ފުރަތަމަ ސަފްޙާ / ޚަބަރު / ހަޒާޑް ގުނަމުން އަންނަނީ ހިތްދަތި ދުވަސްތަކެއް: މާޓިނޭޒް

ހަޒާޑް ގުނަމުން އަންނަނީ ހިތްދަތި ދުވަސްތަކެއް: މާޓިނޭޒް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 19 ނޮވެމްބަރު 2021

ފޯމާއި ފިޓްނެސް ދަށްވެ ބެލްޖިއަމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހަޒާޑް ގުނަމުން އަންނަނީ ހިތްދަތި ދުވަސްތަކެއްކަމަށް އެގައުމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ފްރާންސްގެ ލިލް އިން އިނގިރޭސި ކްލަބް ޗެލްސީ 2012 ވަނަ އަހަރު އަށް ބަދަލުވެ އެ ކްލަބުގައި ހޭދަކުރި ހަތް އަހަރު ހަޒާޑް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ބޮޑު އަގުގައި 2019 ވަނަ އަހަރު ޗެލްސީ ދޫކޮށް ހުވަފެނީ ކްލަބް ރެއާލް މެޑްރިޑަށް ބަދަލުވިފަހުން ހަޒާޑުގެ ފަރާތުން ކުރީގެ މޮޅު ކުޅުން ފެނިފައެއްނުވެ އެވެ. މިދިޔަ ތިން ވަރަކަށް އަހަރު އަނިޔާގެ ސަބަބުން ހަޒާޑަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އަދި ފޯމު ދަށްވެ އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނެ އެވެ.

“މިދިޔަ އަހަރުތަކުގައި ދަށްވެފައިވާ ފޯމާއި ފިޓްނެސްގެ މައްސަލަތަކުގައި ހަޒާޑް އުޅުނީ. އެކަމަކު އަބަދުވެސް ގައުމީ ޓީމަށް ހަޒާޑް އަންނަނީ ސަމާލުކަންދެމުން. ވޯލްޑް ކަޕަށް ދާއިރު އަހަރެން ބޭނުންވަނީ ހަޒާޑް ވަރަށް ތައްޔާރުވެގެން ހުންނަން” އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ބެލްޖިއަމް ކޮލިފައިކޮށްދިނުމަށް ފަހު މާޓިނޭޒް ބުންޏެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ހަޒާޑް ކުޅުނު 10 މެޗުގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނުނީ އެންމެ ހަތަރު މެޗުގަ އެވެ. ލީގުގައި ދަނޑުމަތީގައި ހަޒާޑް ހޭދަކޮށްފައިވަނީ އެންމެ 350 މިނެޓެވެ. މި ސީޒަނުގެ ލީގުގައި އަދި ގޯލެއް އަދި ނުޖެހޭ އިރު ހަޒާޑް ވަނީ އެއް އެސިސްޓް ހަދައިފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 116 މެޗުގައި ހަޒާޑް ވަނީ 33 ލަނޑު ޖަހައިފަ އެވެ. އެކަމަކު ގަތަރު ވޯލްޑް ކަޕަށް ބެލްޖިއަމް ކޮލިފިވި ރޭހުގައި ހަޒާޑަށް ޖެހުނީ އެންމެ ލަނޑެކެވެ.

“ފުޓްބޯޅައިގެ ނަޒަރަކުން ބަލާނަމަ އެޑެން (ހަޒާޑް) އަށް މިއީ ހިތްދަތި ދުވަސްތަކެއް” ރެއާލް މެޑްރިޑްގައި ހަޒާޑް ދައްކަމުން އަންނަ ކުޅުމަށް އިޝާރަތްކޮށް މާޓިނޭޒް ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!