ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ ގެނައީ ކްލަބްގައި އެފެންވަރު ހުރީމަ: ޕީއެސްޖީ

މެސީ ގެނައީ ކްލަބްގައި އެފެންވަރު ހުރީމަ: ޕީއެސްޖީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 12 އޮގަސްޓް 2021

ލިއޮނަލް މެސީ ޕީއެސްޖީ އަށް ގެނައީ އެ ކްލަބުގައި މާލީ ގޮތުން ފެންވަރު ހުރީމަ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ ވިދާޅުވެއްޖެ އެވެ. މަހުޖަނު ހެއްލާފީ މިހެން ވިދާޅުވީ ރަސްމީކޮށް މެސީގެ ސޮއި ހޯދުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ބާސެލޯނާގައި 16 އަހަރު ހޭދަކޮށް 35 ތަށި ކާމިޔާބު ކުރުމަށްފަހު މެސީ ޕީއެސްޖީ އަށް ބަދަލުވީ މީގެ ދެ ދުވަސް ކުރިންނެވެ. މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ ސްޕެނިޝް ލީގުގެ އުސޫލުތަކާ އެއްގޮތަށް މެސީގެ މުސާރަ ބާސެލޯނާ އަށް ހަމަޖެއްސެން ނެތުމުންނެވެ. ބާސެލޯނާ އިން ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ކްލަބުގައި މެސީ ބަހައްޓަން މަސައްކަތްކޮށްފަ އެވެ. ބާސެލޯނާ އިން މެސީ ދޫކޮށްލާނެކަން އިއުލާންކުރުމާ އެކު އޭނާ ގެންދިއުމުގެ މަސައްކަތް ފެށީ ޕީއެސްޖީންނެވެ. ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގައި މެސީ ޕީއެސްޖީ އަށް ބަދަލުވީ އަހަރަކު 35 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. ސޮޔާއެކު ވެސް ޕީއެސްޖީން ވަނީ ބޯނަހުގެ ގޮތުގައި 35 މިލިއަން ޑޮލަރު ދީފަ އެވެ. އެއްބަސްވުމުގައި ބުނާގޮތުން ޕީއެސްޖީން ބޭނުންނަމަ އިތުރު އަހަރަކު މެސީ މަޑުކުރުވުމުގެ އިހްތިޔާރު އެ ކްލަބަށް ލިބޭނެ އެވެ.

މެސީގެ ސޮއި ހޯދިއިރު ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އާ ޕީއެސްޖީން ހިލާފުވެދާނެތޯ ކުރަމުން އަންނަ ސުވާލަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހެއްލާފީ ވަނީ ޖަވާބުދެއްވާފަ އެވެ. ހެއްލާފީ ވިދާޅުވީ މީޑިއާ އިން ނެގެޓިވް ވިސްނުން ދޫކޮށްލައި މެސީއާ އެކު ޕީއެސްޖީ އަށް ލިބޭނެ ފައިދާތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި މެސީ ގެނައީ އެ ކްލަބުގައި މާލީ ގޮތުން އެފެންވަރު ހުރެގެންކަމަށް ހައްލާފީ ވިދާޅުވި އެވެ.

“ޕީއެސްޖީގެ ފައިނޭންޝިއަލް މީހުންނާ ވާހަކަދެކެވި ޕީއެސްޖީ އަށް މެސީގެ ސޮއި ހޯދޭނެކަން ޔަގީންވި. ފައިނޭންޝިއަލް ފެއާޕްލޭ އަށް އަބަދުވެސް މި ކްލަބުން ބަލާނެ. އަދި އޭގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވާނެ” މެސީ ގެނައީ އެފްއެފްޕީއާ ފުށުނާރާނެހެންކަން ފާހަގަކުރަމުން ހައްލާފީ ވިދާޅުވި އެވެ.

މެސީ ޕީއެސްޖީއާ ގުޅުމާއެކު އެ ކްލަބް ވެފައިވަނީ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މިވަގުތު ޔޫރަޕްގައި އޮތް އެންމެ މޮޅު ޓީމަށެވެ. މެސީއާ އެކު ޕީއެސްޖީގެ ކުރިއަށް ކުޅޭނީ ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކިލިއަން އެމްބާޕޭ އެވެ.

ހެއްލާފީ ވިދާޅުވީ މެސީގެ ސޮއި ލިބުމާ އެކު އެ ކްލަބުގައި އެމްބާޕޭ މަޑުކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު އެވެ. އެކަމަކު ކޮންމެ އަހަރެއްގެވެސް ޓްރާންސްފާ ބާޒާރުގައި އެމްބާޕޭއާ ރެއާލްއާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވެ އެވެ.

“އޭނާ (އެމްބާޕޭ) ބޭނުންވީ ވާދަވެރި ޓީމެއްގައި ހުންނަން. އަހަރެންނަށް ވިސްނޭ ގޮތުގައި ދުނިޔޭގައި މިހާރު އޮތް އެންމެ ވަރުގަދަ ޓީމު މިއޮތީ ޕީއެސްޖީގައި. އެހެންވީމަ އެމްބާޕޭ އަށް މިހާރު ދެއްކޭނެ ބަހަނާއެއް ނޯންނާނެ. އެމްބާޕޭ އަށް އޮތީ މި ކްލަބުގައި މަޑުކުރުން” ހެއްލާފީ ވިދާޅުވި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދުމަށް އަމާޒު ހިފާފައިވާ ޕީއެސްޖީން ވަނީ މި ސީޒަނުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި މެސީގެ އިތުރުން އެޓީމުން ވަނީ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކި ޖިއޮޖީނިއޯ ވައިނަލްޑަމް އާއި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ގެނެސްފަ އެވެ. މި ކުޅުންތެރިންގެ އިތުރުން އިންޓަ މިލާނުގައި ހުރި މޮރޮކޯގެ ހުނަރުވެރި ޑިފެންޑަރު އަޝްރަފް ހަކީމީ ވެސް ވަނީ ޕީއެސްޖީއާ ގުޅިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!