މި ޖީލު ދުށް އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ އުރުގުއޭގެ ލުއިސް ސުއަރޭޒް، 36، އެމެރިކާ ލީގުގެ އިންޓަ މަޔާމީ އަށް ބަދަލުވެއްޖެ އެވެ.
ސުއަރޭޒް އިންޓަ މަޔާމީ އަށް ބަދަލުވި އެއް ސަބަބަކީ އޭނާއާ އެކު ކުރިން ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ލިއޮނެލް މެސީ އާއި ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސް އެ ކްލަބުގައި ތިބުމެވެ. ކުރީގެ ރައްޓެހިންނާ އެކު ސުއަރޭޒް އެ ޓީމުން ފެންނާނީ އަންނަ ފެބްރުއަރީ މަހު ފަށާ އާ ސީޒަނުގަ އެވެ.
“ގާތް ރައްޓެހިންނާ އަލުން ގުޅެން އަހަރެން މިހުރީ ވަރަށް ބޭނުންވެފަ. އިންޓަ މަޔާމީއާ އެކު އަހަރެން މި ޗެލެންޖް ނަގާނަން. އުއްމީދަކީ މި ޓީމު އިތުރު ތަށިތައް ހޯދުމަށް ކުރާ ހުވަފެން ހަގީގަތަކަށް ހެދުން” އިންޓަ މަޔާމީ އަށް ބަދަލުވުމަށް ފަހު ސުއަރޭޒް ބުންޏެވެ.
އިންޓަ މަޔާމީގެ ޗީފް ބިޒްނެސް އޮފިސާ ހާވިއޭ އަސެންސީ ބުނީ ސުއަރޭޒް އެޓީމާ ގުޅުމަކީ ކްލަބަށް އަނެއްކާވެސް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
ސުއަރޭޒް އަކީ ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އާޖެންޓީނާގެ ނެސިއޮނަލްއާ އެކު އެ ގައުމުގެ ލީގު ކާމިޔާބު ކުރުމަށް ފަހު ސުއަރޭޒް ވަނީ ނެދަލެންޑްސްގެ އަޔަކްސްއާ އެކު އެގައުމުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއަށްފަހު އިނގިރޭސި ކްލަބް ލިވަޕޫލަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކި އެވެ. ލިވަޕޫލަށް ފަހު ސުއަރޭޒް ބަދަލުވީ ބާސެލޯނާ އަށެވެ.
އެމެރިކާ ލީގަށް ބަދަލުވުމުގެ ކުރިން ސުއަރޭޒް ކުޅެމުން އައީ ބްރެޒިލް ލީގުގެ ގްރެމިއޯ އަށެވެ. އެ ޓީމުން މިދިޔަ ސީޒަނުގެ ލީގު ދެ ވަނަ ހޯދިއިރު 33 މެޗުގައި ސުއަރޭޒް 17 ގޯލު ޖެހި އެވެ. އެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ސުއަރޭޒް އެވެ.
ގްރެމިއޯއާ އެކު ސުއަރޭޒް 2022 ވަނަ އަހަރު ހެދީ ދެ އަހަރުގެ އެއްބަސްވުމެކެވެ. އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި ސުއަރޭޒް އެ ކްލަބް ދޫކޮށްލީ ކަކުލުގެ އަނިޔާގެ ސަބަބުންނާއި ބްރެޒިލްގައި މެޗުތައް ކުޅެން ކުރަންޖެހޭ ދަތުރު ދިގުވުމާއި ގުޅިގެން ފުލް ސީޒަނެއް ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން ނެތީމަ އެވެ.
ސުއަރޭޒްގެ ވިދުން އެންމެ ގަދަވީ މެސީއާ އެކު ބާސެލޯނާ އަށް ކުޅުނު ދުވަސްވަރެވެ. އެ ކްލަބާ އެކު ހަތަރު ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށް ޔޫއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.
ސުއަރޭޒް ބަދަލުވި އިންޓަ މަޔާމީގެ އެއް ހިއްސާދާރަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމުން ވަނީ މެސީ، ބުސްކެޓްސް އަދި އަލްބާއާ އެކު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ކުޅުންތެރިންގެ އެހީގައި މިދިޔަ އޮގަސްޓް މަހު އިންޓަ މަޔާމީ އިން ލީގު ކަޕް ޗެމްޕިއަންކަން ހޯދި އެވެ. އެއީ ކްލަބުގެ ތާރީހުގައި ލިބުނު ފުރަތަމަ ތައްޓެވެ.
މިދިޔަ ސީޒަނުގައި އިންޓަ މަޔާމީ ނިންމާލީ އެމްއެލްއެސް އީސްޓާން ކޮންފަރެންސް ލީގުގެ ފަހަތުން ދެ ވަނައިގަ އެވެ. އެޓީމުގެ ނަތީޖާތައް ދަށްވީ ސީޒަނުގެ ކުރީކޮޅު ފިލް ނެވިލްގެ ކޯޗުކަމުގަ އެވެ.