ފުރަތަމަ ސަފްޙާ / ޚަބަރު / ރެކޯޑް އަދަދަކަށް ޕްރިމިއާ ލީގުގައި ކޮވިޑް ކޭސްތައް އިތުރުވެއްޖެ

ރެކޯޑް އަދަދަކަށް ޕްރިމިއާ ލީގުގައި ކޮވިޑް ކޭސްތައް އިތުރުވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 14 ޑިސެމްބަރު 2021

އިނގިރޭސި ޕްރިމިއާ ލީގުން މިދިޔަ ހަފްތާ ކޮވިޑްގެ 42 ޕޮޒިޓިވް ކޭސް ފެނިއްޖެ އެވެ. މިދިޔަ ހަތް ދުވަސްތެރޭ ފެނުނު މި އަދަދަކީ ހަފްތާއެއްތެރޭ ޕްރިމިއާ ލީގުން މިހާ ގިނަ އަދަދެއްގެ ކޭސްތައް ފެނުނު ފުރަތަމަ ފަހަރެވެ.

މިހާ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް މީގެ ކުރިން ފެނުނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ މަހުގެ ހަފްތާއެއްގައި ޕޮޒިޓިވް 40 ކޭސް ރިޕޯޓްވި އެވެ. ކޭސްތައް ފެނިފައިވާ ކްލަބްތަކަށް ބަލާއިރު ބްރައިޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސް، ލެސްޓާ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް، އެސްޓަން ވިލާ އަދި ނޯވިޗް ސިޓީ ހިމެނެ އެވެ. ޓޮޓެންހަމްގައި ކޮވިޑް ކޭސްތައް ގިނަވުމުން މިދިޔަ ހަފްތާ އެޓީމުން ބްރައިޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނެވެ. އަދި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑާއި ޔުނައިޓެޑް ވާދަކުރާ މެޗު ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރު 25 އިން ޑިސެމްބަރު 5 އާއި ހަމައަށް ހެދި 3154 ޓެސްޓުގެ ތެރެއިން ފެނުނީ ޕޮޒިޓިވް 12 ކޭސް އެވެ. އެކަމަކު މިދިޔަ ހަފްތާ މި އަދަދު 12 އިން 42 އަށް އިތުރުވުމުން ކްލަބްތަކުގައި ކޮވިޑްގެ ގިނަ ކޭސްތަކެއް އުޅޭނެކަމަށް ވަނީ ބެލެވިފަ އެވެ.

ކޮވިޑް ކޭސްތައް ގިނަވާން ފެށުމާއެކު ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޕްރިމިއާ ލީގުން ވަނީ ކްލަބްތަކަށް އަންގައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކްލަބްތަކުގެ އެންގުމުގައި ބުނެފައިވަނީ ގައިދުރުކަން އިސްކުރުމަށާއި އަބަދުވެސް މާސް އަޅައިގެން އުޅުމަށެވެ. އަދި އިއްޔެ ޕްރިމިއާ ލީގުން އާއްމުކުރި ބަޔާނުގައި ބުނީ ޓީމުތައް ކޮވިޑަށް ޓެސްޓްކުރުން ގިނަކުރާނެކަމަށެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑާ ގުޅިގެން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި 10 ހާހަށް ވުރެ ގިނަ ސަޕޯޓަރުން ވަންނަ ކުޅިވަރު އިވެންޓްތަކަށް ވެކްސިން ދެ ޑޯޒް ޖެހި ކާޑާއި ކޮވިޑް ނެގެޓިވް ނަތީޖާ ހުށަހަޅަންޖެހެ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޮން ފެތުރޭ ނިސްބަތް އިތުރުވުމާ އެކު މި ބަލީގެ އިތުރު ރާޅެއް ދުނިޔެއަށް ކުރިމަތިވެދާނެކަމުގެ ބިރު މިވަނީ ބޮޑުވެފަ އެވެ. ކޮވިޑާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން އަންނަނީ ސަޕޯޓަރުން ދަނޑަށް ވެއްދުމުގައި އަމިއްލަ ބައެއް ގަވާއިދުތައް ކަނޑައަޅަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!