ފުރަތަމަ ސަފްޙާ / ޚަބަރު / ކަރަންޓީނު މައްސަލަ އަށް ހައްލު ހޯދަން ކްލޮޕް އިނގިރޭސި ސަރުކާރަށް ގޮވާލައިފި

ކަރަންޓީނު މައްސަލަ އަށް ހައްލު ހޯދަން ކްލޮޕް އިނގިރޭސި ސަރުކާރަށް ގޮވާލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 25 ސެޕްޓެމްބަރު 2021

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުމަށް ފަހު އަނބުރާ ކްލަބަށް އައުމުން ކަރަންޓީނުވާންޖެހި މެޗުތަކެއް ގެއްލުމަކީ މައްސަލައެއް ކަމަށާއި، އިނގިރޭސި ސަރުކާރުން އެކަމަށް ހައްލެއް ހޯދަން ޖެހޭކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ މަހު ބައިނަލްއަގްވާމީ މެޗުތަކުގައި ކުޅުމަށް ގައުމީ ޓީމުގެ ކުޅުންތެރިން ދޫކުރަން އިނގިރޭސި ބައެއް ކްލަބްތަކުން ދެކޮޅުހެދި އެވެ. ހާއްސަކޮށް ކޮވިޑްގެ އުސޫލުތަކުގެ ތެރެއިން އިނގިރޭސި ވިލާތުގެ ރެޑްލިސްޓުގައި އޮތް ގައުމުތަކަށް ކުޅުންތެރިން ފޮނުވަން ކްލަބްތަކުން ފާޅުގައި ދެކޮޅުހެދި އެވެ. މީގެ ތެރޭގައި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގެ ކުޅުންތެރިން ހިމެނެ އެވެ. ހާއްސަކޮށް ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނޭ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިން މިދިޔަ މަހު ބްރެޒިލް ކުޅުނު މެޗުތަކަށް ގޮސްފައެއްނުވެ އެވެ. އެކަމުގެ އަދަބެއްގެ ގޮތުން ފީފާ އިން ނިންމީ ކްލަބަށް ނުކުޅެވޭ ގޮތަށް އެ ކުޅުންތެރިން ފަސް ދުވަހަށް ސަސްޕެންޑް ކުރާށެވެ. އެކަމަކު ފަހުން މި ނިންމުން ބަދަލުކޮށް ކުޅުންތެރިންނަށް ކުޅެވޭގޮތްހެދި އެވެ.

އޮކްޓޫބަރު މަހުގެ ދެ ވަނަ ހަފްތާ އަނެއްކާވެސް ބައިނަލްއަގްވާމީ މެޗުތަކަށް ކުޅުންތެރިން ވީއްލަން ޖެހޭއިރު އެއް ހާލަތެއް ކުރިމަތިވުމުން ކްލޮޕް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

“ޔަގީނުންވެސް މިކަމަށް ހައްލެއް ބޭނުންވޭ. މައްސަލައެއް ނެތްކަމަށް ބުނެ މިކަން ދޫކޮށްލެވޭކަށް ނެތް. އަހަރެންނަށް ވަރަށް ޔަގީން މިކަމުގެ މަޝްވްރާތައް ކުރަމުންދާކަން. އެކަމަކު މިހާތަނަށް އަދި ގޮތެއް ނިންމިފައެއްނުވޭ. ބްރެޒިލްގެ ކުޅުންތެރިނަށް ދޫދިނުމުގައި އަހަރެމެންނަށް މައްސަލަތަކެއް އެބަހުރި” ކްލަބްތަކާއި ގައުމީ ޓީމުގެ މައްސަލައިގައި ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އައުމަށް ފަހު 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަންޖެހެ އެވެ. ޕްރިމިއާ ލީގުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ބްރެޒިލާއި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށް ކުޅޭ ކުޅުންތެރިން އަނބުރާ އިނގިރޭސި ވިލާތަށް އައުމުން ލުޔެއް ދެވޭތޯ އެވެ. އެކަމަކު ރަސްމީކޮށް އެކަމުގައި އަދި ގޮތެއް ނުނިންމަ އެވެ.

އަންނަ މަހު އޮންނަ ބައިނަލްއަގްވާމީ މެޗުތަކަށް ބްރެޒިލުން އެކުލަވާލި ޓީމުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ. އެއީ ލިވަޕޫލްގެ އެލިސަން ބެކާ އާއި ފަބީނިއޯގެ އިތުރުން މެންޗެސްޓަރ ސިޓީގެ އެޑަސަން، ގެބްރިއަލް ޖީސުސް، ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ، މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑް، ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ޑިފެންޑަރު އެމަސަން ރޯޔަލް އެވެ. އަންނަ މަހު ބްރެޒިލް ނުކުންނާނީ ވެނިޒުއޭލާ އާއި ކޮލަމްބިއާގެ އިތުރުން އުރުގުއޭއާ ދެކޮޅަށެވެ.

“ޓީވީ ތަކުންނާއި ޕްރިމިއާ ލީގުން މި ބުނަނީ އެއީ އެކަން އޮންނަ ގޮތޭ. މެޗު ޖެހޭނީ ކުޅޭށޭ. އެކަމަކު މީގަ ބަލަންވީ މިކަންތައް ހައްލު ކުރެވޭނެ ގޮތެއް. ދެން އޮތް ކަމަކީ މިއީ ކުޅުންތެރިންނާއި ކްލަބްތަކަށް ލިބޭ ގެއްލުމެއް. އަހަރެން އުއްމީދުކުރަން ސަރުކާރުން މިކަމުގެ ހައްލަކަށް އަންނާނެ ކަމަށް” ކްލޮޕް ބުންޏެވެ.

އޮކްޓޫބަރު 4 އިން 15 އަށް ބައިނަލްއަގްވާމީ މެޗުތަކުގައި ކުޅުންތެރިން ވާދަކުރާއިރު އޮކްޓޫބަރު 16 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ލިވަޕޫލުން ރަށުން ބޭރުގައި ނުކުންނާނީ ވެޓްފޯޑާ ދެކޮޅަށެވެ. އަންނަ މަހު ކުޅޭ މެޗުތަކަށް ނެގި ބްރެޒިލްގެ ޓީމުގައި ލިވަޕޫލްގެ އެލިސަން އާއި ފަބީނިއޯ ހިމެނެ އެވެ. އެޓީމުގެ ބްރެޒިލް ފޯވާޑް ފިރްމީނޯ މިފަހަރުގެ ސްކޮޑަށް ނަގާފައެއްނުވެ އެވެ.  ސެޕްޓެމްބަރު 15 ވަނަ ދުވަހު ބްރެޒިލުން އުރުގުއޭއާ ދެކޮޅަށް ނުކުންނާތީ ވެޓްފޯޑް މެޗުގައި ފަބީނިއޯ އާއި އެލިސަން މި ނުކުޅޭނެ އެވެ.

“އެއީ ލިވަޕޫލަށް މައްސަލައެއް. އެކަމަކު ވެޓްފޯޑަށް ރަނގަޅެއް. މައްސަލައަކީ މެޗު ޝެޑިއުލް އަނެއް މައްސަލައަކީ މިގޮތަށް ކަންތައްވާއިރު އެއްވެސް ބަޔަކު މިކަމަށް މަސައްކަތް ނުކުރުން” ކްލޮޕް ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!