ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލް ފުރަތަމަ ލެގުގައި ރޭ ލިވަޕޫލުން މެންޗެސްޓާ ސިޓީގެ މައްޗަށް 0-3 ގެ ނަތީޖާ އަކުން ފުރިހަމަ ކާމިޔާބެއް ހޯދައި ގާޑިއޯލާ ލަދު ގަންނަވާލިއިރު، ރޭގެ ދެވަނަ މެޗުގައި ބާސެލޯނާއިން ވަނީ ފަސޭހަކަމާއެކު 1-4 ގެ ނަތީޖާއަކުން ރޯމާ ބަލިކޮށްފައެވެ.
ޗެމްޕިއަންސް 5 ފަހަރު ކާމިޔާބު ކޮށްފައިވާ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ސަލާޙް އެވެ. ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ސަލާޙް މި ލަނޑު ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓުގައެވެ.
އޭގެ 8 މިނެޓު ފަހުން މި ސީޒަނުގައި އާރސެނަލް އިން ލިވަޕޫލަށް ބަދަލުވި އިނގިރޭސި މިޑްފީލްޑަރ އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ޗެމްބަލެއިން މި ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި 3 ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވަޑް ސާޑިއޯ މާނޭއެވެ. ސަލާހު ނަގައިދިން ރީތި ހުރަސް މާނޭ ވަނީ މުޅިން ހުސްކޮށް ހުރެ ބޮލުން ސިޓީގެ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލާފައެވެ.
ލީޑް ހިފެހެއްޓުމުގެ ގޮތުން މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުންގަނޑު ވަރަށް ބޮޑަށް ބަދަލުކޮށް، ޑިފެންސިވް ގޭމެއްކުޅެ ސިޓީއަށް ގޯލެއް ކާމިޔާބު ކުރިޔަ ނުދީ ހިފަހައްޓާފައެވެ. މި މެޗުގެ 52 ވަނަ މިނެޓުގައި ސަލާޙް އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާވަނީ ބަދަލުކޮށްފައެވެ.
ސިޓީ އަށް ދެން ސެމީގެ ފުރުސަތު ލިބޭނީ އަންނަ އަންގާރަ ދުވަހު ސިޓީގެ އިއްތިޙާދު ސްޓޭޑިއަމްގައި ކުޅޭ މެޗުން ލިވަޕޫލް އަތުން ތިން ލަނޑަށް ވުރެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެ މެޗު 3-0 އިން ނިމިއްޖެނަމަ އިތުރު ވަގުތުގެ ދެހާފްކުޅެ އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޖަހާނެއެވެ.
ކުއާޓާގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބާސެލޯނާއިން ވަނީ ފަސޭހަކަމާއެކު ރޯމާ އަތުން މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާއިން ޖެހި ފުރަތަމަ ދެގޯލަކީވެސް ރޯމާގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެގޯލެވެ. ޑެނިއެލް ޑެރޮސީ އާއި ކޮސްޓަސް މަނޯލަސް އަތުން ބައިކޮޅަށް ވަން މި ދެގޯލާއެކު ބާސާ ހަމަޖެހިލައިގެން ކުޅުނު މިމެޗުގައި ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި ރޯމާގެ އެޑިން ޒެކޯ ގޯލެއްޖަހާ ރޯމާއަށް އުއްމީދު އާކޮށްދިންނަމަވެސް މެޗުގެ ފަހުވަގުތުކޮޅުގައި ލުއިސް ސުއަރޭޒް ވަނީ ބާސާއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ސެމީ ފައިނަލްގެ ފުރުޞަތު ބޮޑުކޮށްދީފައެވެ.
ކުއާޓާގެ ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުއެވެ.