ފުރަތަމަ ސަފްޙާ / ޚަބަރު / ފަލަސްތީނުގެ ފުޓްބޯޅަ ދަނޑެއް ނައްތާލަން އުޅުމުން ޔޫއެފާއިން ހުއްޓުވައިފި

ފަލަސްތީނުގެ ފުޓްބޯޅަ ދަނޑެއް ނައްތާލަން އުޅުމުން ޔޫއެފާއިން ހުއްޓުވައިފި

އެޑްމިން
އެޑްމިން
4 ހަފްތާ ކުރިން 22 ޖެނުއަރީ 2026

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެގައުމުގެ ރައްޔިތުން ބޭނުންކުރަމުން އަންނަ ފުޓްބޯޅަ ދަނޑެއް އިޒްރޭލް ސިފައިން ހަލާކުކޮށްލަން އުޅެނިކޮށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިން އެކަން ހުއްޓުވައިފި އެވެ.

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އަންނަ އައިދާ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި އޮންނަ ފުޓްބޯޅަ ދަނޑު ހަލާކުކޮށްލަން އިޒްރޭލްގެ ސިފައިން ކުރަން ރާވަމުން އައި މަސައްކަތް ހުއްޓާލީ އެ ދަނޑު ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ކެމްޕެއިނެއް ވެސް ކުރަމުން އަންނަނިކޮށެވެ. މި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ޔޫއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން އެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެފާގެ ރައީސް ކެފެރިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އިޒްރޭލްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ބޭފުޅުންނާ ތިންފަހަރެއްގެ މަތިން ފޯނުން ގުޅުއްވައި ފަލަސްތީނުގެ ފުޓްބޯޅަ ދަނޑުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެ މަޝްވަރާތަކުގައި ކެފެރިން ފާހަގަކުރެއްވި ކަންބޮޑުވުންތައް އިޒްރޭލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އިޒްރޭލްގެ ސަލާމަތީ ބާރުތަކާ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން މި މައްސަލައިގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް އިޒްރޭލްގެ ފުޓްބޯޅަ އެސޯސިއޭޝަނާ ވާހަކަދައްކާފައިވާކަމަށް ބެލެވޭކަމަށް ދަ ގާޑިއަން ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

ގާތްގަނޑަކަށް ހަތް ހާހަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުން އަންނަ އައިދާ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި އޮންނަ މި ފުޓްބޯޅަ ދަނޑަކީ މީގެ ހަތަރު އަހަރުކުރިން ބިނާކޮށްފައިވާ ދަނޑެކެވެ. މިއީ މި ސަރަހައްދުގައި އޮންނަ ހަމައެކަނި ދަނޑަށްވުމުގެ އިތުރުން މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގަވާއިދުން ބޭނުންކުރަމުން އަންނަ ދަނޑެކެވެ. ވަކިން ހާއްސަގޮތެއްގައި ޔޫތު މުބާރާތްތަކަށް ތައްޔާރުވާ ފަލަސްތީނު ކުދިންގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ވެސް މި ދަނޑުގަ އެވެ.

ފަލަސްތީނުގެ ފުޓްބޯޅަ ދަނޑުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައީ މި ދަނޑަކީ ގަވާއިދާ ހިލާފަށް ބިނާކޮށްފައިވާ ތަނެއް ކަމަށް ކަނޑައަޅައި އެތަން ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އިޒްރޭލްގެ ކަމާ ގުޅޭ އިދާރާތަކުން ދިނުމާ ގުޅިގެންނެވެ. ބެލެވޭ ގޮތުގައި ފުޓްބޯޅަ ދަނޑު ހަލާކުކޮށްލަން އިޒްރޭލުން ނިންމި ނިންމުން ބަދަލުކުރީ ޔޫރަޕްގެ މުބާރާތްތަކުގައި އިޒްރޭލްގެ ގައުމީ ޓީމާއި، ކްލަބްތަކަށް ބައިވެރިވުމުގެ ފުރުސަތު، އެކަންކޮށްފިނަމަ ގެއްލިދާނެކަމުގެ ބިރާ ކުރިމަތިވުމުންނެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިޒްރޭލްގެ ގައުމީ ޓީމް ކުޅޭ ބައިނަލްއަގްވާމީ މެޗުތަކުގައި އިދިކޮޅުން ވާދަކުރާ ޓީމުތަކުގެ ސަޕޯޓަރުންނާއި، މެޗު ބަލަން ދަނޑަށް ވަންނަ އެހެން ގައުމުތަކުގެ މީހުންގެ ފަރާތުން ނުރުހުން ފާޅުކުރުމުގެ ކަންކަން ފެނުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އަދި އެހެން ގައުމުތަކުގައި އިޒްރޭލްގެ ގައުމީ ޓީމު ކުޅޭ މެޗުތައް އޮންނައިރު ސްޓޭޑިއަމާ ކައިރި ސަރަހައްދުތަކުގައި އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން ބޮޑެތި މުޒާހަރާތައް މިފަހުން ކުރިއަށްގެންގޮސްފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!