ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން ވަނީ މިއަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔޫރަޕްގެ ކްލަބްތައް ހައިރާން ކޮށްލާފައި އަގުބޮޑުކޮށް ގިނަ ކުޅުންތެރިންތަކެއް މި ސީޒަނަށް ގެންގޮސްފަ އެވެ.
ސައުދީ ލީގުން ކުޅުންތެރިން ހޯދުމުގެ ބޮޑު ޕްރޮޖެކްޓް ފެށީ، މިދިޔަ ޑީސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ދިޔަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާޅްޑޯ އަށް ކުރި އިންވެސްޓުންނެވެ. ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ސޮއިކުރީ 214.04 މިލިއަން ޑޮލަރުގެ އަގުހުރި ކޮންޓްރެކްޓެއްގަ އެވެ.
އެއަށް ފަހު ޖޫން ޓްރާންސްފާ ބާޒާރުގައި ވަނީ ކަރީމް ބެންޒެމާ، ނޭމާ، އެންގޯލޯ ކަންޓޭ، ސަޑިއޯ މާނޭ އަދި ރިޔާދު މާރޭޒް ފަދަ ކުޅުންތެރިން ގެންގޮސްފަ އެވެ.
ރެކޯޑް އަގަކަށް ރޮނާލްޑޯ ސައުދީ ލީގަށް ގެންދިޔަ ނަމަވެސް، ޓްރާންސްފާމާކެޓް އިން ހާމަކުރާ ސްޓެޓިސްޓިކްސް އަށް ބަލާއިރު، ސައުދީ ލީގުގައި މިހާރު ކުޅޭ އެންމެ އަގުބޮޑު 10 ކުޅުންތެރިންގެ ލިސްޓުގައި ރޮނާލްޑޯ ނުހިމެނެ އެވެ.
ޓްރާންސްފާމާކެޓް އިން ހާމަ ކޮށްފައިކާ ކުޅުންތެރިންގެ މާކެޓް އަގުތަކަށް ބަލައިލާއިރު، އުމުރުން 38 އަހަރުގެ ރޮނާލްޑޯގެ އަގަކީ 15 މިލިއަން ޔޫރޯ އެވެ. އޭނާ ހިމެނެނީ ސައުދީ ލީގުގެ އަގުބޮޑު ކުޅުންތެރިންގެ ލިސްޓުގެ 23 ވަނައިގަ އެވެ. ހަމަ އެހެންމެ ބެންޒެމާގެ މާކެޓް އަގަކީ ވެސް ރޮނާލްޑޯއާ އެއްވަރަށް 15 މިލިއަން ޔޫރޯ އެވެ.
ސައުދީ ލީގުގެ އެންމެ އަގުބޮޑު 10 ކުޅުންތެރިންގެ ލިސްޓު:
1 – ނޭމާ، 31 އަހަރު (އަލް ހިލާލް): 50 މިލިއަން ޔޫރޯ
2 – ސާޖެގް މިލިންކޮވިޗް-ސަވިޗް، 28 އަހަރު (އަލް ހިލާލް): 40 މިލިއަން ޔޫރޯ
3 – ރުބެން ނެވޭސް، 26 އަހަރު (އަލް ހިލާލް): 40 މިލިއަން ޔޫރޯ
4 – ފަބީނިއޯ، 30 އަހަރު (އަލް އިއްތިހާދު): 38 މިލިއަން ޔޫރޯ
5 – އޮޓޭވިއޯ، 28 އަހަރު (އައް ނަސްރު): 35 މިލިއަން ޔޫރޯ
6 – ގަބްރީ ވެއިގާ، 21 އަހަރު (އަލް އަހްލީ): 30 މިލިއަން ޔޫރޯ
7 – މެލްކޮމް، 26 އަހަރު (އަލް ހިލާލް): 30 މިލިއަން ޔޫރޯ
8 – ރޮޖާ އިބަނީޒް، 24 އަހަރު (އަލް އަހްލީ): 28 މިލިއަން ޔޫރޯ
9 – އަލެކްސެންޑާ މިޓްރޮވިޗް، 29 އަހަރު (އަލް ހިލާލް): 28 އަހަރު
10 – ސަޑިއޯ މާނޭ، 31 އަހަރު (އައް ނަސްރު): 25 މިލިއަން ޔޫރޯ