ގަތަރުގައި އަންނަ އަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަން މިހާރު ކުރިއަށް ދާއިރު ޔޫރަޕްގެ ކޮލިފިކޭޝަން މިހާރު މިއޮތީ ނިމުމަކާއި ދާދިގާތުގަ އެވެ. އެކި ގައުމުތަކުގެ ފުޓްބޯޅަ ލީގުތައް އިންޓަނޭޝަނަލް ބްރޭކަށް މިހާރު މެދުކަނޑާލައިފައިވާއިރު މި ބްރޭކްގައި ޔޫރަޕްގެ ކޮލިފިކޭޝަންގެ ގުރޫޕު މެޗުތައް ނިމޭނެ އެވެ. މިހާ ހިސާބަށް ދިޔައިރު ބައެއް ޓީމުތައް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު އަނެއްބައި ޓިމުތައް މިހާރުތިބީ މިހަފްތާގެ މެޗުތަކާއެކު ކޮލިފައިވާނެކަމުގެ އިންތިޒާރުގަ އެވެ. މިހާ ހިސާބަށް އައިއިރު ޔޫރަޕުން މި މުބާރާތަށް ކޮލިފައިވެފައިވަނީ ޑެންމާކާއި ޖަރުމަނެވެ. ޔޫރަޕްގެ ޓީމުތައް ކޮލިފިކޭޝަންގައި ތަފާތު 10 ގްރޫޕެއްގައި ވާދަކުރާއިރު ގްރޫޕް މެޗްތައް ނިމޭއިރު ގްރޫޕުގެ އެންމެ ކުރީގައި އޮންނަ ޓީމު މުބާރާތަށް ކޮލިފައިވާނެ އެވެ. ގްރޫޕުގެ ދެ ވަނަ އަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. މިހާ ހިސާބުން މި ގްރޫޕުތަކުގެ މިހާރުގެ ހާލަތު ބަލާލަމާ ހިނގާށެވެ.
ގްރޫޕް އޭ:
ބާކީހުރި މެޗްތައް: ނޮވެމްބަރު 11، އަޒަބައިޖާން – ލަގްޒެންބާގް ، ރިޕަބްލިކްއޮފް އަޔަލެންޑް – ޕޯޗުގަލް
ނޮވެމްބަރު 14، ލަގްޒެންބާގް – ރިޕަބްލިކްއޮފް އަޔަލެންޑް، ޕޯޗުގަލް – ސާބިއާ
މި ގްރޫޕުގައި މިހާރު ފުރުސަތު އޮތީ ޕޯޗުގަލަށާއި ސާބިއާއަށެވެ. އެހެންނަމަވެސް ގްރޫޕުގެ އެއް ވަނަ ކަށަވަރުވާނީ ޕޯޗުގަލް ސާބިއާ މެޗަށް ފަހު އެވެ. އެމެޗުން މޮޅުވާބަޔަކަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. ޕޯޗުގަލް އަޔަލެންޑް ބަލިކުރުމަށް ފަހު، ފަހުމެޗުގައި ސާބިއާ އާއި އެއްވަރުކުރިއަސް ކޮލިފައިވާނެ އެވެ.
ގްރޫޕް ބީ:
ބާކީހުރި މެޗުތައް: ނޮވެމްބަރު 11، ޖޯޖިއާ – ސްވިޑެން، ގްރީސް – ސްޕެއިން
ނޮވެމްބަރު 14، ގްރީސް – ކޮސޮވޯ، ސްޕެއިން – ސްވިޑެން
މި ގުރޫޕުގައި ސްޕެއިން، ސްވިޑެން އަދި ގްރީސް އަށްވެސް ފުރުސަތު އެބައޮތެވެ. ގްރީސް އަށް ޖެހެނީ ކޮސޯވޯ އާއި ސްޕެއިން ބަލިކުރާށެވެ. ސްޕެއިނުން އެމީހުންގެ ދެ މެޗް ކާމިޔާބުކޮށްފިނަމަ ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. އެހެންނުވެއްޖެނަމަ ޖޯޖިއާ ބަލިކޮށް ސްޕެއިން އާއި އެއްވަރުކޮށްލައިގެން ސްވިޑެންއަށް ވެސް ގްރޫޕުގެ އެއް ވަނަ ހޯދިދާނެ އެވެ.
