ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްޕެއިން އިން 1-0 އިން ގްރީސް ބަލިކޮށް އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދުމުގެ އުއްމީދު އާކުރިއިރު ރަށުން ބޭރުގައި ރިޕަބްލިކް އޮފް އަޔަލެންޑާ 0-0 އިން އެއްވަރުވެ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދަން މަސައްކަތްކުރަމުން އަންނަ ޕޯޗުގަލް ޕްރެޝަރަށް ވެއްޓިއްޖެ އެވެ.
ސްޕެއިން އިން ރޭ ގްރީސް ބަލިކުރި މެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރަބިއާ އެވެ. މި ގޯލުގެ އިތުރުން ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ސްޕެއިނަށް ލިބި ވަނީ ބޭކާރުވެފަ އެވެ. އެކަމަކު މަޖުބޫރު މޮޅާ އެކު ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ސްޕެއިނުން މިހާރު ވަނީ ހޯދައިފަ އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި ސްޕެއިން މިހާރު އޮތީ ކުޅުނު ހަތް މެޗުން ލިބުނު 16 ޕޮއިންޓާ އެކު އެވެ. ކުރިން އެއް ވަނައިގައި އޮތް ސްވިޑެން މިހާރު ވަނީ ހަތް މެޗުން ލިބިފައިވާ 15 ޕޮއިންޓާ އެކު ދެ ވަނަ އަށް ވެއްޓިފަ އެވެ. ތިން ވަނައިގައި ނުވަ ޕޮއިންޓާ އެކު ގްރީސް އޮތްއިރު ކޮލިފައިންގެ މެޗުތައް ނިމިފައިވާ ޖޯޖިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް ކޮސޯވޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މި ގްރޫޕުގެ ކޮލިފައިންގެ ފަހު ދެ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ގްރީސް އިން ކޮސޯވޯއާ ދެކޮޅަށް ނުކުންނައިރު އަމިއްލަ ދަނޑުގައި ސްޕެއިން ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ސްޕެއިނަށް ގްރޫޕުގެ އެއް ވަނަ ކަށަވަރުކުކޮށް ވޯލްޑަ ކަޕްގޭ ޖާގައެއް ހޯދޭނެ އެވެ.
ގްރީސް ކޮޅަށް ސްޕެއިންގެ ސަރާބިއާ ގޯލު ޖަހަނީ. މިއީ ސްޕެއިނަށް ލިބުނު މުހިއްމު މޮޅެއް
ޕޯޗުގަލް ހިމެނޭ ގްރޫޕް އޭގައި އަޔަލެންޑާ ކުޅުނު މެޗު އެއްވަރުވުމުން ފަހު މެޗަށް ދާއިރު ޕޯޗުގަލަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ. އަޔަލެންޑުގެ ޑަބްލިންގައި އޮންނަ އަވީވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެގައުމުގެ 50000 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. މެޗުގެ ފަހުކޮޅު ޕޯޗުގަލަށް މައްސަލަތައް ކުރިމަތިވީ 82 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ޑިފެންޑަރު ޕެޕޭ އަށް ރަތް ކާޑު ދެއްކުމުންނެވެ.
މި ގްރޫޕުގެ އެއް ވަނައިގައި އޮތް ޕޯޗުގަލާއި ދެ ވަނައިގައި އޮތް ސާބިއާ އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ގްރޫޕުގެ އެއް ވަނަ ޓީމަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު ދެ ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. މި ގްރޫޕުގެ ކޮލިފައިންގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ޕޯޗުގަލުން އަމިއްލަ ދަނޑުގައި ސާބިއާއާ ދެކޮޅަށް ނުކުންނައިރު، ވޯލްޑް ކަޕަށް ކޮލިފައިވާން އެ މެޗުން މަދުވެގެން ޕޮއިންޓެއް ހޯދަން ޕޯޗުގަލަށް މަޖުބޫރެވެ. ޕޯޗުގަލް މެޗުގެ ކުރިން ސާބިއާ އިން ރޭ ވަނީ އެކުވެރިކަމުގެ މެޗެއްގައި 4-0 އިން ގަތަރު ބަލިކޮށްފަ އެވެ. ވަރުގަދަ މެޗަކަށް ނުކުންނައިރު ރޭ މޮޅު ނުވެވުމުން ޕޯޗުގަލް މިހާރު އޮތީ ޕްރެޝަރުގަ އެވެ. މި ގްރޫޕުގެ ތިން ވަނައިގައި އޮތް ލަގްޒެމްބާގަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް އަޔަލެންޑަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފުލުގައި އަޒަރުބައިޖާން އޮތީ އެއް ޕޮއިންޓާ އެކު އެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުން ވަނީ އަމިއްލަ ދަނޑުގައި ލިޗެންސްޓައިން 0-9 ގެ ބޮޑު ތަފާތަކުން ބަލިކޮށްފަ އެވެ. މި މޮޅާ އެކު ޖަރުމަނުގެ އާ ކޯޗު ހަންސީ ފްލިކް ވެފައިވަނީ ޖަރުމަނުގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ފަސް މެޗު ކާމިޔާބުކުރި ހަމައެކަނި ކޯޗަށެވެ. ބޮޑު ތަފާތަކުން ޖަރުމަނު މޮޅުވިއިރު ކޮވިޑާ ގުޅިގެން އެޓީމުގެ ފަސް ކުޅުންތެރިއަކަށް ރޭގެ މެޗުގައި ބައިވެރިއެއް ނުވެވުނެވެ.
މުބާރާތް ބާއްވާ ގަތަރާ އެކު މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ޖަރުމަނާއި ސްވިޑެންގެ އިތުރުން ބްރެޒިލް އެވެ.