ޖަރުމަން ކަޕްގައި ރޭ ކުޅުނު މެޗުގައި ފަސް ވަނަ ޑިވިޝަނުގެ ބްރެމާ އެސްވީއާ ދެކޮޅަށް ކުޅުނު މެޗު 12-0 އިން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
ޖަރުމަނު ކަޕްގެ ފުރަތަމަ ބުރުގެ މި މެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ މި މަހުގެ ކުރީކޮޅެވެ. އެކަމަކު ބްރެމާގެ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން މެޗު ފަސްކުރަން ޖެހުނީ އެވެ. ރޭގެ މޮޅަކީ 1965 ވަނަ އަހަރުގެ ފަހުން އެންމެ ބޮޑު ފަރަގަކުން ބަޔާން މޮޅުވި ދެ ވަނަ މެޗެވެ. މި މުއްދަތުގައި އެންމެ ތަފާތު ބޮޑުކޮށް އެޓީމު މޮޅުވީ 1997 ވަނަ އަހަރު ޑީޖޭކޭ ވޯލްޑްބާގާ ވާދަކޮށް 1-16 އިންނެވެ.
ރަށުން ބޭރުގައި ލަނޑު ގޯންޏެއް އޮއްސާލި މެޗުގައި ބަޔާންގެ އެރިކް މެކްސިމް ޗުޕޯ-މޯޓިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަނެއް އަށް ލަނޑުގެ ތެރެއިން ޖަމާލް މުސިއާލާ ދެ ލަނޑު ޖެހިއިރު އެއް ގޯލަކީ ބްރެމާގެ ޖޭން-ލޫކާ ވާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބާކީ ލަނޑުތައް ބަޔާނަށް ޖަހައިދިނީ މިކައިލް ކުއިސާން އާއި މަލިކް ޓިލްމަންގެ އިތުރުން ކޮރެންޓިން ޓޮލީސޯ އަދި ލިރޯއި ސާނޭ އާއި ބޯނާ ސާ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ބްރެމާގެ އޫގޯ-މާރިއޯ ނޮބިލް އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. ބަޔާނުން ހޯދި ފަސޭހަ މޮޅުގައި އެޓީމުން ވަނީ 37 ހަމަލާ އިދިކޮޅު ގޯލަށް ފޮނުވާލާފަ އެވެ.
ފުރަތަމަ ބުރުގައި 63 މެޗު ކުޅެފައިވާއިރު މިހާރު ޓީމުތައް ވަނީ ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. މި މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުތައް އޮންނާނީ އޮކްޓޫބަރު 26 އަދި 27 ގަ އެވެ. ޖަރުމަނުގެ ބާލިންގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި 21 ވަނަ ދުވަހު އެވެ.