގޯލަކީ ތިމަރަފުށީގެ ގޯލްކީޕަރު މުހައްމަދު ސަރުހާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ތިމަރަފުށީގެ ފުރަތަމަ ގޯލު ޖެހީ އާދަމް ނާސިހު (އާދަންނާ) އެވެ. ތިމަރަފުށީގެ ދެވަނަ ގޯލަކީ ކާށިދޫގެ އަކްމަލް މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކާށިދޫ އިން ވަނީ މިފަހަރުގެ މުބާރާތުގައި އަތޮޅާއި ޒޯން ބުރުގެ ރަނަރަޕްކަން ހޯދައިފަ އެވެ. އަތޮޅު ފައިނަލުގައި މާފުށި އަތުން 0-1 އިން ބަލިވިއިރު ޒޯން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ އޭދަފުށި އަތުންނެވެ.

ކާށިދޫ އަތޮޅު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ގަދަފަދަ ގާފަރު 1-2 އިން ބަލިކޮށްގެންނެވެ. ގާފަރަކީ މިދިޔަ އަހަރުތަކުގައި ގޯލްޑަން ފުޓްސަލްގައި ރާއްޖޭން އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ގާފަރު ވަނީ ގޯލްޑަން ފުޓްސަލްގެ ދެ ފައިނަލުގައި މީގެކުރިން ކުޅެފަ އެވެ. މިދިޔަ އަހަރުން ގާފަރު ވަނީ އަތޮޅާއި ޒޯން ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.

ގާފަރު ކަޓުވާލުމަށްފަހު ގަދަ 16 ގައި ތިމަރަފުށި ކަޓުވާލެވުމަކީ އެރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ތިމަރަފުއްޓަކީ ގޯލްޑަން ފުޓްސަލް ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. އެރަށުން ވަނީ 2016، 2019 އަދި 2022 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކާށިދޫ އިން ނެރޭ ނަތީޖާތަކުގައި އެރަށުގެ ހުނަރުވެރި ކުޅުންތެރިންނާއިއެކު، އެޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

ގަދަ 16 ގެ މެޗުތަކަށްފަހު ރޭ ކުއާޓާ ފައިނަލަށް ހޮވުނު އަނެއް ޓީމުތަކަކީ ބ. އޭދަފުށި، ލ. ގަން، އދ. މަހިބަދޫ، ހދ. ނައިވާދޫ، ގދ. ވާދޫ ، އއ. މަތިވެރި އަދި ވިލިމާލެ އެވެ.

ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. ކުއާޓާ ފައިނަލުގައި އޭދަފުއްޓާއި ގަން ވާދަކުރާއިރު މަހިބަދޫ ނުކުންނާނީ ނައިވާދޫއާ ދެކޮޅަށެވެ. ދެން އޮންނާނީ ވާދޫ އާއި މަތިވެރި ވާދަކުރާ މެޗާއި ވިލިމާލެއާއި ކާށިދޫ ވާދަކުރާ މެޗެވެ.

ކޮމެންޓްސް

Matches
1
Ongoing
1
Upcoming
Settings