ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ މޮޅު ކުޅުންތެރިޔަކީ ލެވަންޑޮސްކީ، ކޯޗަކަށް ކްލޮޕް

އެންމެ މޮޅު ކުޅުންތެރިޔަކީ ލެވަންޑޮސްކީ، ކޯޗަކަށް ކްލޮޕް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 ޑިސެމްބަރު 2020

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ދޭ ބެސްޓް އެވޯޑުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަގާމް ލިވަޕޫލްގެ ޔާގެން ކްލޮޕަށް ލިބިއްޖެ އެވެ.

ސްވިޒަލެންޑުގެ ޒިއުރިޗްގައި މިރޭ އޮތް އެވޯޑް ހަފްލާގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ އާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ މޮޅު ގޯލަށްދޭ “ޕުސްކަސް” އެވޯޑާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވަނީ ހޮވައިފަ އެވެ. މީގެ އިތުރުން ފޭން އެވޯޑާއި ފީފާ ފެއާ ޕްލޭ އެވޯޑުގެ އިތުރުން އަންހެން އަދި ފިރިހެން އެންމެ މޮޅު އެގާރަ ކުޅުންތެރިން ހިމެނޭ ފިފްޕްރޯ ޓީމު ހޮވާފައިވެ އެވެ.

ލެވަންޑޮސްކީ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުވެންޓަސް އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ބާސެލޯނާ އާއި އާޖެންޓީނާގެ ލިއޮނަލް މެސީއާ ވާދަކޮށެވެ. މި އެވޯޑް ހޯދާނެކަމަށް ކުރިން ވެސް ޔަގީންވެފައިވާ ލެވަންޑޮސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާނުން ހޯދި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ލެވަންޑޮސްކީ ވަނީ ބަޔާން މިއުނިކުން ޖަރުމަނު ބުންޑަސް ލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު އެ ދެމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މީގެ އިތުރުން ބަޔާނުން ހޯދި ޖަރުމަނު ކަޕްގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކުރީ ލެވަންޑޮސްކީ އެވެ. ފީފާ އެވޯޑްގެ އިތުރުން ލެވަންޑޮސްކީ ވަނީ މިއަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އެވޯޑް ލިބުމުން ލެވަންޑޮސްކީ ބުނީ މެސީ އާއި ރޮނާލްޑޯއާ ވާދަކޮށް އެވަރުގެ އެވޯޑެއް އޭނާއަށް ލިބުމަކީ ކުރެވުނު އާދަޔާހިލާފު އިހުސާސެއް ކަމަށެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓަރ ސިޓީ އާއި އިންގްލެންޑުގެ ލޫސީ ބްރޯންޒް އެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީ އާއި ޑެންމާކްގެ ޕާނިލޭ ހާޑާ އާއި ލިޔޯން އާއި ފްރާންސްގެ ވެންޑީ ރެނާޑް އެވެ.

???????? It's back-to-back crowns for Jurgen Klopp! Congratulations to the @LFC boss on becoming the first to win #TheBest FIFA Men's Coach twice ????#FIFAFootballAwards pic.twitter.com/VfsfVdwDqf

— FIFA (@FIFAcom) December 17, 2020

އެންމެ މޮޅު ފިރިހެން ކޯޗުގެ އެވޯޑް ކްލޮޕަށް ލިބުމުގެ އެންމެ ބޮޑު ސަބަބަކީ 30 އަހަރަށް ފަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކުރުމެވެ. މި އެވޯޑަށް ކްލޮޕާ އެންމެ ގާތުން ވާދަކުރީ މިއަހަރު ބަޔާން މިއުނިކާ އެކު ފަސް ތަށި ކާމިޔާބުކޮށްފައިވާ ހަންސީ ފްލިކް އެވެ. މި ދެކޯޗުންނާ އެކު ނޮމިނޭޓްވީ ލީޑްސް ޔުނައިޓެޑާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ މާސެލޯ ބިއެލްސާ އެވެ. ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމް މިދިޔަ އަހަރު ވެސް ހޯދީ ކްލޮޕް އެވެ. މިއަހަރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމް ލިބުނީ ނެދަލެންޑްސްގެ ސަރީނާ ވިއެގްމަން އަށެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީގެ އެމާ ހަޔެސް އާއި ލިޔޯންގެ ޖީން-ލޫކް ވަސެއާ އެވެ.