ގްރޫޕް ސީ:
ބާކީހުރި މެޗުތައް: ނޮވެމްބަރު 12، އިޓަލީ – ސްވިޒަލެންޑް ، ނޯދާން އަޔަލެންޑް – ލިތުއޭނިއާ
ނޮވެމްބަރު 15، ނޮދާން އަޔަލެންޑް – އިޓަލީ، ސުވިޒަލެންޑް – ބަލްގޭރިއާ
މި ގުރޫޕުން މިހާރު ފުރުސަތު އޮތީ 14 ޕޮއިންޓު ހަމަކޮށްފައިވާ އިޓަލީ އާއި ސްވިޒަލެންޑަށެވެ. މިދެޓީމަށްވެސް ދެމެޗު އޮތްއިރު އޭގެތެރޭގައި މިދެޓިމުގެ ކުރިމަތިލުންވެސް އެބައޮތެވެ. މިދެޓީމުގެ ކުރިމަތިލުން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕުގެ އެއް ވަނަ ލިބުމުގެ ފުރުސަތު ބޮޑެވެ.
ގްރޫޕް ޑީ:
ބާކީހުރި މެޗުތައް: ނޮވެމްބަރު 13، ބޮސްނިއާ – ފިންލެންޑް، ފްރާންސް – ކަޒަކިސްތާން
ނޮވެމްބަރު 16، ފިންލެންޑް – ފްރާންސް، ބޮސްނިއާ – ޔޫކްރޭން
މި ގްރޫޕުގެ ޕޮއިންޓް ތާވަލު އޮތްގޮތުން ފްރާންސް، ފިންލެންޑް، ޔޫކްރޭން އަދި ބޮސްނިއާއަށް ވެސް ގްރޫޕުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. ފްރާންސް ކަޒަކިސްތާން އަތުން ބަލިވިޔަސް ފިންލެންޑް އަތުން ބަލިނުވެއްޖެނަމަ ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ. ކަޒަކިސްތާން އަތުން ފަރަންސޭސި ވިލާތް ބަލިވުމުގެ ފުރުސަތު ކުޑަވުމާއެކު ފަރަންސޭސި ވިލާތަށް ގްރޫޕުގެ އެއް ވަނަ ގެއްލުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ބޮސްނިއާ އަށް އޮޓަމެޓިކް ނުވަތަ ޕްލޭއޮފް ފުރުސަތެއް އޮތީ ފިންލެންޑާއި ޔޫކްރޭން ބަލިކޮށްގެންނެވެ. އެހެންނަމަވެސް ފްރާންސަށް ކުރިއަށް އޮތް ދެމެޗު ގެއްލިއްޖެނަމަ ބޮސްނިއާއަށް އޮތް މަގު ތަންކޮޅެއް ފަސޭހަވާނެ އެވެ. ޔޫކްރޭނަށް އޮތީ ބޮސްނިއާ ބަލިކުރުމާއެކު އެއް މެޗުން ނަމަވެސް ފިންލެންޑު ބަލިވުމެވެ. ފިންލެންޑަށް އެއް މެޗުން މޮޅުވެގެންވެސް ކުރިއަށް ދެވިދާނެ އެވެ. ދެމެޗުން މޮޅުވެއްޖެނަމަ ހަނަ ޔަގީނުންވެސް ދެ ވަނައަށްވުރެ ދަށެއް ނުވާނެ އެވެ. މިހާރުގެ ތާވަލަށް ބަލާއިރު ބޮސްނިއާ އާއި ޔޫކްރޭނަށް ފައިދާ އޮތީ އެއް ގޯލެވެ. ފިންލެންޑަށް ސުން ގޯލެވެ.
