ފުރަތަމަ ސަފްޙާ / ޚަބަރު / ލެވަންޑޯސްކީ ޔޫރަޕްގެ ރަން ބޫޓާ ހަވާލުވެއްޖެ

ލެވަންޑޯސްކީ ޔޫރަޕްގެ ރަން ބޫޓާ ހަވާލުވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 ސެޕްޓެމްބަރު 2021

މިދިޔަ ސީޒަނުގައި ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖެހި ބަޔާން މިއުނިކާއި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ރަން ބޫޓާ ހަވާލުވެއްޖެ އެވެ.

ލެވަންޑޯސްކީ ޔޫރަޕްގެ ރަން ބޫޓޫ ކަށަވަރުކުރީ މިދިޔަ ސީޒަނުގެ ޖަރުމަނު ބުންޑަސްލީގާގައި ކުޅުނު 29 މެޗުގައި 41 ލަނޑު ޖަހައިގެންނެވެ. 41 ގޯލާ އެކު ލެވަންޑޯސްކީ ވެފައިވަނީ ޖަރުމަނު ލީގުގެ ތާރީހުގައި އެއް ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އެ ރެކޯޑް ކުރިން އޮތީ ބަޔާން އާއި ޖަރުމަނުގެ ލެޖެންޑް ގާޑް މުލާގެ އަތުގަ އެވެ. ލެވަންޑޯސްކީއާ އެކު ރަން ބޫޓަށް ވާދަކުރީ މިދިޔަ ސީޒަނުގައި ބާސެލޯނާގައި 30 ގޯލު ޖެހި ލިއޮނަލް މެސީ އާއި ޔުވެންޓަސް އަށް 29 ލަނޑު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ސީޒަނުގައި މެސީ ޕީއެސްޖީގައި ކުޅެމުން އަންނައިރު ރޮނާލްޑޯ ވަނީ ކުރީގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފަ އެވެ.

ޔޫރަޕްގެ ރަން ބޫޓު ދެނީ ޑޮމެސްޓިކް ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށެވެ. މިއީ އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ އަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 72-1971 ވަނަ އަހަރު މުލާ ރަން ބޫޓު ހޯދިފަހުން ޖަރުމަނު ލީގުގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

ލެވަންޑޯސްކީ އަކީ މިދިޔަ އަހަރުތަކުގައި ޔޫރަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑެވެ. މީގެ ސީޒަނެއް ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ބަޔާނުން ހޯދިއިރު ލެވަންޑޯސްކީ ވަނީ ފީފާ އާއި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ދީފައެއްނުވެ އެވެ.

މި އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ބާސެލޯނާއާ އެކު ހަ ފަހަރު މި އެވޯޑް ހޯދި ލިއޮނަލް މެސީ އެވެ. މެސީގެ ފަހަތުން ދެ ވަނައިގައި އުޅެނީ ހަތަރު ފަހަރު ރަން ބޫޓު ހޯދި ރޮނާލްޑޯ އެވެ. ޔޫރަޕްގެ ރަން ބޫޓު ދޭން ފެށީ 1967 ވަނަ އަހަރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!