???? Get in there, Sonny! Son Heungmin's breathtaking goal against Burnley wins him the FIFA #Puskas Award ????

⚪️ @SpursOfficial | @theKFA ????????
???? #TheBest #FIFAFootballAwards pic.twitter.com/kLXsAh8Twr

— FIFA (@FIFAcom) December 17, 2020

ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން އަށެވެ. އެވޯޑް ލިބުނު ސޮންގެ ގޯލަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެކެވެ. އެވޯޑް ލިބުމުން ސޮން ބުނީ އެގޯލުގެ ފުރިހަމަކަން އިހުސާސް ކުރެވުނީ މެޗަށް ފަހު ގޯލުގެ ވީޑިއޯ ބެލުމުން ކަމަށެވެ. ސޮން ވަނީ އޭނާ އަށް ލިބުނު ކާމިޔާބީގައި ޓޮޓެންހަމްގެ ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފަ އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ ބަޔާން މިއުނިކާއި ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާ އެވެ. ނޯޔާއާ އެކު މި އެވޯޑަށް ވާދަކުރީ މިދިޔަ އަހަރު މަގާމް ހޯދި ލިވަޕޫލާއި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި އެތުލެޓިކޯ މެޑްރިޑާއި ސްލޮވީނިއާގެ ގޯލްކީޕަރު ޔަން އޮބްލަކް އެވެ.

???? Here is the FIFA @FIFPro Men's #World11 2020:

???? @Alissonbecker, @TrentAA, @SergioRamos, @VirgilvDijk, @AlphonsoDavies, @DeBruyneKev, @Thiago6, Joshua Kimmich, Lionel Messi, @lewy_official and @Cristiano

???? What a team! pic.twitter.com/9yJMGr4A6M

— FIFA (@FIFAcom) December 17, 2020

ފިފްޕްރޯ ފިރިހެން ޓީމުގައި އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. މި ޓީމުގައި ހިމެނުނު އެގާރަ ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ، ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑް، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސް، އަލްފޮންސޯ ޑޭވީސް، ޖޯޝުއާ ކިމިޗް، ކެވިން ޑި ބްރޭނާ، ތިއާގޯ އަލްކަންޓާރާ، ލިއޮނަލް މެސީ، ރޮބާޓް ލެވަންޑޮސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރަސްމިއްޔާތުގައި ވަނީ މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ޑިއޭގޯ މަރަޑޯނާ އާއި މިދިޔަ ހަފްތާ ދުނިޔެ ދޫކުރި އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި ޕައޮލޯ ރޮސީގެ ހަނދާން އާކޮށްފަ އެވެ. އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު އޭނާ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. މަރަޑޯނާގެ އެންމެ ހާއްސަ އުސްއައްޔަކީ 1986 ވަނަ އަހަރު އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ދެއްކި ތަފާތު މޮޅު ކުޅުމެވެ. އުމުރުން 64 އަހަރުގައި ރޮސީ މަރުވިއިރު އޭނާ އަކީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އިން ކާމިޔާބުކުރިއިރު އެންމެ ގިނަ ގޯލު ޖަހައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

އެވޯޑް ހަފްލާގައި ވަނީ އިނގިރޭސި ވިލާތުގެ ސްކޫލް ދަރިވަރުންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށް ސަރުކާރަށް ޕްރެޝަރުކޮށް އެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފާޑަށް ފީފާ ފައުންޑޭޝަން އެވޯޑް ދީފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!