ފުރަތަމަ ސަފްޙާ / ޚަބަރު / ފާޑުނުކިޔޭހާ މޮޅަށް ޗެލްސީ އިން ޓޮޓެންހަމް ބަލިކޮށްފި

ފާޑުނުކިޔޭހާ މޮޅަށް ޗެލްސީ އިން ޓޮޓެންހަމް ބަލިކޮށްފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 7 ނޮވެމްބަރު 2023

މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ އިން ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ބޮޑު މޮޅެއް ހޯދައި އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން ޗެލްސީ މޮޅުވީ 4-1 އިންނެވެ. ފަސް ގޯލުގެ އިތުރުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ ފަސް ނިންމުމާއި ދެ ރަތް ކާޑު ފެނުނު މެޗުން ދިޔައީ ވަރަށް ޝައުގުވެރިކޮށެވެ.

މެޗުގައި ޗެލްސީގެ ހީރޯ އަކީ ހެޓްރިކް ހެދި ނިކޮލަސް ޖެކްސަން އެވެ. ރޭގެ މެޗަކީ މިފަހަރުގެ ލީގުގައި ޓޮޓެންހަމް ބަލިވި ފުރަތަމަ ފަހަރެވެ.

ޗެލްސީ އަށް މި ސީޒަނުގައި އިރުޝާދުދެނީ ކުރިން ޓޮޓެންހަމްގައި ރަނގަޅު މަސައްކަތްތަކެއް ކުރި މައުރީސިއޯ ޕޮޗެޓީނޯ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑެޔަން ކުލުސެވްސްކީ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރެފްރީ ޕެނަލްޓީ ދިނީ ޓޮޓެންހަމްގެ ކްރިސްޓިއެން ރޮމޭރޯ ޗެލްސީގެ އެންޒޯ ފެނާންޑޭޒް އަށް ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދެއްކުމަށް ފަހު އެވެ.

ރޮމޭރޯ އަށް ރެފްރީ ރަތް ކާޑު ދައްކަނީ.

ކުޅުންތެރިއަކު މަދުވުމުގެ އިތުރުން ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެން ޑަ ވެން އާއި ޖޭމްސް މެޑިސަން ވަނީ ބަދަލުކޮށްފަ އެވެ. އަދި ބްރެންނަން ޖޯންސަންގެ ބަދަލުގައި އެރިކް ޑަޔާ ކުޅެން އެރުވި އެވެ.

އެ ހާފުގައި ޗެލްސީ އިން ގޯލަށް ވައްދާލި ދެ ބޯޅައެއް ވީއޭއާރުގެ އެހީގައި ކެންސަލްކުރި އެވެ. ރަހީމް ސްޓާލިން ގޯލަށް ބޯޅަ ވައްދާލުމުގެ ކުރިން އަތުގައި ބޯޅަ ޖެހުނުއިރު މޮއިސެސް ކައިސީޑޯގެ ގޯލު ކެންސަލްކުރީ އޮފްސައިޑް ވުމުންނެވެ.

ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އަށް ރަތް ކާޑު ދެއްކުމުން ނުވަ ކުޅުންތެރިންނާ އެކު ޓޮޓެންހަމް އަށް މެޗު ތެރެއަށް އަނބުރާ އަންނަން އުނދަގޫވި އެވެ. އުޑޯގީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ ސްޓާލިން އަށް ކުރި ފައުލަކަށެވެ.

ޗެލްސީ ލީޑު ނެގި ގޯލު ޖެކްސަން ޖެހީ 75 ވަނަ މިނެޓުގަ އެވެ. އޭގެފަހުން އިތުރު ވަގުތުގައި ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ.

މޮޅާ އެކު ޗެލްސީ ވަނީ 11 މެޗުން ހޯދި 15 ޕޮއިންޓާ އެކު ލީގުގެ 10 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ޗެލްސީ އަތުން ބަލިވުމުން އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ޓޮޓެންހަމް އަށް ވަނީ ގެއްލިފަ އެވެ. މެންޗެސްޓާ ސިޓީ 27 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ޓޮޓެންހަމް ދެ ވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!