މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޖޭޑޮން ސަންޗޯ އާއި ޓޮޓެންހަމް ހޮޓްސްޕާގެ އެރިކް ޑަޔާ، ލޯނު އުސޫލުން ޖަރުމަނު ލީގަށް ބަދަލުވެއްޖެ އެވެ.
ޔުނައިޓެޑްގައި ފްލޮޕްވި ސަންޗޯ މި ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުން ބަދަލުވީ ކުރީގެ ކްލަބް ބްރޫޝިއާ ޑޯޓްމަންޑަށެވެ. ޑަޔާ ލޯނު އުސޫލުން ބަދަލުވީ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކަށެވެ.
ލޯނު އުސޫލުން ސަންޗޯ ގެންދަން ޑޯޓްމަންޑުން 3.8 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑް ކުރިއަށް ދިއުމާއި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޑޯޓްމަންޑަށް ފުރުސަތު ލިބިއްޖެ ނަމަ 4.3 މިލިއަން ޑޮލަރު އެޓީމުން ޔުނައިޓެޑަށް ދައްކަން ޖެހޭނެ އެވެ.
ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޔުނައިޓެޑުން ސަންޗޯގެ ސޮއި 2021 ވަނަ އަހަރުގެ ޖުލައި މަހު ހޯދީ 93 މިލިއަން ޑޮލަރަށެވެ.
ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ޑޯޓްމަންޑުގައި ދެއްކި މޮޅު ކުޅުން ސަންޗޯ އަށް ތަކުރާރެއް ނުކުރެވުނެވެ. މި ސީޒަނުގައި ސަންޗޯގެ ފޯމު އިތުރަށް ދަށްވެ ކޯޗު އެރިކް ޓެން ހާގާ މައްސަލަ ޖެހުމުން މިހާރު ވަނީ ސީނިއާ ޓީމުން ވެސް ބޭރުކޮށްފަ އެވެ. ސީނިއާ ޓީމުން ބާކީކުރުމުން ސަންޗޯ މިހާރު ފަރިތަކުރަމުން އަންނަނީ ވަކިންނެވެ. އެންމެ ފަހުން ސަންޗޯ ޔުނައިޓެޑް ޓީމަށް މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ.
ސަންޗޯ ބުނީ އަނބުރާ ޑޯޓްމަންޑަށް އާދެވުމުން ކުރެވެނީ އެނބުރި “ގެއަށް” އާދެވުމުގެ އިހުސާސް ކަމަށެވެ.
ޑިފެންސާއި މިޑްފީލްޑަށް ކުޅޭ ޑަޔާ ބަޔާނަށް ބަދަލުވީ ޓޮޓެންހަމްގައި ފުރުސަތު ނުލިބޭތީ އެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޑަޔާ އަދި ކުޅުނީ ހަތަރު މެޗުގަ އެވެ.
މި ސީޒަން ނިމުމުން ބަޔާނުން ބޭނުންނަމަ ޑަޔާގެ ލޯނު އެއްބަސްވުމަށް އަހަރެއް އިތުރުކުރެވޭނެ އެވެ.
އަނިޔާގެ މައްސަލަތައް ދިމާވެފައިވާ ޓޮޓެންހަމް އިން ވަނީ ޑިފެންސް ވަރުގަދަކުރަން، އިޓަލީގެ ޖެނޯއާ އަށް ކުޅުނު ރޫޑީ ޑްރަގޫސިން ގެނެސްފަ އެވެ. ރޮމޭނިއާ އަށް ނިސްބަތްވާ ޑްރަގޫސިން، 21، ޓޮޓެންހަމް އަށް ބަދަލުވީ 31 މިލިއަން ޑޮލަރަށެވެ.
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ޑަޔާ އަކީ އެކި މަގާމްތަކަށް ކުޅެވޭ ކުޅުންތެރިއެއް ކަމަށާއި، އޭނާ ޑަޔާ ބޭނުންކުރާނީ ޑިފެންސުގައި ކަމަށެވެ.
ޑަޔާ ބުނީ ބަޔާން ކަހަލަ ބޮޑު ކްލަބަކަށް ކުޅުމަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކު ވެސް އުއްމީދު ކުރާނެ ކަމެއް ކަމަށެވެ.