މިހާތަނަށް ދިމާވި އެންމެ ހިތްހެޔޮ ބަޔަކީ ދިވެހިންކަމަށާއި، އަރާމުކޮށްލަން އަންނަން އެންމެ ބަރާބަރު މަންޒިލަކީ ދިވެހިރާއްޖެކަމަށް ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފި އެވެ.
އިޓަލީއަށް އުފަން އުމުރުން 32 އަހަރުގެ ފަބްރީޒިއޯ މިހެން ބުނެފައިވަނީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ދިވެހިރާއްޖޭން އޭނާ ހަމަޖެއްސި ފަހުން ރާއްޖެއަށް ކުރި ފުރަތަމަ ޒިޔާރަތުގައި އިއްޔެ ހެނދުނު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގަ އެވެ. ފަބްރީޒިއޯ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެމްބެސެޑަރަކަށް ވުމުގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ރާއްޖެ އައިސްފަ އެވެ. ފަބްރީޒިއޯގެ ޕޯސްޓްގައި ފާހަގަކޮށްފައިވާ ގޮތުން އޭނާއަށް ރާއްޖޭގެ ހުރިހާ ކަމެއްވެސް ހާއްސަ އެވެ.
“މިއީ ހާއްސަ މޫދެއް. މި މާހައުލުވެސް ހާއްސަ. ކެއުންވެސް އެހާ މީރު. މިއީ އަދި މިހާތަނަށް ދިމާވި އެންމެ ހިތްހެޔޮ މީހުން. އާ ކަންތައްތައް ތަޖުރިބާކޮށްލުމަށާއި، އަރާމުކޮށްލުމަށް މިއީ އެންމެ ބަރާބަރު ތަން” ފަބްރީޒިއޯގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.
ކުޅިވަރު ހަބަރުތައް ގެނެސްދިނުމުގައި މިހާތަނަށް ގާތްގަނޑަކަށް 13 އަހަރު ހޭދަކޮށްފައިވާ ފަބްރީޒިއޯ ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑަށް މަގްބޫލުވެފައިވަނީ ފުޓްބޯޅަ ޓްރާންސްފާއާ ގުޅޭ އެންމެ ސައްހަ ހަބަރުތައް އެންމެ ތާޒާކަމާއި އެކު ގެނެސްދޭ ނޫސްވެރިޔާގެ ގޮތުގަ އެވެ.

ފަބްރީޒިއޯ ދިވެހިންނާއެކު. މިފަހަރުގެ ދަތުރުގައި ވެސް ރާއްޖެއަށް ވަރަށް ތައުރީފް ކުރި.
ފަބްރީޒިއޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފޮލޯކުރާ މީހުންގެ އަދަދު 72 މިލިއަނަށް އަރަ އެވެ.
ރާއްޖޭގެ ރީތިކަމާއި، ރާއްޖެއިން ލިބުނު މެހުމާންދާރީގެ ފުރިހަމަކަމުގެ އިތުރުން މިދަތުރުގައި ފަބްރީޒިއޯ ރާއްޖޭގައި ކުރި ބައެއް ކަންކަމުގެ ވާހަކަވެސް ހިއްސާކޮށްފައިވެ އެވެ.
“އަހަރެމެންނަށް ވަރަށް ހިތްގައިމު ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނު. މާކަނޑަށް ނުކުމެ މަސް ބާނަން ފުރުސަތު ލިބުނު. ތަފާތު ފަސް ރެސްޓޯރެންޓެއްގެ ރަހަތައް ތަޖުރިބާކޮށްލަން ލިބުނު. އަދި އަހަރެމެން ތިބި ރިސޯޓްގެ މުވައްޒަފުންނާއެކު ފުޓްބޯޅަ ކުޅެލަންވެސް ފުރުސަތު ލިބުނު” ފަބްރީޒިއޯ ބުނެފައިވެ އެވެ.
ޕޯސްޓް ނިންމާލަމުން ފަބްރީޒިއޯ ރާއްޖެ ސިފަކޮށްފައިވަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގަ އެވެ.
ރާއްޖޭގައި ފަބްރީޒިއޯ ޗުއްޓީ ހޭދަކުރީ ވިލާ ނޯޓިކާ އާއި ބަރޮސް މޯލްޑިވްސްގަ އެވެ. ފަބްރީޒިއޯ ވަނީ އޭނާ ރާއްޖޭން ދިން ފުރުސަތަށް ޝުކުރުއަދާކޮށް އަދިވެސް އަންނާނެ ކަމަށް ބުނެފަ އެވެ.