މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު ލިވަޕޫލަށް ނެތްކަމަށް ބުނެ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެއްކި ވާހަކަތައް ގަބޫލުނުކުރާ ކަމަށް ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 24 މެޗުން ލިބުނު 60 ޕޮއިންޓާ އެކު އެވެ. ނުވަ ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ލިވަޕޫލް އެއް މެޗު މަދުން ކުޅެފައިވާއިރު އެ މެޗުން މޮޅުވެގެން ސިޓީއާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. މި ހަފްތާ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު އަންނަ ހަފްތާ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީ އަދި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅޭނެ އެވެ.
ލިވަޕޫލާ ސިޓީއާ ކުޅޭ ދެ ވަނަ ބުރުގެ މެޗު ސިޓީގެ ދަނޑުގައި އޮންނާނީ އޭޕްރީލް ނުވަ ވަނަ ދުވަހު އެވެ. ގާޑިއޯލާ ބުނީ މި ސީޒަނުގެ ލީގު ސިޓީ އަށް ހޯދޭނީ ކުރިއަށް ހުރި މެޗުތަކުން ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދައިގެން ކަމަށެވެ. ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި 0-2 އިން މޮޅުވި މެޗަށް ފަހު ކްލޮޕް ބުނީ ސިޓީ އަތުލެވޭނެކަމުގެ ޔަގީންކަން ނެތްކަމަށާއި، އެކަމަކު ލިވަޕޫލުން ގިނަ މެޗުތަކެއް ކާމިޔާބުކުރަން މަސައްކަތްކުރާނެ ކަމަށެވެ.
ކްލޮޕްގެ ވާހަކަތަކާ ގުޅިގެން ގާޑިއޯލާގެ ކޮމެންޓަކަށް ނޫސްވެރިއަކު އެހުމުން ބުނީ “އަހަރެން ކްލޮޕްގެ ވާހަކަ ގަބޫލު ނުކުރަން” ކަމަށެވެ.
“ކްލޮޕަށް އެނގޭނެ ލިވަޕޫލަށް ސިޓީ އަތުވެދާނެކަން. އެހެން ނޫންނަމަ މިއަދު ކްލޮޕް ނުހުންނާނެ އަހަރެމެންގެ ވާދަވެރިއަކަށް. ފުޓްބޯޅައިގަ ކޮންމެ ކަމެއް ވެސް ވެދާނެ. ތަށި ހޯދަން ދެޓީމުން ވެސް ގިނަ މެޗުތަކެއް ކާމިޔާބުކުރަން ޖެހެނޭކަން ދެޓީމަށް ވެސް އެނގޭ” ގާޑިއޯލާ ބުންޏެވެ.
ލީގުގައި ބާކީ އޮތް ހުރިހާ މެޗަކުން މޮޅުވެގެން މި ސީޒަނުގައި ލިވަޕޫލަށް ހަމަކުރެވޭނީ އެންމެ ގިނަވެގެން ވެސް 96 ޕޮއިންޓެވެ. ގާޑިއޯލާ ބުނީ ސިޓީން ލީގު ކަށަވަރުކުރަން ބޭނުންނަމަ އެ އަދަދަށް ޕޮއިންޓް ހޯދަން ޖެހޭނެ ކަމަށެވެ. ސިޓީ އަށް ލީގުގައި ބާކީ 15 މެޗު އޮތްއިރު ލިވަޕޫލަށް ތަށި ނުލިބޭނެ ކަމަށް ބުނުމަކީ އިންސާފެއް ނޫންކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.
“ދެޓީމުގައި ވެސް ތިބީ ހަމަ އެ ކޯޗުން. ގާތްގަނޑަކަށް އެއް ޓީމެއް. މި ދެޓީމަށް ވެސް 16، 17 މެޗުން ޖެހިޖެހިގެން މޮޅުވެވިދާނެ. ލިވަޕޫލަށް ވެސް ވެދާނެ. ސިޓީ އަށް ވެސް އެކަން ވެދާނެ” ލީގު ހޯދުމުގެ ރޭހުގައި ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ސިޓީގެ ކޯޗު ބުންޏެވެ.
ލީގުގައި ސިޓީ އިން ރަށުން ބޭރުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ 10:30 ގަ އެވެ. ލިވަޕޫލުން ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 7 ޖަހާއިރު އެވެ.