ފުރަތަމަ ސަފްޙާ / ޚަބަރު / ތިން ވަނަ ތައްޓާ އެކު ތިމަރަފުށިން ރަތް ދޫލައިގެ މަރުހަބާ އެއް
ފަހުމިނެޓް

ތިން ވަނަ ތައްޓާ އެކު ތިމަރަފުށިން ރަތް ދޫލައިގެ މަރުހަބާ އެއް

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 2 އެޕްރީލް 2022

މިއަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކުރި ތ. ތިމަރަފުށީ ފުޓްސަލް ޓީމު، ތައްޓާ އެކު އެރަށަށް ދިއުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

91 ޓީމު ވާދަކުރި ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދީ މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކޮށްގެންނެވެ. ތިމަރަފުށިން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަ މުބާރާތުގެ ތެރެއިން ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިއަހަރުގެ އިތުރުން އެޓީމު ޗެމްޕިއަންކަން ހޯދީ 2019 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ. 2019 ވަނަ އަހަރު ބ. އޭދަފުށި ބަލިކުރިއިރު 2016 ވަނަ އަހަރު އެޓީމު މޮޅުވީ ސ. ފޭދޫ އަތުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން މިފަހަރުވެސް ތިމަރަފުށިން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެޓީމަށް މޮޅު ނުވެވުނު ހަމައެކަނި މެޗަކީ ޒޯން ފަހެއްގެ ބުރުގައި ދ. ކުޑަހުވަދޫއާ ވާދަކޮށް 2-2 އިން އެއްވަރުވި މެޗެވެ. ވާދަވެރިކޮށް ދިޔަ ފައިނަލް މެޗު ނޫން އެހެން ހުރިހާ މެޗެއް އެޓީމުން ވަނީ ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކުރިއިރު، ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެރަށަށް ނިސްބަތްވެ އެވެ.

ފުޓްސަލްގެ ރަސްކަން ކުރަމުން އަންނަ ތިމަރަފުށި ޓީމު އިއްޔެ އެރަށަށް ދިއުމުން ކައުންސިލުންނާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ރޭ އޮތް ރަސްމިއްޔާތުގައި ތިމަރަފުށީގެ ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރީ އެރަށުގައި ރަނގަޅު ފެންވަރެއްގެ ޓާފް ފުޓްސަލް ދަނޑެއް ނެތުމުގެ މައްސަލަ އެވެ. މިހާރު ތިމަރަފުށީގައި އޮތީ 2015 ވަނަ އަހަރު ސަރުކާރުން ތަރައްގީކުރި މެޓް ފުޓްސަލް ދަނޑެކެވެ. އެކަމަކު ރާއްޖޭގެ ގިނަ ރަށްތަކުގައި މިހާރު ވަނީ ޓާފް ފުޓްސަލް ދަނޑު އަޅައިފަ އެވެ.

ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގައި ވެސް ތިމަރަފުއްޓަކީ މިދިޔަ އަހަރުތަކުގައި އެންމެ ކާމިޔާބު އެއް ރަށެވެ. އެރަށުން ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ހޯދައި 2018 ވަނަ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ދިވެހި ޕްރިމިއާ ލީގުގައި ވެސް ވާދަކޮށްފަ އެވެ. އެކަމަކު ފުޓްބޯޅަ ކުޅުމަށް ވެސް އެރަށުގައި ރަނގަޅު ފެންވަރެއްގެ ޓާފް ދަނޑެއް އަދި ތަރައްގީކޮށްފައެއްނުވެ އެވެ. ތިމަރަފުށީގެ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރަން ފެށިނަމަވެސް މިހާރު އެކަން އޮތީ ހުއްޓިފަ އެވެ. ދަނޑު ހެދުމުގެ މަސައްކަތް އެތައް އަހަރަކަށް ދިގުލައިގެންދާތީ އެރަށުގެ ޒުވާނުންނާއި ކައުންސިލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ކައުންސިލުން ވަނީ ފުޓްސަލާއި ފުޓްބޯޅައިގައި ތިމަރަފުށި ހޯދަމުން އަންނަ ކާމިޔާބީގެ އަގުވަޒަންކޮށް، ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑަކާއި ފުޓްބޯޅަ ދަނޑެއް އެރަށުގައި ތަރައްގީކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!