އަންނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ޕްލޭ އޮފްގެ އެއް ގްރޫޕެއްގައި ގަދަފަދަ އިޓަލީ އާއި ޕޯޗުގަލް ލައްވާލައިފި އެވެ.
ޕްލޭ އޮފްގައި ވާދަކުރާ 12 ޓީމުގެ ދެމެދުގައި މިރޭ ގުރު ނެގިއިރު އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ އާއި 2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް އެއް ގްރޫޕެއްގައި ލައްވާލުމުން އަންނަ އަހަރުގެ ވޯލްޑް ކަޕުން ކޮންމެވެސް އެއް ގައުމެއް ބާކީވާނެ އެވެ.
ޕްލޭއޮފް ކުޅޭ ގޮތް
ޕްލޭއޮފްގައި ވާދަކުރާނީ ޖުމްލަ 12 ޓީމެވެ. އެއީ ކޮލިފައިން ކޮންމެ ގްރޫޕެއްގެ ދެ ވަނަ ޓީމާއި، ކޮލިފައިން ރައުންޑުގައި ގްރޫޕުގެ އެކެއް ނުވަތަ ދޭއްގައި ނުހިމެނޭ ޓީމުތަކުގެތެރެއިން ނިމިގެން ދިޔަ ޔޫއެފާ ނޭޝަން ލީގުގެ ގުރޫޕުގެ ސްޓޭޖް ކާމިޔާބުކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމެވެ. މި 12 ޓީމު 4 ޓީމުގެ ތިން ގުރޫޕަށް ބަހައިގެން ކޮންމެ ގްރޫޕެއްގައި ސެމީ ފައިނަލް ދެ މެޗު އަދި ފައިނަލް މެޗު ކުޅެ ކާމިޔާބު ހޯދާ ތިން ޓީމަށް އަންނަ އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރު ވޯލްޑް ކަޕުން ޖާގަ ލިބޭނެ އެވެ. ޕްލޭއޮފް ރައުންޑު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާޗު މަހު 24 އިން 29 އަށެވެ.

ޕޯޗުގަލް އާއި އިޓަލީ ވާދަކުރި މެޗެއްގެ ތެރެއިން. އަންނަ އަހަރުގެ ވޯލްޑް ކަޕުން ފެންނާނީ މިތަނުން ކޮންމެވެސް އެއް ޓީމެއް
ޕްލޭއޮފް ގްރޫޕުތައް
ގްރޫޕް އޭ:
ސްކޮޓްލެންޑް – ޔޫކްރެއިން
ވޭލްސް – އޮސްޓްރިއާ
ގްރޫޕް ބީ:
ރަޝިއާ – ޕޮލެންޑް
ސްވިޑެން – ޗެކް ރިބަޕްލިކް
ގްރޫޕް ސީ:
އިޓަލީ – ނޯތު މެސެޑޯނިއާ
ޕޯޗުގަލް – ތުރުކީ
ޔޫރަޕުން ވޯލްޑް ކަޕްގެ ފަހު ތިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ޗެމްޕިއަންކަން ހޯދާ ޓީމަށެވެ. ގްރޫޕް ސީގައި އިޓަލީ އާއި ނޯތު މެސެޑޯނިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ފައިނަލުގައި ވާދަކުރާނީ ޕޯޗުގަލް އާއި ތުރުކީ މެޗުން މޮޅުވާ ޓީމަކާ އެވެ. މި ގްރޫޕުގެ ފައިނަލުގައި އިޓަލީ އާއި ޕޯޗުގަލް ވާދަކުރުމުގެ ފުރުސަތު ބޮޑުއިރު މިއީ ފުޓްބޯޅައިގެ ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގެ ޕްލޭއޮފްގައި ވާދަކުރާނެ އެންމެ ވަރުގަދަ މެޗަށް ވާނެ އެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލް ކޮލިފައިވީ ޕްލޭއޮފްގައި ސްވިޑެންގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ދެ މެޗުގެ އެގްރިގޭޓުން ސްވިޑެން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވެފައި ނުވުމާއެކު މިއީ ވޯލްޑް ކަޕަށް ދިއުމަށް އިޓަލީ އަށް މުހިއްމު ފަހަރެކެވެ. ވޯލްޑް ކަޕުން ފުރުސަތު ނުލިބުމާއެކު އެޓީމުގެ ކޯޗަކަށް ރޮބާޓޯ މަންޗީނީ ހަމަޖައްސައި މިދިޔަ ތިން އަހަރު އެޓީމު ފެނުނީ ވަރުގަދަކޮށެވެ.