ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.
މުބާރާތުގައި މިއަހަރު 119 ޓީމަކުން ވާދަކުރިއިރު ގަދަ 8 ގެ މެޗުތައް ޔަގީނުން ވެސް ފޯރިގަދަވާނެ އެވެ.
މިރޭ ކުއާޓާ ފައިނަލުގެ ހަތަރު މެޗު ވެސް ގަޑި ހުއްޓައިގެން ކުޅޭއިރު، އެންމެ ފާހަގަކޮށްލެވޭ މެޗަކީ ތ. ތިމަރަފުއްޓާއި ގއ. ދެއްވަދޫ ވާދަކުރާ މެޗެވެ.
ތިމަރަފުއްޓަކީ ތިން ތައްޓާ އެކު މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އަނެއްކޮޅުން ދެއްވަދޫ އަކީ މަޝްހޫރު، މޮޅެތި ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ އެންމެ ވަރުގަދަ އެއް ޓީމެވެ. މިދިޔަ އަހަރުތަކުގައި ދެއްވަދޫގެ ވިދުން ފަނޑުވި ނަމަވެސް މިދިޔަ އަހަރުން ފެށިގެން އެޓީމު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.
ތިމަރަފުށިން ވަނީ މިއަހަރުގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން އެޓީމު މޮޅުވި އެވެ. އަތޮޅު ފައިނަލުގައި ކިނބިދޫއާ ވާދަކޮށް 1-2 އިން މޮޅުވިއިރު ޒޯން ފައިނަލުގައި އެޓީމު ވަނީ އިސްދޫ 1-2 އިން ބަލިކޮށްފަ އެވެ.
ދެއްވަދޫ ވަނީ އަތޮޅު ފައިނަލުގައި ކަނޑުހުޅުދޫއާ ވާދަކޮށް 1-3 އިން ބަލިވެފަ އެވެ. އެކަމަކު ޒޯން ބުރުގައި ކުޅުން ރަނގަޅުކޮށް ޒޯން ޗެމްޕިއަންކަން ހޯދި އެވެ. ޒޯން ފައިނަލުގައި ހިތަދޫއާ ވާދަކޮށް ދެއްވަދޫ މޮޅުވީ 1-3 އިންނެވެ. ދެއްވަދޫ ވަނީ މިހާތަނަށް 9 މެޗު ކުޅެ 7 މެޗުން މޮޅުވެފަ އެވެ.

ތިމަރަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ އަފްލާޒް މެޗެއްގެ ތެރެއިން. މިރޭ އަފްލާޒް ނުކުންނާނީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ތިމަރަފުއްޓާއި ދެއްވަދޫއަކީ ވެސް ތަރިންގެ ޓީމުތަކެކެވެ. ތިމަރަފުއްޓަށް ބަލާއިރު، އިބްރާހީމް އަސްވަދު (ގަބޭ) އާއި އަހުމަދު އަފްލާޒް އަދި މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަބްދުﷲ ޒިޔާން (ޖަންކީ) ފާހަގަކޮށްލެވެއެވެ.
ދެއްވަދޫ އަށް ބަލާއިރު، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދި ޓީމުގެ ހަތަރު ކުޅުންތެރިން އެ ޓީމަށް ނިސްބަތްވެ އެވެ. އެއީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި ހުޒައިފަތު ރަޝީދު (ހުޒޭ) އަދި އަލީ ހައިޝަމް (ޗުންޕު) ގެ އިތުރުން، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. އަދި، އެޓީމުގެ އަހުނަފް ރަޝީދަކީ ވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފް ފުޓްސަލް ދަނޑުތަކުގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ. އެ ގަޑީގައި ކުޅޭ އެއް މެޗުގައި ވާދަކުރާނީ އޭދަފުއްޓާއި ދުވާފަރެވެ. އަނެއް މެޗުގައި އެގަޑީގައި ވާދަކުރާނީ ނައިވާދޫ އާއި މަތިވެރި އެވެ.
ކުއާޓާ ފައިނަލުގެ މެޗުތަކަށް ބަލާއިރު، އޭދަފުއްޓަކީ މި މުބާރާތް 2024 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ޓީމެވެ. ނައިވާދޫ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ކާށިދޫ އަތުން 1-4 އިން ބަލިވެފަ އެވެ. މަތިވެރި އާއި ދުވާފަރަށް މިހާތަނަށް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރެވިފައެއްނުވެ އެވެ.
މުބާރާތުގެ މިހާތަނަށް އައިއިރު އެންމެ ހައިރާންކުރުވަނިވި ނަތީޖާއަކީ ވަރުގަދަ ލ. ގަން ޒޯން ބުރުން ކެޓުމެވެ. އަނެއްކޮޅުން ހއ. މާރަންދޫ ގަދަ 16 އިން ޖާގަ ހޯދުމަކީ މުބާރާތުގައި ފާހަގަވި ކަމެކެވެ.