ފުރަތަމަ ސަފްޙާ / ޚަބަރު / ހާލަންޑް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާނެ: ވެންގާ
ފަހުމިނެޓް

ހާލަންޑް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާނެ: ވެންގާ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 3 ސެޕްޓެމްބަރު 2021

މާލީ ބާރުވެރިކަން އިނގިރޭސި ޕްރިމިއާ ލީގުގައި ބޮޑުވެ، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ލީގަށް ބަދަލުވާނެކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މަޝްހޫރު ބޮޑެތި ކްލަބްތަކުން ފާރަލަމުން ދަނިކޮށް އުމުރުން 21 އަހަރުގެ ނޯވޭ ފޯވާޑް އޮސްޓްރިއާގެ ރެޑްބުލް ސާލްސްބާގް ދޫކޮށް ޑޯޓްމަންޑަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ ކްލަބަށް ބަދަލުވުމަށް ފަހު ހާލަންޑް ވަނީ މިހާތަނަށް ކުޅުނު 64 މެޗުގައި 63 ލަނޑު ޖަހައިފަ އެވެ. އާ ސީޒަން ފަށައިގެން ފޯމު ދަމަހައްޓަމުން އަންނަ ހާލަންޑް ވަނީ މި ސީޒަނުގެ ބުންޑަސްލީގާގައި މިހާތަނަށް ތިން ލަނޑު ޖަހައިފަ އެވެ. އަދި ނޯވޭގެ ޓީމު މިދިޔަ ބުދަ ދުވަހު ނެދަލެންޑްސްއާ 1-1 އިން އެއްވަރުކުރި މެޗުގައި ލަނޑު ޖެހީ ހާލަންޑް އެވެ.

ޒުވާން އުމުރުގައި ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ހާލަންޑް ހޯދަން ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ. ހާލަންޑަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރި އިނގިރޭސި ކްލަބްތަކަކީ މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލް އަދި ޗެލްސީ އެވެ. މީގެ ތެރެއިން ޗެލްސީން ވަނީ މިދިޔަ އަންގާރަ ދުވަހު ނިމުނު ޓްރާންސްފާ ބާޒާރުގައި ހާލަންޑަށް ބިޑު ކުރުމާ މެދު މަޝްވަރާކޮށްފަ އެވެ. އެކަމަކު އެޓީމުން ރޮމެލޫ ލުކާކޫ ގެނައުމާ އެކު އެ މަސައްކަތް ހުއްޓާލި އެވެ. ސާޖިއޯ އަގުއޭރޯގެ ރީޕްލޭސްމަންޓަކަށް ހާލަންޑް ގެނައުމުގެ ޝައުގުވެރިކަން ސިޓީން ވެސް ފާޅުކުރި އެވެ. އެކަމަކު މި ސީޒަނުގައި ހާލަންޑް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ހުރިހާ ކްލަބަކަށް ވެސް ޑޯޓްމަންޑުން ވަނީ ނޫނެކޭ ބުނެފަ އެވެ.

ޔޫރަޕްގެ އެހެން ޓީމުތަކަށް ބަލާއިރު ހާލަންޑަށް ޝައުގުވެރިކަން ފާޅުކުރީ ޕީއެސްޖީ އާއި ރެއާލް މެޑްރިޑްގެ އިތުރުން ބާސެލޯނާ އެވެ. ޓްރާންސްފާ ބާޒާރުގައި ކިލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެކަމަށް ހީކުރެވުމުން ޕީއެސްޖީން އޮތީ ހާލަންޑަށް ބޮޑު އަގެއް ހުށަހަޅަން ތައްޔާރަށެވެ. އެކަމަކު ފަހުވަގުތު އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުމުން ހާލަންޑްގެ ޑީލް ފުރިހަމަކުރަން ޕީއެސްޖީން މަސައްކަތެއް ނުކުރެ އެވެ.

ޔަގީނާ ގާތަށް އެނގޭ ކަމަކީ ކުރިއަށް އޮތް އަހަރުތަކުގައި ހާލަންޑް ގެންދިއުމަށް ޔޫރަޕްގެ މަޝްހޫރު ކްލަބަކުން ބޮޑު ހަރަދު ކުރާނެ ކަމެވެ. ހާލަންޑާ ގުޅޭގޮތުން ސުވާލުކުރުމުން ވެންގާ ބުނީ މާލީ ފުދުންތެރިކަމަށް ބަލާނަމަ ހާލަންޑް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާނެ ކަމަށެވެ.

“އަހަރެން ބުނާނީ ހާލަންޑް އިނގިރޭސި ކްލަބަކަށް ބަދަލުވާނޭ. އިނގިރޭސި ކްލަބްތަކުގެ އިގްތިސާދީ ބާރުވެރިކަން މާ ވަރުގަދަ. އިނގިރޭސި ފުޓްބޯޅަ ދުނިޔޭގައި ޑޮމިނޭޓްކުރާ ސަބަބަކީ އެއީ އެންމެ ގިނައިން ފައިސާ އޮތްތަނަށް ވާތީ. މޮޅެތި ކުޅުންތެރިން އަބަދުވެސް ބަލާނީ އެފަދަ މަގުތަކަށް” ހާލަންޑް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމުގައި ބޮޑު ސަބަބަކަށް ފައިސާ ވާނެކަން ހާމަކުރަމުން ވެންގާ ބުންޏެވެ.

ވެންގާ ބުނީ އެމްބާޕޭއެކޭ އެއްގޮތަށް ހާލަންޑް ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ފުޓްބޯޅައިން ފެންނާނެ އެންމެ ހައިޕްރޮފައިލް ކުޅުންތެރިޔާ އަށް ކަމަށެވެ.

އިނގިރޭސި ލީގަށް ހާލަންޑް ބަދަލުވާނެކަމަށް ވެންގާ ބުނިއިރު މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލުކާކޫ އިންޓަ މިލާން ދޫކޮށް ބޮޑު އަގުގައި ކުރީގެ ކްލަބް ޗެލްސީ އަށް ބަދަލުވިއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 13 އަހަރަށް ފަހު އެނބުރި ޔުނައިޓެޑަށް ބަދަލުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!