ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާ އެކު 1-5 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަކޮށް އިނގިރޭސި ޕްރިމިއާ ލީގު ފަށައިފި އެވެ.
އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ކުޅުނު މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވަދެފަ އެވެ. މިއީ މިދިޔަ 17 މަސްތެރޭ ވާދަވެރި މެޗަކަށް ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑަށް މިހާ ގިނަ ސަޕޯޓަރުން ވަން ފުރަތަމަ ފަހަރެވެ. ކޮވިޑާ ގުޅިގެން މިދިޔަ ސީޒަން އެއްކޮށް ކުޅެން ޖެހުނީ ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ.
މެޗު ފެށުމުގެ ކުރިން ޔުނައިޓެޑުން ވަނީ އެޓީމަށް ރެއާލް މެޑްރިޑުން ގެނައި ރަފައެލް ވަރާން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ޔުނައިޓެޑް ޓީމު ދަނޑަށް އެރުމުގެ ކުރިން ވަރާން ވަނީ އޭނާ ބޭނުންކުރާ 19 ނަންބަރު ޖާޒީއާ އެކު ދަނޑަށް އަރައި ސަޕޯޓަރުންނަށް ތައާރަފްވެފަ އެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހަން މަގުފަހިކޮށްދިނީ ޕައުލް ޕޮގްބާ އެވެ. މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު 26 މެޗުގައި ޕޮގްބާ އަށް ހެދުނީ ތިން އެސިސްޓެވެ. ޕޮގްބާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް މެޗެއްގައި ހަތަރު އެސިސްޓް ހެދި ހަތް ވަނަ ކުޅުންތެރިޔާ އެވެ. އަދި މިއީ ޔުނައިޓެޑަށް ނިސްބަތްވާ ކުޅުންތެރިއަކަށް މި ރެކޯޑް ހެދުނު ފުރަތަމަ ފަހަރެވެ. ފެނާންޑޭސްގެ އިތުރުން ލަނޑު ޖެހީ މޭސަން ގްރީންވުޑާއި ފްރެޑް އެވެ. ލީޑްސްގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ ލޫކް އޭލިން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެޓީމަށް އަލަށް ގެނައި ޖޭޑަން ސަންޗޯ ކުޅެން އަރުވައިފަ އެވެ.
ލީގުގައި މިރޭ ހަތެއް ޖަހާއިރު ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ އާސެނަލްގެ ލެޖެންޑް ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ނުކުންނަ ކްރިސްޓަލް ޕެލޭސް އާއި ޗެލްސީ ވާދަކުރާ މެޗެވެ. މިރޭ ކުޅޭ ފަހު މެޗުގައި ނޯވިޗް ސިޓީ ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.