ފުރަތަމަ ސަފްޙާ / ޚަބަރު / މުޅި ޕީއެސްޖީގައި އެމްބާޕޭގެ ދެ ފައި، ރޭ ވެސް ހުރިހާ ލަނޑެއް

މުޅި ޕީއެސްޖީގައި އެމްބާޕޭގެ ދެ ފައި، ރޭ ވެސް ހުރިހާ ލަނޑެއް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 13 ނޮވެމްބަރު 2023

ފްރެންޗް ލީގުގައި ރޭ ކިލިއަން އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި ރެއިމްސް 0-3 އިން ބަލިކޮށްފި އެވެ.

މެޗުގެ ފުރަތަމަ ގޯލު އެމްބާޕޭ ޖެހީ ތިން ވަނަ މިނެޓުގަ އެވެ. ދެ ވަނަ ގޯލު 59 ވަނަ މިނެޓުގައި ޖެހިއިރު ހެޓްރިކް ފުރިހަމަކުރީ 82 ވަނަ މިނެޓުގަ އެވެ.

ޓްރާންސްފާ ބާޒާރުގެ ފަހު ވަގުތު ޕީއެސްޖީ އިން މަޑުކުރުވި އެމްބާޕޭ އަންނަނީ މި ސީޒަނުގައި ވެސް އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ލީގުގައި މިހާތަނަށް 11 ގޯލު ޖެހިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އެމްބާޕޭ ނެތި ޕީއެސްޖީ އަށް މޮޅުވުން ވަނީ އުނދަގޫ ކަމަކަށެވެ.

އެމްބާޕޭގެ ހެޓްރިކާ އެކު އޭނާ އަށް ވަނީ ހާއްސަ ރެކޯޑެއް ލިބިފަ އެވެ. އެމްބާޕޭ އަކީ 2000 ވަނަ އަހަރުގެ ފަހުން ފްރެންޗް ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާ އެވެ. ރޭ އެމްބާޕޭ ލީގުގެ އަށް ވަނަ ހެޓްރިކް ހެދިއިރު ކުރިން އެމްބާޕޭއާ އެކު އެ ރެކޯޑް އޮތީ ހަތް ހެޓްރިކް ހެދި ޒަލަޓަން އިބްރަހިމޮވިޗް އަތުގަ އެވެ. ތިން ވަނައިގައި އޮތީ ފަސް ހެޓްރިކް ހެދި ވިސާމް ބެން ޔެޑާ އެވެ.

ރޭ އެމްބާޕޭގެ ހެޓްރިކަކީ ފްރެންޗް ލީގުގެ ކުޅުންތެރިއަކު އެ ލީގުގައި ހެދި 600 ވަނަ ހެޓްރިކެވެ.

މޮޅާ އެކު ޕީއެސްޖީ އޮތީ 27 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ނީސް އަށް 26 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް މޮނާކޯ އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ޕީއެސްޖީ އަތުން ބަލިވި ރެއިމްސް އޮތީ 20 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!