ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔަމަންޓް ފެސިލިޓީއެއް ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފެސިލިޓީ އިފްތިތާހުކޮށްދެއްވީ ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރަން ފެށުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ސިއްހީ މިންގަނޑެއްގައި ގާއިމުކޮށްފައި ހުންނަންޖެހެ އެވެ. ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި، ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ސިއްހީ ފުރަތަމަ އެހީ ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެ އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުސަތެއްގައި ރައްކާތެރިކަމާއެކު އިތުރު ފަރުވާއަށް ހޮސްޕިޓަލަކަށް ނުވަތަ އިމަރޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން ވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭ ކަމެކެވެ.
ސޯޝަލް ސެންޓަރުގައި މެޑިކަލް ރޫމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެތަން ބައްލަވާލެއްވި އެވެ. މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ފަށާ މިއަހަރުގެ ބާސްކެޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި ހާއްސަ އެގްޒިބިޝަން މެޗު ވެސް ރައީސް ބައްލަވާލެއްވި އެވެ.
ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ސިއްހީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.