މިހާރު އިންޑިއާ ގައި ކުރިއަށްދާ އައިސީސީ ވޯލްޑް ކަޕް ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑާ ވާދަކޮށް އަފްގާނިސްތާނުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ. މި މެޗު އަފްގާނިސްތާނުން ކާމިޔާބުކުރީ 69 ލަނޑުގެ ތަފާތުންނެވެ.
މިއީ މި މުބާރާތުގައި އަފްގާނިސްތާނުން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން މި މުބާރާތުގައި އެޓީމު ވަނީ އިންޑިއާ އަދި ބަންގްލަދޭޝްއާ ވާދަކޮށް ބަލިވެފަ އެވެ. މި މެޗުގެ ކުރިން އިންގްލެންޑް ވެސް މުބާރާތުގައި ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރ އަޕް ނިއު ޒީލެންޑް އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި އިންގްލެންޑް ވަނީ 139 ލަނޑުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
މި މެޗުގައި ފުރަތަމަ ކުޅެން އެރީ އަފްގާނިސްތާނުންނެވެ. އަފްގާނިސްތާނުން ކުޅެން އަރާ ބާކީ އެންމެ ބޯޅައެއް އޮއްވައި އެންމެން ނުބައިވިއިރު ހެދުނީ 284 ލަނޑެވެ. މި އިނިންގްސް ގައި އަފްގާނިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 57 ބޯޅައިން 80 ލަނޑު ހެދި ރަހްމާނުﷲ ގަރްބާޒެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ 42 ލަނޑަށް 3 ވިކެޓް ނެގި އާދިލް ރާޝިދެވެ. ޖަވާބުގައި އިނގިރޭސިން ކުޅެން އަރާ 41 ވަނަ އޯވަރުގެ ތެރޭގައި އެންމެން ނުބައިވިއިރު ހެދުނީ 215 ލަނޑެވެ.
އިންގްލެންޑްގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 61 ބޯޅައިން 66 ލަނޑު ހެދި ހެރީ ބްރޫކެވެ. އިންގްލެންޑް ކުޅުނު އިނިންގްސް ގައި އަފްގާނިސްތާން ޓީމުން އެންމެ ރަނގަޅަށް އުކީ 37 ލަނޑަށް 3 ވިކެޓް ނެގި ރަޝީދު ޚާން އެވެ.
މިއީ ބައިނަލްއަގުވާމީ ކްރިކެޓް މެޗެއްގައި އަފްގާނިސްތާނު އަތުން އިނގިރޭސިން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ މިހާތަނަށް އަފްގާނިސްތާނަށް ވޯލްޑް ކަޕް މެޗެއް ކާމިޔާބުކުރެވުނު ދެ ވަނަ ފަހަރެވެ.
މިރޭގެ ނަތީޖާ އާއެކު އަފްގާނިސްތާނު މިހާރު އޮތީ 10 ޓީމު ވާދަކުރާ މުބާރާތުގެ 7 ވަނައިގަ އެވެ. އިންގްލެންޑް އޮތީ 5 ވަނައިގަ އެވެ. ކުޅުނު ތިން މެޗުންވެސް މޮޅުވެގެން ޓޭބަލްގެ އެއް ވަނައިގައި މިވަގުތު އޮތީ އިންޑިއާ އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މިވަގުތު ޓޭބަލްގެ އެންމެ ފުލުގައި އޮތް އޮސްޓްރޭލިއާ އާއި އަށް ވަނައިގައި އޮތް ސްރީލަންކާ އެވެ.