ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާއި އެކުއެޑޯ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު އާޖެންޓީނާ އަތުން 2-1 އިން ބަލިވެ ޗިލީ އަށް މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ފަނޑުވެއްޖެ އެވެ.
ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ވާދަކުރާ 10 ގައުމުގެ ތެރެއިން ކޮލިފައިންގެ ސީދާ ޖާގައެއް ލިބޭނީ އެންމެ ކުރިން ނިންމާލާ ހަތަރު ގައުމަށެވެ. 36 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ބްރެޒިލާއި 32 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އާޖެންޓީނާ މިހާރު ވަނީ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފަ އެވެ. ތިން ވަނައިގައި 24 ޕޮއިންޓާ އެކު އެކުއެޑޯ އޮތްއިރު ހަތަރު ވަނައިގައި ވަނައިގައި އޮތީ 19 ޕޮއިންޓް ހޯދާފައިވާ އުރުގުއޭ އެވެ. ލުއިސް ސުއަރޭޒްގެ ގޯލުން އުރުގުއޭ ރޭ ވަނީ ޕެރަގުއޭ އަތުން 0-1 އިން މޮޅުވެފަ އެވެ.
އެކުއެޑޯ ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ކަސެމީރޯގެ ގޯލުން ބްރެޒިލުން ވަނީ ލީޑު ނަގައިފަ އެވެ. އެކުއެޑޯ އިން އެއްވަރުކުރީ 75 ވަނަ މިނެޓުގައި ފެލިކްސް ޓޮރޭޒް ޖެހި ގޯލުންނެވެ. މެޗުގައި އެންމެ ފާހަގަކުރެވުނީ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ދެ ފަހަރު ރަތް ކާޑު ދެއްކުމަށް ފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ކެންސަލް ކުރުމެވެ. އެލިސަން އަށް ފުރަތަމަ ރަތް ކާޑު ދެއްކީ މެޗުގެ 29 ވަނަ މިނެޓުގައި އެކުއެޑޯގެ އެނާ ވެލެންސިއާގެ ބޮލުގައި ފައިން ޖެހުމުންނެވެ. މި ފައުލަށް އެންމެ ފުރަތަމަ ރަތް ކާޑެއް ދެއްކުމަށް ފަހު ވީއޭއާރު ބަލައި ރެފްރީ ނިންމީ އެއީ ރަތް ކާޑެއް ނޫން ކަމަށެވެ. އެލިސަން އަށް ދެ ވަނަ ރަތް ކާޑު ދެއްކީ މެޗުގެ ފަހުކޮޅު އޭރިޔާތެރެއަށް ބޯޅައެއް ޕަންޗްކޮށްލި ވަގުތު އެކުއެޑޯގެ ހެނާން ގަލިންޑޭޒްގެ ބޮލުގައި އަތުން ޖެހުނުކަމަށް ބުނެ އެވެ. އެވަގުތު ރެފްރީ އެލިސަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ފައުލެއް ނޫންކަމަށް ނިންމައި ދެ ވަނަ ރީނދޫ ކާޑާއި ރަތް ކާޑު ވެސް ކެންސަލްކޮށްފަ އެވެ.
ޗިލީ ކޮޅަށް އާޖެންޓީނާގެ ގޯލުތައް ޖެހީ އެންހެލް ޑި މާރިއާ އާއި ލަޓާރޯ މާޓީނޭޒް އެވެ. ޗިލީގެ ހަމައެކަނި ލަނޑު ޖެހީ ބެން ބެރަޓަން އެވެ. އާޖެންޓީނާ އަތުން ބަލިވުމުން ޗިލީ އޮތީ ހަތަރު ވަނައިގައި އޮތް އުރުގުއޭ އަށް ވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. 15 މެޗުން ލިބިފައިވާ 16 ޕޮއިންޓާ އެކު ޗިލީ އަށް ލިބެނީ ހަތް ވަނަ އެވެ. ފަސް ވަނައިގައި އޮތް ކޮލަމްބިއާ އާއި ހަ ވަނައިގައި އޮތް ޕެރޫ އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ޗިލީ އަށް އަމިއްލަ ބާރު ގެއްލިފައިވާއިރު އެޓީމަށް ވޯލްޑް ކަޕްގެ ކިރިޔާވެސް ފުރުސަތެއް އޮންނާނީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެ އެހެން ޓީމުތަކުގެ ނަތީޖާތައް ނުކުންނަ ގޮތަކުންނެވެ.