މާދަމާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ކުޅިވަރާއި ގުޅޭ ގިނަ ވައުދުތަކެއް ހިމަނައިފި އެވެ.
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ޕްލޭންކޮށްފައިވާ ވައުދުތައް އިއުލާންކުރީ ރޭ “ހަފްތާ 14” ގެ ނަމުގައި ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މުއިއްޒު ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރުމަށް 172 މަޝްރޫއެއް ވަނީ ހިމަނައިފަ އެވެ. އޭގެތެރޭގައި ކުޅިވަރުގެ ވައުދުތައް ހިމަނާފައިވަނީ “އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު” ގެ ބައިގަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު. 100 ދުވަހުގެ ޕްލޭންގައި ކުޅިވަރުގެ މުހިއްމު ވައުދުތަކެއް ވަނީ ހިމަނާފައި. ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް
ކުޅިވަރާއި ގުޅޭ ހަތް ވައުދެއް ޕްލޭންގައި ހިމަނާފައިވެ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ވައުދަކީ ފުރަތަމަ 100 ދުވަސްތެރޭ މާލެ ސަރަހައްދުގައި ފުޓްސަލް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމަށް ބޭނުންވާ މަސައްކަތް ފެށުމެވެ.
ފުޓްސަލް ކޮމްޕްލެކްސް ގާއިމްކުރުމަކީ ރާއްޖޭގެ ކުޅިވަރަށް މިހާރު އެންމެ ބޭނުންވެފައިވާ އެއް ވަސީލަތެވެ. ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްސަލް އެވެ. އެކަމަކު ފުޓްސަލް އިންޑޯ ސްޓޭޑިއަމެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ޒުވާނުން އަންނަނީ ފާޅުކުރަމުންނެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާއިރު އިންޑޯ ފުޓްސަލް ދަނޑެއް ނެތުމުން ނަތިޖާތަކަށް އަސަރުކުރެ އެވެ. މިދިޔަ މަހު އޮތް އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ރާއްޖޭގެ ފުޓްސަލް ޓީމު ދިޔައީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ޕްރެކްޓިސްކޮށްފަ އެވެ. ފުޓްސަލްގައި ކުރިއެރުން ހޯދާފައިވާ ގައުމުތަކުގައި އިންޑޯ ފުޓްސަލް އެރީނާތައް ވަނީ ގާއިމްކޮށްފަ އެވެ.
ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމުގެ އިތުރުން ނެޓްބޯލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އާ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގައި ހިމަނާފައިވާ ކުޅިވަރުގެ ވައުދުތައް
ކުޅިވަރުގެ ވަސީލަތްތައް ރަށްރަށުގައި ފުރިހަމަކުރުމުގެ ޕްރޮގްރާމެއް ފެށުން
ފުޓްސަލް ދަނޑުތަކާއި، އެ ކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެކުލެވޭ ގޮތަށް
ފަރުމާކޮށްގެން، މާލެ ސަރަހައްދުގައި ‘ފުޓްސަލް ކޮމްޕްލެކްސް’ އެއް ޢިމާރާތްކުރުމަށް ބޭނުންވާ މަސައްކަތްތައް ފެށުން
ނެޓްބޯލް ދަނޑުތަކާއި، އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެކުލެވޭ ގޮތަށް
ފަރުމާކޮށްގެން، މާލެ ސަރަހައްދުގައި ‘ނެޓްބޯލް ކޮމްޕްލެކްސް’އެއް ޢިމާރާތް ކުރުމަށް ބޭނުންވާ މަސައްކަތްތައް ފެށުން
ކުރީގެ ޤައުމީ އެތުލީޓުންގެ މައްޗަށް އެކުލެވޭ ‘ނެޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑަރސް’ގެ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން، ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުން
ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމުޢިއްޔާތަކާއި ޤައުމީ ކުޅިވަރު އެސޯޝިއޭޝަންތަކަށް ޚާއްޞަ ޕޯޓަލެއް ‘ފިޓް މޯލްޑިވްސް’ގެ ނަމުގައި ޤާއިމުކުރުން
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުން
މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމެއް ފަރުމާކުރުން