ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަން މާޒިޔާ އިން ލީގު އައްޑަނަ އުފުލާލައިފި
ފަހުމިނެޓް

ޗެމްޕިއަން މާޒިޔާ އިން ލީގު އައްޑަނަ އުފުލާލައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 1 އޮގަސްޓް 2022

ދިވެހި ޕްރިމިއާ ލީގުގައި މިރޭ 5-0 އިން ކްލަބް އީގަލްސް ބަލިކުރި މެޗަށް ފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ހަތަރު ވަނަ ފަހަރަށް އުފުލާލައިފި އެވެ.

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މާޒިޔާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ބާކީ ދެ މެޗު އޮއްވައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ލީގު ޗެމްޕިއަންކަން މާޒިޔާ އަށް ކަށަވަރުކޮށްދިނުމަށް ފަހު އެޓީމަށް އިރުޝާދުދިން ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް އެޓީމުގެ ކޯޗުކަމުން ވަކިވެފަ އެވެ. ޖެސިކްގެ ވަކިވުމަށް ފަހު ފަހު ދެ މެޗުގައި މާޒިޔާ އަށް އިރުޝާދުދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ޝުޒައިރު އެވެ. މާޒިޔާ އިން ވަނީ ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗު ކާމިޔާބުކޮށްފަ އެވެ. އެއްވަރުވީ އީގަލްސްއާ ވާދަކުރި މެޗަކުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އޮތް އެންމެ މޮޅު ކްލަބް، މާޒިޔާ އިން ދިވެހި ލީގުގެ ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗުކަމުގަ އެވެ. އޭގެފަހުން އެޓީމުން ވަނީ 2019-2020 ވަނަ ސީޒަނާއި 2020-2021 ވަނަ ސީޒަން އަދި މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދާފަ އެވެ.

ލީގުގެ ކުޅުން މިރޭ ނިމުނުއިރު މާޒިޔާ އިން ވަނީ 21 މެޗުން 60 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނަ ހޯދި އީގަލްސް އަށް ލިބުނީ 46 ޕޮއިންޓެވެ. ތިން ވަނަ ލިބުނީ 32 ޕޮއިންޓް ހޯދި ކްލަބް ވެލެންސިއާ އަށެވެ. ހަތަރު ވަނަ 30 ޕޮއިންޓާ އެކު ކްލަބް ގްރީން ސްޓްރީޓްސް ހޯދިއިރު ފަސް ވަނަ ލިބުނީ 28 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބަށެވެ. 26 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައަށް ދިޔައީ ޔުނައިޓެޑް ވިކްޓްރީ އެވެ. ހަތް ވަނަ 15 ޕޮއިންޓާ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ލިބުނުއިރު ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބުނީ ފަސް ޕޮއިންޓެވެ. ލީގުގެ ތިން ބުރުގައި ދަ ގްރާންޑޭ އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

މިރޭގެ މެޗު ފަށައިގެން 14 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. 23 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ނާއިޒް ހަސަން (ދާދު) ޖެހިއިރު 43 ވަނަ މިނެޓުގައި އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ އަސަދުﷲ އަބްދުﷲ އެވެ. ދެ ވަނަ ހާފުގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ހަމްޒާ މުހައްމަދު (ހަމްޕު) ޖެހިއިރު ފަހު ލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އެވެ.

މި ސީޒަނުގައި ފުރަތަމަ ކުޅުނު މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި މާޒިޔާ ބަލިކޮށް ހޯދީ ވެލެންސިއާ އެވެ. ސީޒަނުގައި ބާކީ އޮންނާނީ އެފްއޭ ކަޕެވެ. އެ މުބާރާތް މި މަހުގެ 18 ވަނަ ދުވަހު ފަށާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!