ގްރޫޕް އީ:
ބާކީހުރި މެޗުތައް: ނޮވެމްބަރު 13، ވޭލްސް – ބެލާރުސް ، ބެލްޖިއަމް – އެސްޓޯނިއާ
ނޮވެމްބަރު 16، ވޭލްސް – ބެލްޖިއަމް ، ޗެކް ރިޕަބްލިކް – އެސްޓޯނިއާ
ބެލްޖިއަމް ގްރޫޕުގެ ދެ ވަނައަށްވުރެ ދަށަކަށް ނުދާނެ އެވެ. އެމީހުން އެސްޓޯނިއާ ބަލިކޮށްފިނަމަ ކޮލިފައިވާނެ އެވެ. އަދި އެއްވަރުވިނަމަވެސް ފައިދާ 17 ގޯލު އޮތުމާއެކު އެމީހުންނަށް އެއްވެސް ބިރެއް ނެތްކަމުގައި ބުނެވިދާނެ އެވެ. މިވަގުތު ޗެކް ރިޕަބްލިކް ފަހަތުން ތާވަލުގެ ތިން ވަނައިގައި ވޭލްސް އޮތްކަމުގައިވިޔަސް އެއްމެޗް އިތުރަށް އޮތުމާއެކު އަމިއްލަ ބާރާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑީ ވޭލްސްއަށެވެ. ޗެކް ރިޕަބްލިކަށް ޖެހޭނީ އެސްޓޯނިއާ ބަލިކުރުމާއެކު ވޭލްސް ކުޅޭ މެޗްތަކުގެ ނަތީޖާއަށް ވާގޮތެއް ބަލާށެވެ.
ގްރޫޕް އެފް:
ބާކީހުރި މެޗުތައް: ނޮވެމްބަރު 12، މޯލްޑޯވާ – ސްކޮޓްލެންޑް، ޑެންމާކް – ފެރޯ އައިލެންޑްސް، އޮސްޓްރިއާ – އިޒްރޭލް
ނޮވެމްބަރު 15، އިޒްރޭލް – ފެރޯ އައިލެންޑްސް، ސްކޮޓްލެންޑް – ޑެންމާކް، އޮސްޓްރިއާ، މޯލްޑޯވާ
މި ގުރޫޕުން ކޮންމެ ޓީމަކަށް ބާކީ ދެމެޗް އޮތްއިރު ޑެންމާކް ވަނީ ބައިކޮޅަށް އެއްމެ ގޯލެއްވެސް ވަނަނުދީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕުގެ އެއް ވަނައިގައި މުބާރާތަށް ކޮލިފައިވެފަ އެވެ. ގްރޫޕުގެ ދެ ވަނަ އަށް ވާދަކުރާ ދެޓީމުގެ ތެރެއިން ފުރުސަތު ބޮޑީ ސްކޮޓްލެންޑަށެވެ. އެމީހުންނަށް ގްރޫޕުގެ ފުލުގައި އޮތް މޯލްޑޯވާ ބަލިކޮށްގެން ޕްލޭއޮފް ޖާގަ ކަށަވަރު ކުރެވޭނެ އެވެ. އިޒްރޭލަށް އޮތީ އެޓީމުގެ ދެމެޗް ކާމިޔާބުކުރުމާއެކު ސްކޮޓްލެންޑަށް އޮތް ދެމެޗުން މޮޅުނުވާނެކަމަށް އުއްމީދުކުރުމެވެ.

