ފުރަތަމަ ސަފްޙާ / ޚަބަރު / ލެވަންޑޮސްކީ ރެކޯޑް ހެދިޔަސް ބަޔާންގެ އާ ކޯޗަށް އުނދަގޫ ފެށުމެއް

ލެވަންޑޮސްކީ ރެކޯޑް ހެދިޔަސް ބަޔާންގެ އާ ކޯޗަށް އުނދަގޫ ފެށުމެއް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 14 އޮގަސްޓް 2021

ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި ރޭ ޗެމްޕިއަން ބަޔާން މިއުނިކް ރަށުން ބޭރުގައި ބޮރޫޝިއާ މޮންޗެންގްލަދްބާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ޖެހީ މޮންޗެންގްލަދްބާގެ އަލަސާނެ ޕްލީ އެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބަޔާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ. މޮޅެއް ހޯދަން މަސައްކަތްކުރި ބަޔާނަށް ދެ ވަނަ ހާފުގައި އިތުރު ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ.

ރޭ ޖެހި ގޯލާ އެކު ލެވަންޑޮސްކީ ވަނީ ޖަރުމަނުގެ ލީގުގައި ޖެހިޖެހިގެން ހަތް ސީޒަނުގައި ފުރަތަމަ މެޗުގައި ލަނޑު ޖަހައި ރެކޯޑް ހަދައިފަ އެވެ. އަނެއްކޮޅުން މިއީ ލީގުގައި ލެވަންޑޮސްކީ ޖެހިޖެހިގެން ލަނޑު ޖެހި 11 ވަނަ މެޗެވެ. މި ރެކޯޑް މިހާރު އޮތީ ޖެހިޖެހިގެން 16 މެޗުގައި ލަނޑުޖެހި ކުރީގެ ތަރި ގާޑް މުލާ އަތުގަ އެވެ. މިދިޔަ 11 މެޗުގައި ލެވަންޑޮސްކީ 18 ލީގު ގޯލު ޖެހިއިރު ލީގުގައި އެންމެފަހުން ލެވަންޑޮސްކީ އަށް ލަނޑެއް ނުޖެހި ދިޔައީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ލެވަންޑޮސްކީ ރެކޯޑް ހެދިޔަސް މިދިޔަ ނުވަ ސީޒަނުގައި ޖަރުމަނު ލީގު ކާމިޔާބުކުރި ބަޔާންގެ ފެށުން ގޯސްވުމާ އެކު ކޯޗު ހޫލިއަން ނާގެލްސްމަން އަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ. މިދިޔަ އަހަރުތަކުގައި ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް ފަހު ޒުވާން ކޯޗު ބަޔާންއާ ހަވާލުވީ މި ސީޒަނުގަ އެވެ. އެކަމަކު ސީޒަނާ ކުރިމަތިލީއިރު ނާގެލްސްމަންގެ ކޯޗުކަމުގައި ކުޅުނު ޕްރީ ސީޒަން މެޗުތަކުން ވެސް ބަޔާން އަށް މޮޅެއް ނުލިބުނެވެ. އަދި ރޭ ޕޮއިންޓަކުން ފުއްދާލަން ޖެހުމާ އެކު ސީޒަނުގެ ކުރީކޮޅު އޭނާ އަށް މަގާމް ދަމަހައްޓަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

ޖަރުމަނުގެ ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 9:30 ގައި އަމިއްލަ ދަނޑުގައި ނުކުންނާނީ އެއިންޓްރަކް ފްރެންކްފާޓްއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!