ފުރަތަމަ ސަފްޙާ / ޚަބަރު / ގޯލްޑަން ފުޓްސަލް: ގާފަރު ބަލިކޮށް ތިމަރަފުށި ޗެމްޕިއަންކަން ހޯދައިފި
ފަހުމިނެޓް

ގޯލްޑަން ފުޓްސަލް: ގާފަރު ބަލިކޮށް ތިމަރަފުށި ޗެމްޕިއަންކަން ހޯދައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 30 މާރޗް 2022

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިރޭ ކ. ގާފަރު ބަލިކޮށް ތ. ތިމަރަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު 2-2 އިން އެއްވަރުވެގެންނެވެ. ޗެމްޕިއަންކަން ތިމަރަފުށިން ހޯދީ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.

މިއީ 2015 ވަނަ އަހަރު ފެށި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ތިމަރަފުށިން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެޓީމުން މީގެ ކުރިން ޗެމްޕިއަންކަން ހޯދީ 2016 އަދި 2019 ވަނަ އަހަރު އެވެ. 2016 ވަނަ އަހަރުގެ ފައިނަލުގައި ސ. ފޭދޫ އަތުން މޮޅުވިއިރު 2019 ވަނަ އަހަރުގެ ފައިނަލުގައި ތިމަރަފުށި މޮޅުވީ ބ. އޭދަފުއްޓާ ވާދަކޮށެވެ. ހަ މުބާރާތުގެ ތެރެއިން ތިން މުބާރާތް ކާމިޔާބުކޮށް ތިމަރަފުށި މިވަނީ ފުޓްސަލްގެ ރަސްކަން ދިފާއުކޮށްފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ބ. ހިތާދޫ ހޯދިއިރު 2017 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރު އެވެ. 2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ މާލެ މާފަންނު އެވެ. ކޮވިޑާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ގޯލްޑަން ފުޓްސަލް މުބާރާތް ބާއްވާފައެއްނުވެ އެވެ.

ތިމަރަފުށީގެ ކުޅުންތެރިން ތައްޓާ އެކު. މިއީ އެޓީމުން މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރު. – ފޮޓޯ: ވަންއޮންލައިން

ފައިނަލަށް ނުކުތްއިރު ގާފަރު ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އެރަށަށް ނިސްބަތްވާ ސާމިން މުހައްމަދު ނަސީރު އަށް ކުޅުމުގެ ފުރުސަތު ލިބުމެވެ. ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުބާރާތުގެ މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ފައިނަލުގައި ސާމިން އަށް އެ ފުރުސަތު ދިނީ ޓީމުން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ލީޑު ނެގީ ތިމަރަފުށިންނެވެ. މިއީ ތިމަރަފުށީގެ އިބްރާހީމް އަސްވަދު (ގަބޭ) ފޮނުވާލި ބޯޅަ ގާފަރުގެ އަލީ މާއިސް (މައްޓު) ގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން ތިމަރަފުށީގެ މުޅި ޓީމުވެގެން އުފެއްދި ހިތްގައިމު ހަމަލާއެއްގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ އާދަމް ނާސިހު (އާދަންނާ) އެވެ.

ތިމަރަފުށި ދެ ގޯލުގެ ލީޑެއްގައި އޮއްވައި ގާފަރުން ވަނީ ހިތްވަރާ އެކު ކުޅެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ އިބްރާހީމް އަޒްޔާން އެވެ. ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޒްޔާން މި ލަނޑު ޖެހީ ތިމަރަފުށީގެ އާދަންނާ ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގެ ނަތީޖާ ގާފަރަށް ހަމަހަމަކޮށްދިނީ މައްޓު އެވެ. ތިމަރަފުށީގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު މައްޓު ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

އެއްވަރުވުމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިމަރަފުށިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެޓީމުގެ އިސްމާއީލް ސިޔާދު ޖެހި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރަށެވެ. ގާފަރުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވައްދައެއް ނުލެވުނެވެ. ގާފަރުގެ ސަނީމް ޝަމާއިލް ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު އަޒްޔާން ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ތިމަރަފުށިން ޗެމްޕިއަންކަން ކަށަވަރުކުރި ޕެނަލްޓީ ވައްދާލީ ގަބޭ އެވެ.

ތިމަރަފުށީގެ ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ. – ފޮޓޯ: ވަންއޮންލައިން

ފައިނަލް މެޗަށް ފަހު މުބާރާތުގެ ސްޕޮންސަރުންނާއި ރެފްރީންނާއި ވަނަތަކަށް އައި ފަރާތްތަކަށް ވަނީ ހަނދާނީ ފިލަ އާއި ޓްރޮފީ ދީފަ އެވެ. މުބާރާތުގައި އެންމެ ފުރިހަމަ ސަޕޯޓެއް ދިން ޓީމަކަށް ހޮވުނީ އއ. މަތިވެރި ޓީމެވެ. މަތިވެރި މުބާރާތުން ކެޓީ ގަދަ 16 ގައި ތިމަރަފުށި އަތުން ބަލިވެގެންނެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޒޯން އެކެއްގެ ރަނަރަޕް ށ. ކަނޑިތީމު އެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށި ޓީމުގެ އަލީ ޝިފާއު (ރޮނާ) އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ރޮނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ތިމަރަފުށީގެ ކޯޗު އަލީ ފަހުމީ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދ. ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަމީލް، ގާފަރު ޓީމުގެ މައްޓު އާއި ގޯލްކީޕަރު ފައްޔާޒް ފަޔާޒްގެ އިތުރުން ތިމަރަފުށީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ގަބޭ އާއި އިބްރާހީމް ސިނާހް (ސިނާ) އެވެ. މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަށް ހޮވުނީ ތަފާތު މޮޅު ކުޅުމެއް ދެއްކި ގަބޭ އެވެ. ގަބޭ ވަނީ 2019 ވަނަ އަހަރުގެ މުބާރާތުގައި ވެސް ކިންގުގެ މަގާމް ހޯދާފަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކުރި މިއަހަރުގެ މުބާރާތުގައި 91 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ މުއްދަތަކަށް މުބާރާތް ކުރިއަށްގެންދިޔައީ ގިނަ ސްޕޮންސަރުންތަކަކާ އެކު އެވެ. ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސިއިރު ގޯލްޑެން ޕާޓްނަރަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރުގެ ގޮތުގައި ވެސް ހަމަޖެއްސީ ކޮކާ ކޯލާ އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން އާއި ފެންސީ ފުޑް އަދި މައި ކޮލެޖެވެ. އެހެން ޕާޓްނަރުންގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް، އެލައިޑް، ޕިއްޒާ ބޯނާ، ކޭވް ކެފޭ، ޔޫތު އޮންދަ މޫވް އަދި ޒުއްރާ ހިމެނެ އެވެ. އޮފިޝަލް ޖާޒީ ޕާޓްނަރަކަށް ޖާޒިއާ ހަމަޖެއްސިއިރު ޕްރިންޓިން ޕާޓްނަރަކީ ހަވާސާ ޕްރިންޓެވެ.

މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަތަރު މީޑިއާ އެއް ވަނީ މަސައްކަތްކޮށްފަ އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ. ސްޕޯޓްސް މީޑިއާ ޕާޓްނަރުގެ ގޮތުގައި ފަހުމިނެޓް ހަމަޖެއްސިއިރު ޕީއާރު ޕާޓްނަރަކީ އަދަދު ނޫހެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!