ބައިކޮޅަށް ގޯލެއް ނުވަދެ ވޯލްޑް ކަޕަށް ކޮލިފައިވި ޑެންމާކް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގްރޫޕް ޖީ:
ބާކީ ހުރިމެޗްތައް: ނޮވެމްބަރު 13، ނޯވޭ – ލެޓްވިއާ، ތުރުކީ – ޖިބްރޯލްޓާ، މޮންޓެނީގްރޯ – ނެދަލެންޑްސް
ނޮވެމްބަރު 16، ޖިބްރޯލްޓާ – ލެޓްވިއާ، މޮންޓެނީގްރޯ – ތުރުކީ، ނެދަލެންޑްސް – ނޯވޭ
މި ގްރޫޕުގައި ތިން ޓީމަކަށް ގްރޫޕުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަދި ހަތަރު ޓީމަކަށް ޕްލޭއޮފް ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޑަޗް ޓީމު އެއް މެޗުން މޮޅުވެ އަނެއް މެޗް އެއްވަރުވިއަސް ކޮލިފައިވާނެ އެވެ. މި ނަތީޖާއާއެކު ނޯވޭއަށް ވެސް ކޮލިފައިވެވެން އެބައޮތެވެ. އެކަމަކު އެއީ ޑަޗް ޓީމަށް އެއްވެސް މެޗަކުން މޮޅުނުވެވިއްޖެނަމަ އެވެ. ފުރަތަމަ މެޗުން ޑަޗް ބަލިވެއްޖެނަމަ ދެ ވަނަ މެޗްގައި ނޯވޭއަށް ޑަޗް ޓީމު މައްޗަށް ގަދަވެވިއްޖެނަމަ ކޮލިފައިވާނެ އެވެ. ތުރުކީ އަށް އޮތީ ކުރިއަށް އޮތް ދެމެޗުން މޮޅުވުމާއެކު ނޯވޭ އާއި ޑަޗް ޓީމު ކުޅޭ މެޗުތަކުގެ ނަތީޖާތަކަށް އިންތިޒާރުކުރުމެވެ. އޭރުން ނޯވޭ އެއް މެޗުން ނުވަތަ ޑަޗް ދެ މެޗުން ބަލިވެއްޖެނަމަ ތުރުކީއަށް ކުރިއަށް ދިއުމަށް ފުރުސަތު ލިބޭނެ އެވެ.
ގްރޫޕް އެޗް:
ބާކީހުރި މެޗުތައް: ނޮވެމްބަރު 11، ރަޝިއާ – ސައިޕްރަސް، މޯލްޓާ – ކްރޮއޭޝިއާ، ސްލޮވާކިއާ – ސްލޮވީނިއާ
ނޮވެމްބަރު 14، މޯލްޓާ – ސްލޮވާކިއާ، ސްލޮވޭނިއާ – ސައިޕްރަސް، ކްރޮއޭޝިއާ – ރަޝިއާ
މިގްރޫޕުން މިހާރު ފުރުސަތު އޮތީ ރަޝިއާ އާއި ކްރޮއޭޝިއާއަށެވެ. މިހާރު ކްރޮއޭޝިއާއަށްވުރެ ރަޝިއާ ކުރީގައި އޮތީ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ ފަހު މެޗަށް އަންނައިރު މިގޮތަށް އޮވެއްޖެނަމަ ކްރޮއޭޝިޔާއަށް އެއް ވަނަ ލިބޭނީ ދެ ގޯލަށްވުރެ ކުޑަނޫން ތަފާތަކުން ރަޝިއާ ބަލިކޮށްގެންނެވެ. އެހެންނޫންނަމަ ކޮލިފައިވާނީ ރަޝިއާ އެވެ. ކްރޮއޭޝިއާ އަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
ގްރޫޕް އައި:
ބާކީހުރި މެޗްތައް: ނޮވެމްބަރު 12، އެންޑޯރާ – ޕޮލެންޑް، ހަންގޭރީ – ސެންމެރީނޯ، އިނގިރޭސިވިލާތް – އަލްބޭނިއާ
ނޮވެމްބަރު 15، ސެންމެރީނޯ – އިނގިރޭސިވިލާތް، އަލްބޭނިއާ – އެންޑޯރާ، ޕޮލެންޑް – ހަންގޭރީ
