ފުރަތަމަ ސަފްޙާ / ޚަބަރު / ބްރެޒިލާއި އާޖެންޓީނާ މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

ބްރެޒިލާއި އާޖެންޓީނާ މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 15 އޮކްޓޫބަރު 2021

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފަތިހު ބްރެޒިލް އާއި އާޖެންޓީނާ އިން މޮޅުވެ ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ބްރެޒިލުން 1-4 އިން އުރުގުއޭ ބަލިކުރިއިރު އާޖެންޓީނާ އިން ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ޕެރޫ ބަލިކޮށްފަ އެވެ. ދެކުނު އެމެރިކާ ސަރަހައްދުން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ 10 ގައުމު ވާދަކުރާ ގްރޫޕުގެ އެންމެ ކުރި ހޯދާ ހަތަރު ގައުމަކަށެވެ. ފަސް ވަނަ ލިބޭ ގައުމު ކުޅެން ޖެހޭނީ ޕްލޭއޮފްގަ އެވެ.

ރޭގެ މެޗުތަކަށް ފަހު 11 މެޗުން ހޯދި 31 ޕޮއިންޓާ އެކު ބްރެޒިލް އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް 11 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އިކުޑޯ އަށް 17 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ކޮލަމްބިއާ އާއި ފަސް ވަނައިގައި އޮތް އުރުގުއޭ އަށް ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. މި ތިން ގައުމުން ވެސް ވަނީ ކޮލިފައިންގައި 12 މެޗު ކުޅެފަ އެވެ.

އުރުގުއޭ ކޮޅަށް ބްރެޒިލްގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ފްރެޑް ދިން ޕާހަކުން ޖެހީ ނޭމާ އެވެ. މެޗުގެ 18 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައި ބްރެޒިލަށް ލީޑު ފުޅާކޮށްދިން ދެ ލަނޑު ޖަހައިދިނީ ލީޑްސް ޔުނައިޓެޑްގެ ވިންގް ރަފީނިއާ އެވެ. ނޭމާގެ އެހީތެރިކަމާ އެކު ބްރެޒިލްގެ ފަހު ލަނޑު 83 ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް ބާބޯސާ އެވެ. މެޗުގައި އުރުގުއޭގެ ހަމައެކަނި ލަނޑު 77 ވަނަ މިނެޓުގައި ޖެހީ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.

އާޖެންޓީނާ އިން ޕެރޫ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޑިފެންޑަރު ނަހޭލް މޮލީނާގެ އެހީތެރިކަމާ އެކު ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓީނޭޒް އެވެ. މެޗުގައި ޕެރޫ އަށް ވަނީ ޕެނަލްޓީ އެއް ލިބި ބޭކާރުވެފަ އެވެ. 65 ވަނަ މިނެޓުގައި މި ޕެނަލްޓީ ޖެހީ މިޑްފީލްޑަރު ޔޮޝިމާ ޔޮޓުން އެވެ.

ބްރެޒިލާއި އާޖެންޓީނާގެ އިތުރުން ޗިލީ އާއި ބޮލީވިއާ ވެސް ވަނީ މިއަދު ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ. ޗިލީން 0-3 އިން ވެނިޒުއޭލާ ބަލިކުރިއިރު ބޮލީވިއާ އިން ޕެރަގުއޭ ބަލިކުރީ 0-4 އިންނެވެ. ކޮލަމްބިއާ އާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.

ގަތަރުގައި ވޯލްޑް ކަޕް އޮންނާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. ކޮލިފައިންގައި ގަތަރު ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ދެ ގައުމަކީ ޖަރުމަނާއި ޑެންމާކް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!