ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ ދެ އަހަރު ދުވަހަށް ޕީއެސްޖީ އަށް ސޮއިކޮށްފި

މެސީ ދެ އަހަރު ދުވަހަށް ޕީއެސްޖީ އަށް ސޮއިކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 އޮގަސްޓް 2021

ބާސެލޯނާއަށް 16 އަހަރު ވަންދެން ކުޅުމަށްފަހު އެ ކްލަބްގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ. އުމުރުން 34 އަހަރުގެ ފޯވާޑް ރޭ ޕީއެސްޖީ އާ ގުޅެން ސޮއިކުރި އެއްބަސްވުމުގައި އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހިމަނައިފައިވެ އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ މެސީ މިހާތަނަށް ކުޅުނު ހަމައެކަނި ކްލަބް ކަމަށްވާ ބާސެލޯނާ ދޫކޮށްލީ ސްޕެނިޝް ލީގުގެ ކްލަބްތަކުން އަމަލުކުރަންޖެހޭ މާލީ ގަވައިދުގެ ދަށުން އާ އެއްބަސްވުމެއް މެސީ އާއެކު ހަދަން ބާސެލޯނާ އަށް ހަރަދުކުރެވެން ނެތުމުންނެވެ. މިދިޔަ އާދީއްތަ ދުވަހު މެސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނެފައިވަނީ ބާސެލޯނާ ދޫކޮށްލުން އެއީ އޭނާ ބޭނުންވި ގޮތް ނޫންކަމަށާއި އަދި އެކަމަށް އޭނާ ހުރީ ތައްޔާރުވެގެންނެއްވެސް ނޫންކަމަށެވެ.

ޕީއެސްޖީއަށް ސޮއިކުރުމަށްފަހު މެސީ ބުނެފައިވަނީ ޕީއެސްޖީ އާއެކު ކެރިއަރުގެ އާ ސޮފްހާއެއް ފަށަން އޭނާ މިހާރު ހުރީ ކެތްމަދުވެފައި ކަމަށެވެ.

“ޕެރިހުގައި އަހަރެންގެ ކެރިއަރުގެ އާ ސޮފްހާއެއް ފަށަން މިހުރީ ކެތްމަދުވެފަ. މި ކްލަބްގެ ތަސައްވުރާ އަހަރެންގެ އުއްމީދުތަކާ ވަރަށް އެއްގޮތް. ” މެސީ ބުނެފައިވެ އެވެ.

“މި ކްލަބްގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި ސްޓާފުން  އެބަތިބި. އަހަރެން މިހުރީ އެ އެންމެންނާއެކު މި ކްލަބް ކުރިއަށްގެންދަން ތައްޔާރަށް. އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ކްލަބަށާއި ކުޅުންތެރިންނަށް ވަރަށް މުހިއްމު ކަމެއް. ޕީއެސްޖީގެ ދަނޑުގައި ފައި ޖައްސާލަން އަހަރެން މިހިރީ ކެތްމަދުވެފަ.” ޕީއެސްޖީ އަށް ސޮއިކުރުމަށްފަހު މެސީ ބުނެފައިވެ އެވެ.

ޕީއެސްޖީގައި ހޭދަކުރާ ކޮންމެ އަހަރަކު ޓެކްސްގެ ފައިސާ އަށް ކެނޑުމަށް ފަހު ބޯނަހުގެ ގޮތުގައި މެސީ އަށް 25 މިލިއަން ޕައުންޑް ލިބޭނެ އެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާގެ ޓީމާ ގުޅުނު މެސީ ވަނީ އެ ކްލަބަށް ކުޅުނު 778 މެޗުގައި 672 ލަނޑު ޖަހައިފަ އެވެ. ހަތަރު ޗެމްޕިއަންސް ލީގު ހިމެނޭގޮތަށް ބާސެލޯނާއާ އެކު މެސީ 35 ތަށި ހޯދި އެވެ.

ޕީއެސްޖީގައި މެސީ ބޭނުންކުރާނީ 30 ނަންބަރު ޖާޒީ އެވެ. އެ ނަންބަރަކީ ބާސެލޯނާއާ އެންމެ ފުރަތަމަ ގުޅުމަށް ފަހު އެ ކްލަބުގައި ވެސް މެސީ ބޭނުންކުރި ނަންބަރެވެ. އާއްމުކޮށް މެސީ ބޭނުންކުރާ 10 ނަންބަރު ޖާޒީ ޕީއެސްޖީގައި ބޭނުންކުރަނީ ނޭމާ އެވެ. މެސީ ޕީއެސްޖީއާ ގުޅުމުން ނޭމާ ވަނީ ވަގުތުން މެސީ އަށް މަރުހަބާ ކިޔައިފަ އެވެ. ނޭމާއާ އެއް ޓީމަކަށް މެސީ ބަދަލުވިއިރު މިދިޔަ އަހަރު ނޭމާ ވަނީ އޭނާ މެސީއާ އެއްޓީމަކަށް އަލުން ކުޅެން ބޭނުންވާކަމަށް ބުނެފަ އެވެ.

މެސީ އަކީ ހިލޭ ޓްރާންސްފާއެއްގައި މިފަހަރު ޕީއެސްޖީއާ ގުޅުނު ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ހިލޭ ޓްރާންސްފާގައި އެ ކްލަބާ ގުޅުނީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. މި ހަތަރު ކުޅުންތެރިންގެ އިތުރުން މޮރޮކޯގެ އުއްމީދީ ޑިފެންޑަރު އަޝްރަފް ހަކީމީ ވެސް ވަނީ ޕީއެސްޖީއާ ގުޅިފަ އެވެ.

ޕީއެސްޖީ ޓީމުގައި މެސީއާ އެކު ކުރިއަށް ކުޅޭނީ ދުނިޔޭގެ އެންމެ އަގުބޮޑު ދެކުޅުންތެރިން ކަމަށްވާ ނޭމާ އާއި ކިލިއަން އެމްބާޕޭ އެވެ. މި ތިން ކުޅުންތެރިންނާ އެކު ޕީއެސްޖީ ވެގެންދާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެޓޭކެއް އޮތް ކްލަބަށެވެ.

ފްރެންޗް ލީގުގެ ކުޅުން މިހާރު ފަށާފައިވާއިރު ޕީއެސްޖީ ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ލީގުގެ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ޕީއެސްޖީ ނުކުންނާނީ ސްޓްރަސްބާގާ ދެކޮޅަށެވެ. އެ މެޗުގެ ކޮންމެވެސް ހިސާބަކުން މެސީ ފެނުމުގެ ފުރުސަތު ބޮޑެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!