މިގްރޫޕުގައި އެންޑޯރާ އާއި ސެންމެރީނޯ ފިޔަވައި އެހެން ހުރިހާ ޓީމަކަށްވެސް އަދި ފުރުސަތު އެބައޮތެވެ. ގްރޫޕުގެ އެއް ވަނައިގެ ގޮތުގައި ކޮލިފައިވުމުގެ ފުރުސަތު އެންމެބޮޑީ އިނގިރޭސިވިލާތެވެ. ގްރޫޕުގެ ފަހުމެޗުގައި ސެންމެރީނޯ ބަލިކޮށްގެން އެމީހުންނަށް ފުދިދާނެ އެވެ. އެހެން ޓީމުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ޕޮލެންޑާއި އަލްބޭނިއާއަށް ވެސް ގްރޫޕުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ ދެ ވަނައިގައި އޮވެ ޕްލޭއޮފަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ޖަރުމަނުގެ ޓީމުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެގައުމު ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފަ
ގްރޫޕް ޖޭ:
ބާކީހުރި މެޗުތައް: ނޮވެމްބަރު 11، އަރްމީނިއާ – ނޯތު މެސަޑޯނިއާ، ރޫމޭނިއާ – އައިސްލެންޑް، ޖަރުމަނު – ލީޗެސްޓެއިން
ނޮވެމްބަރު 14، ލީޗެސްޓެއިން– ރޫމޭނިއާ ، އަރްމީނިއާ – ޖަރުމަނު، ނޯތު މެސަޑޯނިއާ – އައިސްލެންޑް
މި ގްރޫޕުން ޖަރުމަނު މިހާރު ކޮލިފައިވެފައިވާއިރު ގްރޫޕުގެ ދެ ވަނަ އަށް ހަތަރު ޓީމެއް ވާދަކުރާއިރު އައިސްލެންޑަށް ފުރުސަތު އޮތީ ރޫމޭނިއާ އަތުން ލީޗެސްޓެއިން މޮޅުވެގެންނެވެ. އެންމެ ފުރުސަތު ބޮޑީ ގްރޫޕުގެ ފުލުގައި އޮތް ދެޓީމާއި ދެކޮޅަށް ނިކުންނަ ރޫމޭނިއާއަށެވެ. އަރްމީނިއާ އާއި ނޯތު މެސަޑޯނިއާއަށް ކުރިއަށް ދެވޭނީ ރުމޭނިއާއަށް ކުރިއަށް އޮތް ދެމެޗު ކާމިޔާބު ނުކުރެވިއްޖެނަމަ އެވެ.
މި ހަފްތާގެ މެޗްތައް ނިމުމާއެކު ގްރޫޕުގެ އެއް ވަނައިގައި ކޮލިފައިވާ 10 ޓީމަކީ ކޮބައިކަން އެނގިގެންދާނެ އެވެ. އެއަށްފަހު ދެން އޮންނާނީ ޕްލޭއޮފެވެ. ޕްލޭއޮފްގައި ވާދަކުރާނީ ޖުމްލަ 12 ޓީމެވެ. އެއީ ކޮލިފައިން ކޮންމެ ގްރޫޕެއްގެ ދެ ވަނަ ޓީމާއި، ކޮލިފައިން ރައުންޑުގައި ގްރޫޕުގެ އެކެއް ނުވަތަ ދޭއްގައި ނުހިމެނޭ ޓީމުތަކުގެތެރެއިން ނިމިގެން ދިޔަ ޔޫއެފާ ނޭޝަން ލީގުގެ ގުރޫޕުގެ ސްޓޭޖް ކާމިޔާބުކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމެވެ. މި 12 ޓީމު 4 ޓީމުގެ ތިން ގުރޫޕަށް ބަހައިގެން ކޮންމެ ގްރޫޕެއްގައި ސެމީ ފައިނަލް ދެ މެޗު އަދި ފައިނަލް މެޗު ކުޅެ ކާމިޔާބު ހޯދާ ތިން ޓީމަށް އަންނަ އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރު ވޯލްޑް ކަޕުން ޖާގަ ލިބޭނެ އެވެ. ޕްލޭއޮފް ރައުންޑު ކުޅުމަށް ހަމަޖެހިފައިވަނީ އަންނައަހަރު މާޗު މަހު 24 އިން 29 އަށެވެ.